ހެނދުނު ވެހެންފެށި ވާރޭ އަދިވެސް ހުއްޓަންނޫޅެއެވެ. ޖެހެމުންދިޔަ ވަޔަށް ކެއްނުވެގެން ގަސްތައް ހީވަނީ ދެންމެ ދެންމެ މުލުން ލުހި ވެއްޓިދާނެ ހެންނެވެ. ގަދަ ވިދުވަރާއިއެކު ދޭތެރެ ދޭތެރެއިން ގުގުރާ އަޑުވެސް އިވެމުންދިޔައެވެ. ވެހެމުން ދިޔަ ވާރެއަށް ނަޒަރު ހުއްޓައިލައިގެން ކުޑަދޮރު ކައިރީގައި ރާނިޔާ ހުރީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ޖެހެމުންދިޔަ ފިނި ވައިރޯޅިން ރާނިޔާއަށް އެއްވެސް އަސަރެއް ނުކުރާފަދައެވެ. "ކޮންކަމަކާ ތަ މާ ވަރަކަށްތި ވިސްނަނީ؟....." ފަހަތުން އައިސް ރާނިޔާގެ ކޮޑުގައި އަތްޖަހައިލަމުން އަހުމަދު ބުނެލިއެވެ. "މި ވިސްނެނީ އަހަރުމެންނަށް މާތް ﷲގެ ރަޙްމަތް ފުޅުން މި ލިބެން އުޅޭ ދަރިފުޅާ ދޭތެރޭގަ....ހުރިހާ ކަމެއްވެސް ރަގަނޅުވާނެ ދޯ؟....." "އެހާ ވަރަށް ވިސްނާނެ ކަމެއް ނެތޭ.....އިންޝާ ﷲ ހުރިހާ ކަމެއްވެސް ދާނީ ރަގަނޅަށް......." ރާނިޔާގެ އަށްމަހަށް އަޅައިފައިވާ ބަނޑުގައި ފިރުމައިލަމުން އަހުމަދު ބުނެލިއެވެ. ރާނިޔާ އަހުމަދަށް ބަލައިލަމުން ހިނިތުންވެލިއެވެ. މިއީ މިދެމަފިރިންގެ ކައިވެންޏަށް ދިހަ އަހަރު ފާއިތުވީފަހުން އެދެމަފިރިންނަށް ލިބެން އުޅޭ އަލަތު ދަރިފުޅެވެ. ދިގު އިންތިޒާރެއްގެ ފޮނި މޭވާއެވެ. މާތް ﷲ ލެއްވި ރަޙްމަތެކެވެ. ދުވަސްތައް ފާއިތުވަމުން ދިޔައީ ހަލުވިކަމާއި އެކުގައެވެ. އަހުމަދާއި ރާނިޔާ އެންމެ އިންތިޒާރު
ކުރަމުން ދިޔަ ދުވަސް ވެސް އައިސް ޖެހިއްޖެއެވެ. ރާނިޔާ ބަނޑުގައި ރިއްސާތީވެ ހޮސްޕިޓަލަށް ގެންދިޔައީ ދަންވަރު އެކެއްޖެހި އިރުގައެވެ. ވިއްސާ ކޮޓަރީގެ ބޭރުގައި ހިނގާލަ ހިނގާލާ އަހުމަދު ހުރީ ރާނިޔާ ވިހާނެ އިރެއްގެ އިންތިޒާރުގައެވެ. "މަރުހަބާ.....ފިރިހެން ކުއްޖެއް...." ފަސްގަނޑި އިރެއްހާއިރު ފާއިތުވި ފަހުން ވިއްސާ ކޮޓަރިން ނިކުތް ނަރުސް ކުއްޖާގެ އަތުގައި ލޯބި ލޯބި ކުއްޖެއްއޮތެވެ. އެ ނަރުސް ކުއްޖާ އައިސް އެ ލޯބި މައުސޫމް ކުއްޖާ އަހުމަދުގެ އަތައް ލައިދިނެވެ. އަހުމަދުގެ ލޮލުން ފާއްދައިލީ އުފާވެރި ކަމުގެ ކަރުނައެވެ. "އަލްހަމްދްލިއްލާހި...." އެ ދަރިފުޅު ދެލޯ ބޮނޑު ކޮށްލައިގެން އޮތް ގޮތުން އަހުމަދުގެ ހިތް ލޯބިން ފުރިގެންއައެވެ. "މާޝަ ﷲ......