މާދަމާއަކީ ރަމަޟާންމަހުގެ 30 ވަނަ ދުވަސްކަމަށާއި، ބުދަ ދުވަހަކީ ފިތުރު އީދު ދުވަސްކަމަށް އިސްލާމީ ކަންތައްތަކާބެހޭ މިނިސްޓްރީން ކަނޑައަޅައިފިއެވެ.
ބުދަ ދުވަހަކީ ފިތުރު އީދު ދުވަސްކަމަށް ކަނޑައެޅީ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމާ ގުޅޭގޮތުން ފަލަކީ ކޮމިޓީން މިރޭ ބޭއްވި ޖަލްސާއަށްފަހު، އިއްވެވި ޤަރާރުގައެވެ. ފަލަކީ ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވާދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. ޝަހީމް ޢަލީ ސަޢީދެވެ.
މި ޤަރާރު އިއްވަވައިދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަލަކީ ކޮމިޓީގެ މެންބަރު ޑރ. މޫސާ އަންވަރު ޙަސަނެވެ.
ޤަރާރު އިއްވަވަމުން ޑރ. މޫސާ އަންވަރު ވިދާޅުވީ ރާއްޖެއާއި އިތުރު އެއްވެސް އިސްލާމީ ޤައުމަކަށް ޝައްވާލުމަހުގެ ހަނދު ފެނިފައިނުވާތީ މާދަމާއަކީ ރަމަޟާންމަހުގެ 30 ވަނަ ދުވަސްކަމަށެވެ. އަދި ޖެހިގެން އަންނަ ބުދަ ދުވަހަކީ މިއަހަރުގެ ފިތުރު ޢީދު ދުވަސްކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.
ޑރ. މޫސާ އަންވަރު ވިދާޅުވީ މިމަހުގެ 8 ވަނަ ދުވަހުގެ އިރުއޮއްސުނުއިރު ރާއްޖޭގެ އެއްވެސް ރަށަކަށް އަދި އިސްލާމީ އެއްވެސް ޤައުމަކަށް 1445 ވަނަ އަހަރުގެ ޝައްވާލް މަހުގެ ހަނދު ފެނުނުކަން ޝަރުޢީ ހަމަތަކުގެ މަތިން ސާބިތުވެފައިނުވާ ކަމަށެވެ. އަދި އިސްލާމީ އެއްވެސް ޤައުމަކަށް މިރޭގެ ހަނދު ފެންމަތިނުވާނޭ ކަމަށް އިތުބާރުހުރި ފަލަކީ ހިސާބުތަކުން ކަށަވަރުވެފައިވާ ކަމަށް ވެސް ޑރ. މޫސާ އަންވަރު ވިދާޅުވިއެވެ.
"މި ބަރަކާތްތެރި ފިތުރު ޢީދުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށާއި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އިސްލާމީ އުންމަތަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުވަން." ޤަރާރު އިއްވަވަމުން ޑރ. މޫސާ އަންވަރު ވިދާޅުވިއެވެ.
މާދަމާއަކީ މިއަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަސްކަމުގައި ކަނޑައަޅާފައިވާއިރު ޖެހިގެން އަންނަ ފިތުރު ޢީދު ދުވަސް ކުލަގަދަކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން މާލެއާއި ހުޅުމާލޭގެ އިތުރުން ސިޓީތަކާއި އަތޮޅުތަކުގެ ވެރިކަންކުރާ ރަށްރަށް ގިޑިގެތަކުންނާއި އިސްލާމީ ޝިޢާރުތައް ރަމްޒުކޮށްދޭ ބައްތިތައް ދިއްލާ މަގުތައް ޖަރީކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު އަންނަނީ ކުރައްވަމުންނެވެ.
ޤަރާރުގައި ވިދާޅުވީ ރާއްޖެއާއި އިތުރު އެއްވެސް އިސްލާމީ ޤައުމަކަށް ޝައްވާލުމަހުގެ ހަނދު ފެނިފައިނުވާތީ މާދަމާއަކީ ރަމަޟާންމަހުގެ 30 ވަނަ ދުވަސްކަމަށެވެ. އަދި ޖެހިގެން އަންނަ ބުދަ ދުވަހަކީ މިއަހަރުގެ ފިތުރު ޢީދު ދުވަސްކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.