ސިއްހަތު

އެމްއާރއައިގެ ޚިދުމަތް ދެ ދުވަހެއްގެ ތެރޭ އަލުން ފެށޭނެ


އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް - އައި.ޖީ.އެމް.އެޗްގައި ޚިދުމަތް ދެމުންގެންދިޔަ އެމް.އާރ.އައި މެޝިންއަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ޚިދުމަތް ވަގުތީގޮތުން މެދުކެނޑިއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ ސީ.އީ.އޯ ފަރުޙަތު ޝަހީރު ވިދާޅުވީ، ކުރިޔަށް އޮތް 2 ދުވެހެއްގެ ތެރޭގައި އެމް.އާރ.އައި މެޝިނަށް ދިމާވި މައްސަލަ ހައްލުކޮށް ހިދުމަތް ދޭން ފެށޭވަރުވާނެކަމަށެވެ.

އައި.ޖީ.އެމް.އެޗްގައި ހުރި އެމް.އާރ.އައި މެޝިނުން ފޯރުކޮށްދެވޭ ޚިދުމަތް އިތުރަށް ފުޅާކުރެއްވުމަށް މަސައްކަތް ކުރަމުންދާކަމަށް ވެސް ފަރުހަތު ޝަހީރު ވިދާޅުވިއެވެ. އައި.ޖީއެމް.އެޗްގައި އެމް.އާރ.އައި މެޝިން ޤާއިމުކޮށް، އޭގެ ޚިދުމަތް ދޭން ފައްޓާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައެވެ.

މި މެޝިން މެދުވެރިކޮށް، މިހާތަނަށް ގާތްގަޑަކަށް 1،100 ފަރާތަކަށް ސްކޭން ހަދައިދީފައިވާކަމަށް އައި.ޖީ.އެމް.އެޗުން މަޢުލޫމާތުދެއެވެ.