ބައްޕަ އާއި މަންމަގެ ރޫހާން....." ****** ދުވަސްތައް ފާއިތުވަމުން ދިޔަހެން ރޫހާންވެސް ބޮޑު ވަމުން އައެވެ. ރޫހާންގެ ވިސްނުން ތޫނުވެފައި ކިޔެވުމަށް ވަރަށް މޮޅެވެ. އަބަދުވެސް މުޅި ކުލާހުން އެއްވަނަ ހޯދަނީ ރޫހާންއެވެ. ކިޔެވުމުގެ އިތުރުން، އިތުރު ހަރަކާތް ތަކުންވެސް ރޫހާންވީ ފާހަގަ ކޮއްލެވޭފަދަ ކުއްޖަކަށެވެ. ރޫހާންއަކީ އަހުމަދު އާއި ރާނިޔާ ފަޙުރުވެރިވާފަދަ ދަރިއެކެވެ. ޖީ.ސީ.އީ އޯލެވެލް އިންވެސް ގަދަ ދިހައެއްގައި ރޫހާން ހިމެނުނެވެ. "މަންމާ މިދަނީ ފުޓްބޯޅަ ކުޅެން އިނގޭ......" ގޭގެ ބަބުކެޔޮ ގަހުގައި އެލުވައިފައި އިން ޖޯލީގައި ރޫހާން އިނީ ފުޓުބޯޅަ ކުޅެންދާ ބޫޓަށް އަރާށެވެ. "ބައްޕަ ބުނި ކުޅެގެން އައިސް ވެލި ބަސްތާތައް ގެނަސްދޭން އަންނަން ދަރިފުޅަށް ހަދާން ކޮށްދޭށޯ.....ދަރިފުޅު ހަދާން ނުހުރެދާނެ އޭ ބައްޕަ ބުނި....."
"ހެހެހެހެ....އަޅުގަނޑު ހަނދާން އެބަ ހުއްޓޭ....އިއްޔަވެސް ދެތިންފަހަރު ބައްޕަ އެހެންބުނި ވިއްޔަ......." މިހެން ބުނި ރޫހާން ނިކަން ބާރަށް ގެއިން ނިކުމެ ހިނގައިގަތީ ފުޓުބޯޅަ ދަނޑާއި ދިމާއަށެވެ. އިރު އޮއްސެން އުޅެނިކޮށް ކުޅެނިމިގެން އައި ރޫހާންގެ މިސްރާބު ހުރީ އަހުމަދުގެ ގެވަޅާއި ދިމާއަށެވެ. އަހުމަދަށް ގެވަޅު ލިބުނު ހިސާބު އެއީ އަދި މީހުން ދިރިއުޅެން ފަށާފައިނުވާ ހިސާބެއް ކަމުން އެދިމާއިން މިވަގުތު އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އެހެން ނޫނަސް މުޅި ރަށުތެރެއަށް މިހާރު ވެރިވެފައިވަނީ ކަނު އަދިރިކަމެވެ. "ބައްޕާ......." އަހުމަދު ފެންނަން ނެތުމުން ރޫހާން ގޮވައިލީ ދެފަރާތް ހޯދާ ބަލައިލަމުންނެވެ. އެވަގުތު ރޫހާންގެ ލޮލުގައި އަޅައިގަތީ އެތާ ބަހައްޓައިފައި ހުރި ގާޑިޔާއެވެ. ގާޑިޔާގެ މަތީގައި ހައެއްކަ ވެލި ގޯނި އޮތުމުން އަހުމަދު އެކަނި އެއްބައި ވެލި ގެނައީކަން ރޫހާންއަށް އިނގުނެވެ. "ސާބަސް ބައްޕައަށް.....މިހާރު ލަސްވެގެން ވެލި ގެންނަން ވެސް ފެށީ ދޯ....