ކުޅިވަރު

ވެޓެރަންސް ލީގު: ޕެނަލްޓީގައި މުއިވެޔޮ ބަލިކޮށް ހުޅުމާލެ ވެޓެރަންސްއިން ތަށި މިލްކުކޮށްފި


40 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ އެފްއޭއެމް ވެޓެރަންސް ލީގު 2024 ގެ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން މުއިވެޔޮ ފްރެންޑްސް ބަލިކޮށް، ހުޅުމާލެ ވެޓެރަންސް ކުލަބުން މުބާރާތުގެ ތަށި މިލްކުކޮށްފިއެވެ.

ހެންވޭރު ދަނޑުގައި ކުރިއަށްދިޔަ މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެއާއެކު ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީގައި ހުޅުމާލެ ވެޓެރަންސް ކުރިހޯދީ 4-3 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ހުޅުމާލެ ވެޓެރަންސްއަށް ލަނޑެއް ޖަހަން ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައިރު، އެ ޓީމުން ފޮނުވާލި ދެ ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ. އަދި މެޗުގެ ދެވަނަ ހާފުގައި މުއިވެޔޮ ޓީމުގެ ކެޕްޓަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ފޮނުވާލި ހަމަލާއެއްވެސް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައި ނެތުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި މުއިވެޔޮ ޓީމުން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީއެއް ވަނީ ނާކާމިޔާބުވެފައެވެ. އެއީ އެ ޓީމުގެ އަޙްމަދު ސައީދު (އައްމަޓީ) އާއި އަޙްމަދު ނިޔާޒު ފޮނުވާލި ޕެނަލްޓީތަކެވެ. އަދި ހުޅުމާލެ ވެޓެރަންސްއިން ހަތަރު ޕެނަލްޓީއެއް ކާމިޔާބުކުރިއިރު، އެ ޓީމުގެ ހުސެއިން ޝިމާޒް (ކޮކީ) ފޮނުވާލި ޕެނަލްޓީ، މުއިވެޔޮގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ޖުމްލަ 10 ޓީމު ވާދަކުރި މި ފަހަރުގެ ވެޓެރެންސް ލީގުގެ މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުއިވެޔޮ ޓީމުގެ ފޯވާޑް އައްމަޓީއެވެ. އަދި އެންމެ މޮޅު ގޯލްކީޕަރަކަށް ހުޅުމާލެ ވެޓެރަންސްގެ ކީޕަރު ހަސަން ރަމީޒު ހޮވުނުއިރު، އެންމެ މޮޅު ކޯޗަކީ އެ ޓީމުގެ އަބްދުﷲ ޝިފާއުއެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންނަށް ހޮވިފައިވަނީ ހުޅުމާލެ ވެޓެރަންސްގެ ކޮކީ އާއި ދިވެހި ސިފައިންގެ ކުލަބުގެ ފޯވާޑް އަޙްމަދު ފަޒާލެވެ.

ޕެނަލްޓީގައި މުއިވެޔޮ ބަލިކޮށް ހުޅުމާލެ ވެޓެރަންސްއިން ތަށި މިލްކުކުރިއިރު، އެ ޓީމުން ވަނީ މި މުބާރާތް 2022 ވަނަ އަހަރާއި މިދިޔަ އަހަރުވެސް ކާމިޔާބުކޮށްފައެވެ.