ހުއްދަ ނެތި ޣިޔާސުއްދީން ސްކޫލަށް ވަންނަން މަސައްކަތްކުރި ޕީޕަލްސް ނެޝަނަލް ފްރަންޓް، ޕީއެންއެފްގެ ސަޕޯޓަރުންތަކެއް އެތަނުން ދުރަށް ޖެއްސުމުގައި ފުލުހުން އަމަލުކުރި ގޮތާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް މިނިސްޓަރ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލަޖީ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި އާއްމު ކުރެއްވި ޕޯސްޓެއްގައި ހޯމް މިނިސަޓަރ ވިދާޅުވީ ސުލްހަވެރި އެއްވުންތަކާއި ރައްޔިތުން ކުރާ އިހްތިޖާޖުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އަދި އާއްމުކޮށް ރައްޔިތުންނާއި ގުޅޭކަންކަން ހައްލުކުރުމަށް ފުލުހުން ހަރަކާތްތެރިވާއިރު ހާލަތާއި ނުބައްދަލު ބާރު ބޭނުން ނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އަންގަވާފައިވާކަމަށެވެ.
އަދި ވަކިން ޙާއްސަކޮށް ”އެސް. އޯ“ ފުލުހުން ޚާއްސަ ހާލަތްތަކުގައި ނޫނީ ބޭނުން ނުކުރެއްވުމަށްވެސް ރައީސުލްޖުމްހުރިއްޔާ އަންގަވާފައިވާކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.
ހޯމް މިނިސްޓަރ ވިދާޅުވީ ރޭ ޣިޔާސުއްދީން ސްކޫލު ކައިރީގައި ފުލުހުން މަސައްކަތް ކުރެއްވި ގޮތް އަދި ބާރުގެ ބޭނުން ކުރުމާއި “އެސް އޯ“ ފުލުހުން ބޭނުން ކުރަން ޖެހުނު ސަބަބު ރިވިއުކޮށް ބަލަން ކަމިޝަނަރ އޮފް ޕޮލިސްއަށް ދަންނަވާފައިވާކަމަށެވެ.
ޣިޔާސުއްދީން ސްކޫލު ކައިރީގައި ހިނގި ކަންކަމާއި ގުޅޭގޮތުން ފުލުހުން ވިދާޅުވީ އެ ސްކޫލު ކައިރީ ހަރަކާތްތެރިވީ ހުއްދަދީފައިނުވާ އެއްވުމަށް އެ ސްކޫލްގައި ބާއްވަން އުޅޭތީ އެކަން ހުއްޓުވައި، ސްކޫލް ރައްކާތެރިކުރުމަށް ސްކޫލްގެ ފަރާތުން ތައުލީމާބެހޭ ވުޒާރާގައި އެދިފައިވާތީ ކަމަށެވެ. އަދި އެ ވުޒާރާއިން އެކަން ތަންފީޒުކުރުމަށް، ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.