އެކަނި ކީއްކުރަންތަ އެހާ ބަރު މަސައްކަތް ކުރަނީ......." ރޫހާން ދެފަރާތައް ބޯ ހޫރާލަމުން ހިނގައިގަތީ ގާޑިޔާ ހުރި ދިމާއަށެވެ. "ބައްޕާ....." ރޫހާން ބާރަށް ހަޅޭއްލަވައި ގަންނަމުން ދުއްވައިގަތީ ގާޑިޔާ ކައިރީގައި ބިންމަށްޗަށް ވެއްޓިފައި އޮތް އަހުމަދު ފެނިފައެވެ. "ސުބުހާނައް ﷲ.....ބައްޕާ....ބައްޕާ......" ރޫހާންއަށް ފާހަގަވީ އަހުމަދު ނޭވާ ނުލާކަމެވެ. ރޫހާން ހިތްވަރުކުރަމުން އަވަސް އަވަހަށް
އެންބިއުލާންސްއަށް ގުޅައި އަހުމަދު ރަށު ހޮސްޕިޓަލަށް ގެންދިޔައެވެ. ނަމަވެސް އަހުމަދު ބެލި ޑޮކްޓަރު ދިންޖަވާބުން ރޫހާންއަށް އިތުރަށް ކެތެއް ނުކުރެވުނެވެ. ރޫހާންއަށް ބާރަށް ރޮއިގަނެވުނީ އެވަގުތު ހޮސްޕިޓަލަށް އައިސް ވަތް ރާނިޔާފެނިފައެވެ. "މަންމާ.....ބައްޕަ.......ބައްޕަ..... ނިޔާވެއްޖެ......" "ކީކޭތަ ދަރިފުޅު ތިކިޔަނީ؟.....ތިހެން ބުނަން ހެޔޮވެސް ނުވާނެ އެއްނު........" "މަންމާ.....ބައްޕަ ހޮސްޕިޓަލަށް ގެނައިރުގައިވެސް އޮތީ ނިޔާވެފަ......ޑޮކްޓަރ ބުނުއްވީ ހާޓް އެޓޭކެއް ކަމަށް ލަފާކުރެވެއޭ......" ރޫހާންއަށް އެ ވާހަކަ ދައްކަންވެސް ވީ އުނދަގޫކަމަކަށެވެ. ބައްޕަގެ ކުއްލި ވަކިވުމުން ރޫހާންއަށްވެސް ވަރަށް އަސަރު ކޮއްފިއެވެ. ރޫހާންގެ ވާހަކަ އަޑުއަހަން ހުރި ރާނިޔާ ހަބަރު ހުސްވެގެން ވެއްޓުނީ އެދިމާ އެނދުގައި އޮތް އަހުމަދު ފެނިފައެވެ. ރާނިޔާއަށް ހޭވެރިކަން ވުމުން ވަރަށް ރޮއިހެދިއެވެ. ނަމަވެސް ރާނިޔާ ނެތް ހިތްވަރު ނެރެގެންވެސް ކެއްކުރެވޭތޯ ބެލީ ރޫހާންއަށް ޓަކައެވެ. ހުރި ހަމައެކަނި ދަރިފުޅަށްޓަކައެވެ. ރޫހާންވެސް ވަރަށް ހިތްވަރުކުރިއެވެ. ލޯބިވާ މަންމައަށް ޓަކައެވެ. އަހުމަދުގެ ކުއްލި ވަކިވުމުން އަރައިގަންނަން އެދެމައިންނަށް ގިނަ ދުވަސް ބޭނުންވާނެ ކަން ގައިމެވެ. ***** ދުވަސްތައް މާޒީއާއި އެކުވަމުން ގޮސް ރޫހާންއަށް މާލެއިން ވަޒީފާ ލިބި ރާނިޔާ އާއި ރޫހާންގެ ދިރިއުޅުން އެއްކޮށް މާލެ ބަދަލުކޮށްލިއެވެ. މިހާރު ރޫހާން ވެސް ޒަވާޖީ ހަޔާތެއް ފެށިތާ ދެއަހަރު ވެފައި ވާއިރު ، ރޫހާންގެ އަންހެނުން ޒީޝަން އިނީ ފުރަތަމަ ދަރިފުޅަށް ބަލިއެވެ. "މަންމާ ނިކަން ބަލާބަލަ މީނި ޒީއަށް ....މިހާރު ހީވަނީ ބޮޑު ބެރެއްހެން.... .ހެހެހެ.....ބަލާބަ މީންދަ ދެކޯ ގަނޑެއް ވެސް......"
