ޚަބަރު

ދެންނެވި ހޫނު މަރުހަބާއަށް ރައީސް ޝުކުރު އަދާކުރައްވައިފި


ޑޮކްޓަރ ކަލާމް ޕުރަސްކާރް ފޮރ އެކްސެލެންސް އިން ގަވަރނަންސް 2016" ލިބިވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމުން، އާންމުންގެ ގިނަ ބައެއްގެ ފަރާތުން އެމަނިކުފާނަށް ދެންނެވި ހޫނު މަރުޙަބާއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރައްވައިފިއެވެ.

ރައްޔިތުންނަށް ޝުކުރު އަދާކުރައްވައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އެކި އުމުރުފުރައިގެ ދެ ޖިންސުގެ ބޭފުޅުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ވަޑައިގަތުމުން، މި ސަރުކާރުން ކުރައްވަމުންގެންދަވާ ބުރަ މަސައްކަތްޕުޅުތައް ހުރިހާ ރައްޔިތުންވެސް ބަލައިގަންނަކަން ހާމަވާ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގައި އެމަނިކުފާނުގެ ހިތްވަރުފުޅު އާވެއްޖެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވެއެވެ.

img:http://s3.psmnews.mv/images/660x400/14619078033108.jpg|ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ ކަލާމް އެވޯޑަށްފަހު އެނބުރު ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް ރައްޔިތުން މަރުހަބާ ދަންނަވަނީ / ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސަރުކާރުގެ ކާމިޔާބީތައް ސަރުކާރާއެކު ދިވެހި ރައްޔިތުން ފާހަގަ ކުރުމުން، ޤައުމުގެ ކުރިމަގަށްޓަކައި ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ޓީމުން ކުރައްވާ މަސައްކަތްޕުޅުތައް ރައްޔިތުން ބަލައިގަނެ، އެކަންކަމުގެ އަގުވަޒަންކުރާކަން ހާމަވާ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި، ދިވެހި ހުރިހާ ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދެއްވުމަށާއި، އުފާވެރި ދިރިއުޅުމެއް ފަހިކޮށްދެއްވުމަށްޓަކައި ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.

img:http://s2.psmnews.mv/images/660x400/14619078441055.jpg|ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ ކަލާމް އެވޯޑަށްފަހު އެނބުރު ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް ރައްޔިތުން މަރުހަބާ ދަންނަވަނީ / ފޮޓޯ: ރައީސް އޮފީސް

"ޑޮކްޓަރ ކަލާމް ޕުރަސްކާރް ފޮރ އެކްސެލެންސް އިން ގަވަރނަންސް" ފުރަތަމަ ފަހަރަށް ހާސިލްކުރެއްވުމުގެ ޝަރަފު އެމަނިކުފާނަށާއި މުޅި ދިވެހިރާއްޖެއަށް ދެއްވި ކަމަށްޓަކައި ޑޭލްވިއު ގްރޫޕް އޮފް އިންސްޓިޓިއުޝަންސްއަށާއި، އިންޑިޔާގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި، ޙަޤީޤީ އިޤްތިޞާދީ ކުރިއެރުން ރަޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް، ރާއްޖެއަށްވުރެ ހުރިހާ ގޮތަކުން ބޮޑު ޤައުމަކުން ބަލައިގަތްކަމަށްޓަކައި ނުހަނު އުފާފުޅު ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވައިލައްވަމުން، ޑޭލްވިއު ގްރޫޕަށާއި، އިންޑިޔާގެ ހުރިހާ ރައްޔިތުންނަށް ފޮނި ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ. އަދި، ރާއްޖެއާއި އިންޑިޔާއާ ދެ ޤައުމުގެ ދެމެދުގައިވާ އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމު ކުރުމާއި، ގާތް އެކުވެރިކަން، ކުރިއަށް އޮތް ތާނގައި އިތުރަށް ބަދަހިވެ، ވަރުގަދަ ވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ވެއެވެ.