ޚަބަރު

ގދ. ތިނަދޫގައި ފިޝް ކޭމްޕެއް ފަށައިފި


ސްކޫލްތަކުގައި މެރިން ސައިންސް ކިޔަވާ ދަރިވަރުންނަށް އަމާޒުކުރައްވައިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ބާއްވަވާ ފިޝް ކޭމްޕް ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި ފަށްޓަވައިފިއެވެ.

މިއީ، ފިޝަރީޒް މިނިސްޓްރީން ބާއްވާ ހަތްވަނަ ފިޝްކޭމްޕްއެވެ. މިފަހަރުގެ ފިޝްކޭމްޕް ބާއްވަނީ ގދ. އަތޮޅު ތައުލީމީ މަރުކަޒުންނެވެ. މިކޭމްޕްގައި ހަތަރު ސްކޫލަކުން 36 ދަރިވަރުން ބައިވެރިވެއެވެ. މިނިސްޓްރީގެ ހަތްވަނަ ފިޝްކޭމްޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިމަހުގެ ބާވީހުގެ ނިޔަލަށް ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯތިތެރޭގައެވެ. 

އޯލެވެލް އިމްތިޙާނަށް މެރިން ސައިންސް ކިޔަވަމުންދާ ކުދިންނަށް ޚާއްޞަ މިކޭމްޕްގައި ބައިވެރިވަނީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒު، މަޑަވެލި ސްކޫލް، ނަޑެއްލާ ސްކޫލް، ހޯޑެއްދޫ ސްކޫލް، ހުވަދޫ ސްކޫލް، ގދ. އަތޮޅު މަދުރަސާ، ޖަމާލުއްދީން މަދުރަސާ، ފަރެސްމާތޮޑާ ސްކޫލްއެވެ. މިދަރިވަރުންނަށް މަސްވެރިކަމާއި، މަހާގުޅުން ހުރި މޫދުގެ އެކި ކަންކަން އަމިއްލައަށް ތަޖުރިބާކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން މިކޭމްޕްގައި ދަރިވަރުން ހޯދާ ޢަމަލީ ތަޖުރިބާ އެދަރިވަރުންގެ އިމްތިޙާންތަކަށާއި އާންމު ދިރިއުޅުމަށްވެސް ބޮޑު އެހީ އަކަށް ވެގެންދާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. 

މި ފިޝްކޭމްޕްގައި ބައިވެރިވާ ދަރިވަރުން ބުނީ، މި ކޭމްޕްގައި އެކުދިންނަށް ލިބޭ ޢަމަލީ ތަޖުރިބާތަކާމެދު ހިތްހަމަޖެހޭ ކަމަށާއި މިއީ ތަފާތު ތަޖުރިބާއެއް ކަމަށެވެ.

މި ކޭމްޕްގައި ދަރިވަރުންނަށް މަޢުލޫމާތު ދެއްވަނީ އެމްއެންޑީއެފްގެ ކޯސްޓްގާރޑުގެ އޮފިސަރުންނާއި މިނިސްޓްރީގެ ކަމާބެހޭ ތަޖުރިބާކާރުންނާއި މަސްވެރިކަމުގެ ދާއިރާގައި ރާއްޖޭގައި ޙަރަކާތްތެރިވާ ތަފާތު އެކި ފަރާތްތަކާއި މިނިސްޓްރީގެ ދަށުން ހިންގަވާ މެރިން ރިސާޗް ސެންޓަރުގެ ބޭފުޅުންނެވެ. މީގެ އިތުރުން ދަރިވަރުންގެ މެޑިކަލް ކަންތަކުގައި މޯލްޑިވިއަން ރެޑްކްރެސެންޓްގެ މާލޭ ބްރާންޗްގެ ބޭފުޅުން ޙަރަކާތްތެރިވެއެވެ.