އޮފީހަށް ދާން ރެޑީވެގެން ނިކުތް ރޫހާން ކާމޭޒު ކައިރީގައި އިށީންނަމުން ބުނެލިއެވެ. ހަތްމަހަށް ދާ ބަނޑާއި އެކު ޒީޝަން އޭރުގައި އިނީ ކާމޭޒުދޮށުގައި ބިސްގަނޑެއް ކާށެވެ. "ދެން އަޅެ.....މަންމާ.....ބަލާބަލަ މީންދަ ރޫހާންއެއް......ވަރަށް ފޫހިވޭ....." ރޫހާންއަށް ލޯ އަޅައިލަމުން ޒީޝަން މިހެން ބުނި ގޮތުން ބަދިގެއިން ނިކުމެގެން އައި ރާނިޔާއަށް ވެސް ހެވުނެވެ. 'ދެން އަޅެ.... މަންމާ ......" ރޫހާން އަނެއްކާވެސް ޒީޝަންއާއި ދިމާކޮށްލުމުގެ ގޮތުން ބުނެލީ ޒީޝަން ބުނި ރާގުލައިފައެވެ. "ސާބަސް ދަރިފުޅަށް.... ދެން އެމަންޖެއާ އެވަރަށް ދިމާ ނުކޮށް އިނދެބަލަ......" ރޫހާންއަށް ގެނައި ކޮފީތަށި މޭޒުމަތީގައި ބަހައްޓަމުން ރާނިޔާ ގޮސް ޒީޝަންގެ ބޮލުގައި ފިރުމައިލިއެވެ. ޒީޝަންވެސް ވަގުތުގެ ބޭނުން ހިފައި ރޫހާން އާއި ދިމާއަށް ދޫ ނެރެލިއެވެ. "ހޫން....މި މަންމަ ވެސް ހުންނާނީ އަބަދު ޒީ އާ އެއްކޮޅަށް......އަދި ހާއްސަކޮށް މިހާރު މާމަ ދަރިއެއް ލިބެން އުޅޭތީ އަހަންނަކީ އެއްވެސް މީހެއްނޫން..... ..އަހަރެންދެކެ އެކަކުވެސް ލޯތްބެއް ނުވޭ....." ރޫހާން ދެރަވާކަމަށް ހަދައިލަމުން އިސްޖަހައިލިއެވެ. "ސާބަހޭ ދަރިފުޅާ....ސަމާސާއެއް ކޮށްނުލާ އެންމެ އިރުކޮޅަކުވެސް ނީންނާތި.....މަންމަ ލޯބިވޭ މަންމަގެ ދެކުދިން ދެކެވެސް........." ރާނިޔާ މަޑުމަޑުން ރޫހާންގެ ބޮލުގައި ޖަހައިލަމުން ބުނެލި އިރުގައި މޫނުމަތީގައި ވަނީ ރީތި ހިނިތުންވުމެކެވެ. "ހެހެހެ....އޯކޭ....އޯކޭ......"
