މުނިފޫހިފިލުވުން

ގްރޭންޑް ފިނާލޭގައި ވާދަކުރާ 3 ބައިވެރިން - ގަދަ ހިފުމަކަށް


މޯލްޑިވިއަން އައިޑަލް ޓައިޓަލަށް ވާދަކުރާ ތިން ބައިވެރިން މިރޭ ގަދަ ހިފުމަށް ނުކުންނާނެއެވެ.

ފުރަތަމަ މޯލްޑިވިއަން އައިޑަލްގެ ޓައިޓަލަށް ތިން ބައިވެރިވެސް މިރޭ ނިކުންނާނީ ތަފާތު ހުނަރުވެރި ހުށައެޅުންތަކާއެކުއެވެ. މި ޝޯވ މިރޭ 22:30 ގައި ދެއްކުމަށް ހަމަޖެހިފައިވާއިރު މިރޭގެ ޝޯވްއަށް ވޯޓްލުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހުގެ ހަތަރަކާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

މޯލްޑިވިއަން އައިޑަލްގެ ގްރޭންޑް ފިނާލޭ ބޭއްވުމަށްޓަކައި ޕީ.އެސް.އެމްގެ ޓީމުން ބުރަ މަސައްކަތްތަކެއް ކުރަމުންދާއިރު، މިހާރު މިވަނީ ގްރޭންޑް ފިނާލޭ ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހު ބަދަލުކޮށްފައެވެ. ކުރިން ގްރޭންޑް ފިނާލޭ ބޭއްވުމަށް ހަމަޖެހިފައި އޮތީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހެވެ. އެހެން ނަމަވެސް މިހާރު ގްރޭންޑް ފިނާލޭ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މޭ މަހުގެ 2 ވާ ހޯމަ ދުވަހު ރޭ އެވެ. ޕީ.އެސް.އެމްގެ ފަރާތުން މިގޮތަށް ހަމަޖެއްސެވީ ގްރޭންޑް ފިނާލޭ ޝޯވގައި އިންޓަރނޭޝަނަލް އާޓިސްޓެއް ބައިވެރިކުރުމަށް ހަމަޖެހިފައިވާތީ، އޭނާ ރާއްޖެ ގެނެއުމަށްޓަކައި އިދާރީގޮތުން ހަމަޖައްސަންޖެހޭ ކަންތައްތަކެއް ހުރުމުން، އެކަންތައްތައް ހަމަޖެއްސުމުގެ ގޮތުންކަމަށް ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަދި މޯލްޑިވިއަން އައިޑަލްގެ ޕްރޮޖެކްޓް ހެޑް އާމިނަތު ޝާޔަން ޝާހިދު ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14618367389922.jpg|މޯލްޑިވިއަން އައިޑަލް - ގްރޭންޑް ފިނާލޭގައި ވާދަކުރާ 3 ބައިވެރިން / ފޮޓޯ: ޕީ.އެސް.އެމް

މޯލްޑިވިއަން އައިޑަލްގެ ގްރޭންޑް ފިނާލޭއަށް ދަތުރުކުރި ގަދަ 3 ބައިވެރިން އިޢުލާންކޮށްފައި ވަނީ މިދިޔަ ހަފްތާގައި ބޭއްވި އެލިމިނޭޝަން ނައިޓުގެ އެންމެ ފަހު ޝޯވގައެވެ. ގަދަ 12 ބައިވެރިންނާއެކު ފެށި މި މުބާރާތުގެ ގާލާ ރައުންޑުގެ ޝޯވތައް މިހާރު ނިމިފައިވާއިރު، މި 12 ބައިވެރިންގެ ތެރެއިން ގްރޭންޑް ފިނާލޭއަށް ދަތުރުކުރި 3 ބައިވެރިންނަކީ ޝަލަބީ އިބްރާހީމް، މުޙައްމަދު އިޝާން އަދި ލައިޝާ ޖުނައިދެވެ.

ގްރޭންޑް ފިނާލޭގައި ވާދަކުރާ 3 ބައިވެރިން ފޯރިގަދަ ހުށައެޅުންތަކެއް މިރޭގެ ޝޯވގައިވެސް ފެނިގެންދާއިރު، މިރޭވެސް ޝޯވ ދައްކާ ވަގުތުން ފެށިގެން ބެލުންތެރިންނަށް އެންމެ ކަމުދާ ހުށައެޅުމެއް ހުށައަޅައިދިން ބައިވެރިއަކަށް ވޯޓުލުމަށް އެސް.އެމް.އެސް ކުރެވޭނެއެވެ. އެގޮތުން އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު މިރޭގެ ޝޯވދައްކާ ވަގުތުން ފެށިގެން އަންނަ ހޯމަ ދުވަހުގެ 4 ޖެހުމާއި ހަމައަށް ހުޅުވާލެވޭނެއެވެ. 

ބެލުންތެރިންނަށް އެންމެ ކަމުދާ ހުށައެޅުމެއް ހުށައަޅައިދިން ބައިވެރިއަކަށް އެސް.އެމް.އެސް ކުރެއްވުމަށް MI ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވާ، އެ ބައިވެރިއެއްގެ ނަން ޖެއްސެވުމަށްފަހު 303 އަށް އެސްއެމްއެސްއެއް ކުރެއްވުމުން ވޯޓް ދެވޭނެއެވެ. މިއިން ކޮންމެ އެސް.އެމް.އެސްއަކަށް 3 ރުފިޔާ ޗާޖްކުރާނެއެވެ. އަދި ކޮންމެ ނަންބަރަކުންވެސް އެންމެ ގިނަ ވެގެން ފޮނުވޭނީ 50 އެސް.އެމް.އެސްއެވެ.

img:http://s3.psmnews.mv/images/660x400/14618367689083.jpg|މޯލްޑިވިއަން އައިޑަލް - އެލިމިނޭޝަން ނައިޓުގެ އެންމެ ފަހު ޝޯވގެ ތެރެއިން / ފޮޓޯ: ޕީ.އެސް.އެމް

މި ޝޯވއަށް ބެލުންތެރިން ފޮނުވާ ވޯޓަކީ ޞައްޙަ ވޯޓެއްކަން ޔަޤީންކުރުމަށާއި، ވޯޓު ގުނުން ކުރިއަށް ދަނީ އެންމެ އިންސާފުވެރިކޮށްތޯ ބެލުމުގެ މަސައްކަތް ކުރައްވަނީ އޭ.އެޗް އެސޯސިއޭޓްސް، އެލް.އެލް.ޕީ ނަމަކަށް ކިޔާ މިނިވަން އޮޑިޓް ފާމެއްގެ ފަރާތުންނެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން އެކެއް ނިމުމަކާއި ހަމައަށް އައިސްފައިވާއިރު، މި މުބާރާތުން އެއް ވަނައަށް ދާ ފަރާތަކަށް ދެ ލައްކަ ފަންސާސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ޕީ.އެސް.އެމްއާއި އެކި ފަރާތްތަކުން ވަނީ ހުށައަޅާފައެވެ. އަދި ގްރޭންޑް ފިނާލޭ އޮންނަ ރޭ ބެލުންތެރިންނަށާއި، ބައިވެރިންނަށްވެސް ވަރަ ގިނަ ސަޕްރައިޒްތަކެއް ފެނިގެންދާނެކަމަށް ޕީ.އެސް.އެމުން ހާމަކުރެއެވެ.