ކުޅިވަރު

ވެޓެރަންސް ލީގު: ސިފައިންގެ ކުލަބު ބަލިކޮށް މުއިވެޔޮ ފައިނަލަށް


40 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ އެފްއޭއެމް ވެޓެރަންސް ލީގު 2024 ގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ދިވެހި ސިފައިންގެ ކުލަބު ބަލިކޮށް، ފައިނަލުގެ ފުރަތަމަ ޖާގަ މުއިވެޔޮ ފްރެންޑްސްއިން ހޯދައިފިއެވެ.

ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ސެމީގެ މެޗު މުއިވެޔޮއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައިވެސް މުއިވެޔޮ ޓީމުގެ ކެޕްޓަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވަނީ ކުޅުއްވާފައެވެ. އަދި މި މެޗުން މުއިވެޔޮ މޮޅުވި ލަނޑު މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް ނައިބު ރައީސް ދެއްވި ބޯޅައަކުން ކާމިޔާބުކޮށްދިނީ އަބްދުﷲ ސުޖާއެވެ.

އޭގެ ކުރިން މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

މި މޮޅާއެކު ފައިނަލުގެ ފުރަތަމަ ޖާގަ މުއިވެޔޮއިން ހޯދިއިރު، ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ކުލަބާއި، އެންމެ ފަހުގެ ރަނަރަޕް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބެވެ. މިދިޔަ އަހަރުގެ ފައިނަލުގައި މި ދެ ޓީމު ބައްދަލުކުރިއިރު، އެ ފަހަރުގެ ފައިނަލް މެޗު ހުޅުމާލެ ވެޓެރަންސްއިން ކާމިޔާބުކުރީ 5-2 ގެ ނަތީޖާއަކުންނެވެ.