ރޫހާންވެސް ރާނިޔާއަށް ބަލައިލަމުން ހިނިތުންވެލިއެވެ. "މިއަދު ވަރަށް މުހިންމު ބައްދަލުވުމެއްވެސް އެބޮތް.. .ޒީގެ ސްކޭން ހަދަން ދާން ވާއިރަށް އަންނާނަން އިނގޭ...." ޒީޝަންގެ ބަނޑުގައި ފިރުމައިލަމުން ރޫހާން ބުނެލިއެވެ. އެވަގުތުގައި ޒީޝަންގެ ބަނޑުގައި އޮތް ދަރިފުޅު ތޮޅިލިއެވެ. "ބައްޕަގެ ދޫނި.....އަވަހަށް މަންމަަގެ ބަނޑުން ނިކުންނަން އުޅޭ......" ރޫހާންގެ މި އަމަލުންވެސް ދަރިފުޅު ދެކެން ބޭނުންވެފައިވާ ވަރު ހާމަވެގެންދެއެވެ. ޒީޝަންގެ މޫނުމަތީގައި ދުވެލީ ރީތި ހިނިތުންވުމެކެވެ. "އޯކޭ....ދަނީ އިނގޭ މަންމާ........" ބަދިގޭގައި ހުރި ރާނިޔާއަށް އަޑު އިވޭނެހެން ބުނެލަމުން ރޫހާން ދިޔައީ އޮފީހަށް ދިއުމަށްޓަކައެވެ. ރާނިޔާ ހިތާހިތުން "އަލްހަމްދްލިﷲ...." އޭ ބުނެލެވުނެވެ. އަދި އެ ކުޑަ ކުޑަ އާއިލާ އަބަދުވެސް އެގޮތުގައި އުފަލުގައި ލައްވައިތޯ ހިތާހިތުން ދުޢާ ކޮއްލެވުނެވެ. ދެނަމާދު ދޭތެރޭގެ ވަގުތު ކަމުން ރާނިޔާ އިނީ ޤުރުއާން ކިޔަވާށެވެ. "މަންމާ އެބަ އަންނަން އިނގޭ ކަންމަތީގަ އިން ފިހާރައަށް ވަދެލާފަ......" "ދަރިފުޅު އެކަނި ދަނީ ކީއްކުރަން؟....ކޮބާ ރޫހާން؟....މަންމަ ގޮސްލަންތަ ފިހާރައަށް...." ކިޔެވުން މެދުކަޑައިލަމުން ރާނިޔާ ބުނެލިއެވެ. "ރޫހާންވީ ބޭރުގަ.....މިތާ ކައިރި އިން ފިހާރައެއްނު އެއީ..... މަންމަ މަޑުކޮށްލާ......އަހަރެން ގޮސްލާފަ އެބަ އަންނަން....." "އޯކޭ....އެކަމް ދަރިފުޅު ބަލާލައިގެން ދާތި އިނގޭ....." ގޭގެ މައިދޮރާށިން ނިކުތް ޒީޝަން ފޯނު ރިންގުވާތީ ބަލައިލި އިރުގައި ގުޅަނީ ރޫހާންއެވެ. ރޫހާން އިނީ
ގޭ ކައިރީގައި އިން ކެފޭއެއްގައެވެ. ފޯނުން ވާހަކަ ދައްކަމުން ދިޔަ ޒީޝަން މަގު ހުރަސްކުރަން ކަފިހި ހުރަހަށް އެރީ މަގުގެ ދެކޮޅު ބަލައިލަމުންނެވެ ކަފިހި ހުރަހުގެ މެދެއްހާ ހިސާބަށް ދެވުނު ތަނާހެން އައި ނައިތަނެއް ނޭންގި ބާރު ސްޕީޑުގައި އައި ކާރެއް އައީ ސީދާ ޒީޝަންއާއި ދިމާއަށެވެ. ޒީޝަން ނިކަން ބާރަށް "މަންމާ" އޭ ގޮވައިލަމުން ބަނޑުގައި އަތްޖަހައިލެވުނީ އަތުގައި އޮތް ފޯނުވެސް ދޫކޮށްލަމުންނެވެ. "ޒީޝަން....." ޒީޝަންގެ ހަޅޭކުގެ އަޑު އިވުނު ރޫހާން އިންތަނުން ތެދުވެ ދުއްވައިގަތީ ގެއާއި ދިމާއަށެވެ. އެކާރު އައީ ހަމަ ކުއްލިއަކަށް ކަމުން ، އެ ކާރުން ރެކެން ޒީޝަންއަށް ފުރުސަތެއް ނުލިބުނެވެ. ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި އެކާރު އައިސް ޖެހުނީ ޒީޝަންގެ ގައިގައެވެ. ކާރުގައި ޖެހުނު ޒީޝަން ވިއްސައިގެން ގޮސް ޖެހުނީ އެތައް ފޫޓެއްދުރުގައެވެ. ޒީޝަން އޮތްދިމާ ވަގުތުން ލެއިންކަޅިވެގެން ދިޔައިރުގައި މީހުންތައް އައިސް ޒީޝަން ވަށައިލިއެވެ. ރޫހާންއަށް އެހިސާބަށް އާދުވުނު އިރުގައި މީހުންތައް ގިނަވެގެން އުޅޭތަން ފެނުމުން އަވަހަށް އެދިމާއަށް ދިޔައިރުގައި ފެނުނު މަންޒަރުން ، ރޫހާންގެ މުޅި ދުނިޔެ އެފުށް މިފުށަށް ޖެހުނު ފަދައެވެ. "ޒީ.....ޒީޝަން....." ލެއިން ކަޅިވެފައި އޮތް ޒީޝަންނަގާ އުނގަން ލަމުން ރޫހާން ޒީޝަންއަށް ގޮވަންފެށި ނަމަވެސް ޒީޝަންގެ ހެއެއްނެތެވެ. ރޫހާން އަވަސްވެގަތީ ޒީޝަން ހޮސްޕިޓަލަށް ގެންދިއުމަށެވެ. "ހެޔޮނުވާނެ....އަހަންނަށް އެހީވެދީ.....އާދޭސް ކުރަން...." އެތާ އެއްވެފައި ތިބި މީހުންނަށް ބަލައިލަމުން ރޫހާން ބުނެލި އިރުގައި، ރޫހާންއަށް ރޮވެން ފެށުނެވެ. އެކި މީހުން ވީޑިއޯ އާއި ފޮޓޯ ނެގުމުގައި އުޅުނު އިރުގައި އެތަނުން މީހަކު އެންބިއުލާންސްއަށް ގުޅައިދިނެވެ. ނަމަވެސް އެންބިއުލާންސްއަށް އެހިސާބަށް އާދެވުނު އިރުގައި ބައިގަނޑި އިރެއްހާއިރު
ފާއިތުވެގެން ގޮސްފިއެވެ. ޒީޝަން ހޮސްޕިޓަލަށް ގެންދިޔަ އިރުގައިވެސް ފުރާނަ ނެތްކަމަށާއި ދަރިފުޅުގެވެސް ވިންދުނެތް ވާހަކަ ޑޮކްޓަރު ބުނުއްވިއެވެ. ޒީޝަން އާއި ލިބެން އުޅުނު އަލަތު ދަރިފުޅުގެ ކުއްލި ވަކިވުމުން ރޫހާންގެ ދިރިއުޅުން މުޅިން ބަދަލުވެގެން ދިޔައެވެ. ތަގުދީރުގައި ލިޔެވިފައި ވާގޮތް އެއްވެސް މީހަކަށް ބަދަލެއް ނުކުރެވޭނެއެވެ. ކޮންމެ މީހަކީވެސް މިދުނިޔެ ދޫކޮށްފައި ކޮންމެވެސް ދުވަހަކުން ދާން ޖެހޭނެ މީހެކެވެ. ރާނިޔާ އުންމީދު ކޮށްގެން ހުރީ ދުވަސްތައް ފާއިތުވި ވަރަކަށް ރޫހާންވެސް ކުރީގެ ދިރިއުޅުމަށް އަލުން އިއާދަވާނެކަމަށެވެ. ނަމަވެސް ކަންތައް ވެގެން ދިޔައީ ރާނިޔާ އުންމީދު ކުރި ގޮތަކަށް ނޫނެވެ. ރޫހާން އެއީ މިހާރު ކުރީގެ ރޫހާންއެއް ނޫނެވެ. ގެއިން ބޭރުގައި އުޅުން ގިނަވެފައި ވަޒީފާއަށްވެސް ފަރުވާކުޑަ ކުރުމުގެ ސަބަބުން މިހާރު ރޫހާން ހުރީ ވަޒީފާއިންވެސް ކަޑައިލައިފައެވެ. ކުރިން އަބަދު ސަމާސަކޮށް އުޅޭ ރޫހާން މިހާރު އަބަދުމެ ހުންނަނީ ރުންކުރުވެ ރުޅިގަދަވެފައެވެ. ގަނޑިން ރޭގަނޑު ދަންވެ ތިނެއް ޖަހަނީއެވެ. ރޫހާން ގެއަށް ނާންނާތީވެ ރާނިޔާ އިނީ ނުނިދިފައެވެ. އިރު އިރުކޮޅާ ދޮރާދިމާއަށް ބަލައިލަ ބަލައިލާ އިން ރާނީޔާ ގުޅަގުޅާވެސް ރޫހާން ފޯނެއް ނުނަގައެވެ. އެހެން އިންދާ ނިދިޖެހުނު ރާނިޔާ ސިއްސައިގެން ދިޔައީ ގޭގެ ދޮރު ނިކަން ބާރަށް ޖެހި އަޑުއިވިފައެވެ. "ސުބުހާނަﷲ....