ޤާނޫނީ ހަމަތަކުގެ މަތީން ހިންގާ ސިޔާސީ އެއްވެސް ޙަރަކާތަކަށް މި ސަރުކާރުން ހުރަސް ނާޅާނެކަމަށާއި އަދި ސިޔާސީ ޙަރަކާތްތަކަށް ފަހިކޮށްދެވެން އޮތް ހުރިހާ ފުރުޞަތެއް މި ސަރުކާރުން ފަހިކޮށްދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހެން ވިދާޅުވެފައި މިވަނީ ސިޔާސީ ޕާޓީއެއް އުފައްދަން އުޅޭ ބަޔަކު ހިންގަން އުޅުނު ސިޔާސީ ހަރަކާތަކަށް ސަރުކާރުން ހުރަސް އަޅާފައިވާކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ އަލަށް އުފައްދަން މަސައްކަތްކުރާ ސިޔާސީ ޕާޓީއަކުން މިރޭ ބާއްވަން ރާވާފައިވާ ޖަލްސާ ރާއްޖޭގެ ޕްރައިވެޓް ސްކޫލެއްގައި ބާއްވައިދޭން އެ ސްކޫލުން ޢުޒުރުވެރިވެފައި ވާތީ، އެ ސްކޫލުގެ ސަލާމަތާ ރައްކައުތެރިކަން ބަލަހައްޓައިދިނުމުގައި ފުލުހުން ވަނީ އެހީތެރިކަން ދެއްވައިފައިކަމަށެވެ. އަދި ދެ ހަފުތާއަށްވުރެ ދިގު ބަންދު ދުވަސްތަކަކަށްފަހު، އަންނަ އާދީއްތަދުވަހު ސްކޫލްތައް ހުޅުވުމަށް ތައްޔާރުވަމުންދާތީއާ، އަދި އަހަރު ފަހު އިމްތިޙާން ސްކޫލްތަކުގައި ކުރިއަށް ގެންދާ ދުވަސްވަރުކަމަށް ވާތީ، އެއްވެސް ޙަރަކާތެއް ހިންގުމަށް ސްކޫލް ހޯލްތައް ދޫކުރުމަކީ މި ވަގުތު ސްކޫލްތަކަށް ވަރަށް ދަތިކަމެއްްކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. އެހެންކަމުން ސިޔާސީ ޕާޓީ އުފައްދަން މަސައްކަތްކުރާ ފަރާތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ މަގު ސަރުކާރުން ފަހިކޮށްދިނުމުގެ ގޮތުން، ސޯޝަލް ސެންޓަރުގެ މައި ހޯލުގައި ސިޔާސީ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވޭނެ އިންތިޒާމު ސަރުކާރުގެ އަމިއްލަ އިސްނެންގެވުމުގައި ވަގުތުން ވާނީ ހަމަޖައްސައިދީފައިކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.
ރައީސް އޮފީހުން ވިދާޅުވީ ޤާނޫނީ ހަމަތަކުގެ މަތީން ހިންގާ ސިޔާސީ ކޮންމެ ޙަރަކާތަކަށްވެސް ފަހިކޮށްދެވެން އޮތް ކޮންމެ ކަމެއް ކުރިމަގުގައިވެސް ހެޔޮ ނިޔަތާއެކު މި ސަރުކާރުން ދާނީ ފަހިކޮށްދެމުންކަމަށެވެ. އަދި މި ސަރުކާރުން އަބަދުވެސް ކުރިއަށް ދާނީ ސިޔާސީ ޙަރަކާތްތަކަށް ޖާގަދީގެން، ޤައުމުގެ ކުރިއެރުމާއި ރައްޔިތުންނަށް ލާބަޔާ މަންފާ ހޯދައިދިނުމުގެ ވިސްނުން އިސްކޮށްގެންކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.