ޚަބަރު

އައިޖީއެމްއެޗްގެ އައިސީޔޫގެ މަސައްކަތް ޖުލައިމަހަށް ނިންމާލެވޭނެ


އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލެވެ. މި ހޮސްޕިޓަލުން ގިނަ ޢަދަދެއްގެ މީހުން ކޮންމެ ދުވަހަކު ޑޮކްޓަރަށް ދެއްކުމާއި އެހެނިހެން ޚިދުމަތްތައް ހޯދުމަށް ހޮސްޕިޓަލަށް ޒިޔާރަތް ކުރަމުންގެންދެއެވެ. ރާއްޖޭގެ އާބާދީގެ ގިނަބަޔަކު މި ހޮސްޕިޓަލުން ޚިދުމަތް ހޯދަމުން އަންނައިރު، ހޮސްޕިޓަލުން ދެއްވަމުން ގެންދަވާ ޚިދުމަތްތައް އިތުރަށް ފުޅާކުރައްވައި ތަރައްޤީކުރެއްވުމަށްޓަކައި ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. 

އައިޖީއެމްއެޗްގެ އިމަޖެންސީ އޭރިޔާ ކުރިމަތިން އޮންނަ ޕޯޓިކޯ ސަރަޙައްދު ތަޅާލައި، އެތާންގައި މިހާރު ދަނީ އައިސީޔޫ ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އައި.ޖީ.އެމްއެޗުގެ ޚިދުމަތްތައް ތަރައްޤީކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެ ހޮސްޕިޓަލްގެ ސީ.އީ.އޯ ފަރުޙަތު ޝަހީރު ވިދާޅުވީ އައިޖީއެމް ހޮސްޕިޓަލްގެ އިމަޖެންސީ އޭރިޔާ ސަރަޙައްދުގައި ހައްދަވާ އައިސީޔޫގެ މަސައްކަތް ބާރު ދުވެލީގައި ކުރިޔަށްދާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އައިސީޔޫ ޢިމާރާތުގެ ތަނބުޖަހައި ޝީޓް އެޅުމުގެ މަސައްކަތްކަމަށެވެ. ފަރުޙަތު ޝަހީރު ވިދާޅުވީ އަލަށް ޢިމާރާތްކުރައްވާ އައިސީޔޫ ޖުލައިމަހުގެ ފަހުކޮޅު ތަނބުތައް ޖަހައި ޝީޓް އެޅުމުގެ މަސައްކަތް ނިންމާލެވޭނެކަމަށެވެ.

އައިޖީއެމްއެޗް ތަރައްޤީކުރެއްވުމަށް ކުރައްވާ މަސައްކަތުގެ ދަށުން، އައިސީޔޫގެ އިތުރުން އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސް އެކީ ތަޅާލާފައި، އަލުން ރިނޮވޭޓް ކުރުމުގެ މަސައްކަތްވެސް ގެންދަވަނީ ކުރިޔަށެވެ. މި އޮޕަރޭޝަން ތިއޭޓަރގެ މަސައްކަތް ޖުލައިމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ. 

ތިއޭޓަރގެ މަސައްކަތް ނިމިގެންދާއިރު، މިޒަމާނުގެ ފެންވަރަށް ތިއޭޓަރގެތެރެއާއި އިކްއިޕްމެންޓްސް އަޕްގްރޭޑްކުރެވޭނެ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.