ޚަބަރު

ހާލުގައި ޖެހިފައިވާ 26 މީހަކު ކަނޑުމަތިން ސަލާމަތްކޮށްފި


ލީބިޔާގެ ބޭރުން ކަނޑުގެ ސަރަޙައްދުގައި ރަބަރު ބޯޓެއްގައި ހާލުގައި ޖެހިފައި ތިބި 26 މީހަކު އިޓަލީވިލާތުގެ ވިޔަފާރި މުދާ އުފުލާ ބޯޓަކުން ސަލާމްތަކޮށްފިއެވެ.

އިޓަލީވިލާތުގެ ކޯސްޓްގާޑުން މައުލޫމާތު ދިންގޮތުގައި ލީބިޔާގެ ކަނޑުގެ ސަރަހައްދުން 7 މޭލު ބޭރުގައި ހާލުގައި ޖެހިފައި އޮތް ބޯޓުގެ މައުލޫމާތު ލިބުނީ ސެޓަލައިޓް ކޯލެއްގެ ޒަރިއްޔާއިންކަމަށެވެ. އަދި ކޯލް ޓެރެކްކުރުމަށް ފަހު ހާލުގައި ޖެހިފައިވާ ބޯޓުގައި ތިބި މީހުން ސަލާމަތްކުރުމަށް އެސަރަހައްދުގެ ކައިރީގައި އޮތް މުދާ އުފުލާ ބޯޓަށް އެންގިކަމަށެވެ.

އިޓަލީގެ އޮފިޝަލުން ވިދާޅުވީ ސަލާމަތްކުރި ބޯޓަކީ އިންސާނީ ވަގުފާރިކުރާ މީހުން ބޭނުންކުރާ ފަދަ ބޯޓެއްކަމަށެވެ. އަދި ވަގުފާރީގެ އަމަލުތައް ހިންގާ ފަރާތްތަކުން އާންމުކޮށް މިފަދަ ބޯޓުތަކުގައި ސަތޭކަ އާއި ސަތޭކަ ވިއްސާ ދެމެދުގެ އަދަދަކަށް މީހުން ދަތުރުކުރުވާކަމަށް އޮފިޝަލުން ވިދާޅުވެއެވެ. ނަމަވެސް މިފަހަރު ބޯޓުން ސަލާމަތްކުރެވުނު 26 މީހުންގެ އިތުރުން، މިބޯޓުގައި އިތުރު ބައެއް ދަތުރު ކުރިކަމެއް ނުވަތަ ނޫންކަން ޔަގީން ނުވާކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ވިޔަފާރި މުދާ އުފުލާ ބޯޓުން ސަލާމަތްކުރި ފަރާތްތައް ވަނީ ކޯސްޓްގާޑުގެ ބޯޓަކަށް ބަދަލުކޮށް އިޓަލީގެ ޖަޒީރާ ރަށެއްކަމަށްވާ ލަންޕެޑޫސާއަށް ގެންގޮސްފައެވެ.