ދަރިފުޅާ......" މަސްތުވެގެން ވާ ހާލަތުގައި ގެއަށް ވަދެގެން އައި ރޫހާންފެނި ، ރާނިޔާއަށް ރޮވުނީ ލޯބިވާ ދަރިފުޅު ހުރި ހާލު ފެނިފައެވެ. ރަގަނޅަށް ކޮޅަށް ހުންނަން ދަތިވި ރޫހާން އައިސް ސޯފާ މަށްޗަށް ވެއްޓުނެވެ. "ދަރިފުޅާ......." ރޫހާންގެ ބޮލުގައި މަޑުމަޑުން ފިރުމައިލަމުން "ދަރިފުޅާ" އޭ ރާނިޔާ ގޮވާލި ނަމަވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ. ލޯބިވާ ދަރިފުޅު އެންމެ ނުބައި އަދަވަޅަކަށް ވެއްޓިފައި ވާތަންފެނި ރާނިޔާގެ ހިތް
ފަޅައިގެން ދާވަރުވިއެވެ. ރާނިޔާއަށް ދެން އެރޭ އިތުރަށް އެންމެ ލޮލުފިޔައެއްވެސް ޖަހައެއްނުލެވުނެވެ. "ދަރިފުޅާ....އާދޭ އެއްޗެއް ކާން........." މެންދުރު ދޭއް ޖަހަން އުޅެނިކޮށް ހޭލި ރޫހާންފެނި ރާނިޔާ ބުނެލިއެވެ. ރޫހާން ތެދުވެ ބޮލުގައި އަތްޖަހައިލީ ބޮލަން ވާންފެށި ތަދުން ކެއްނުވެގެނެވެ. "ދީބަލަ ޕެނަޑޯލް ގުޅައެއް......" ރާނިޔާ ނިކަން އަވަހަށް ގޮސް ޕެނަޑޯލް ގުޅައަކާއި ފެންތައްޓެއް ހިފައިގެން އައިސް ރޫހާންއަތައް ދިނެވެ. "ދަރިފުޅާ......ކިހިނެއްތަ މިހާރު ތިއުޅެނީ؟.....މިހާރު މާތް ﷲ ހަރާމް ކުރައްވާފައި ވާ ކަންކަންވެސް ކުރަންފެށީތަ؟....ތިކަން އަވަހަށް ހުއްޓާލާ ދަރިފުޅާ....." ރާނިޔާގެ ވާހަކަ އަޑުއިވުނު ރޫހާން އައި ރުޅިމަތީގައި އަތުގައި އޮތް ތަށި ޖެހީ ފާރުގައެވެ. އެތަށީގެ ބިއްލޫރިތައް މުޅިތަނަށް ބުރައިގެން ދިޔައިރުގައި ރާނިޔާ ހުރީ ރޫހާންގެ މި އަމަލުން ބުނާނެ އެއްޗެއްވެސް ނޭންގި ގަބުވެފައެވެ. "ދަރިފުޅާ......" "މަންމަ ދެން ނުބެހޭކަން ހަމަ އެއްވެސް ކަމެއް ނޯންނާނެ......އަހަރެން އުޅެންވާ ގޮތެއް މަންމަ އަކަށް ނޭންގޭނެ.... ބޮލަށް އުނދަގޫ ނުކޮށް ދާންއުޅޭ މިތަނުން....." "އެކަމަކު ދަރިފުޅާ......." ރާނިޔާގެ ވާހަކަ ފުރިހަމަ ނުވަނީސް ރޫހާން އެތަނުން ތެދުވެގެން ގޮސް ކޮޓަރިއަށްވަދެ ބާރަށް ދޮރުޖެހިއެވެ. ދުވަހެއް ދުވަހަކަށް ރޫހާންގެ އުޅުން އިތުރަށް ގޯސްވަމުން ދާތަންފެނި ރާނިޔާ ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އެތައް ނަސޭހަތެއް ދެވިއްޖެއެވެ. އެތައް އާދޭހެއް ކުރެވިއްޖެއެވެ. ޕޮލިހަށް
ގުޅާނެ ވާހަކަ ބުނުމުންވެސް ރޫހާންގެ ހިތައް އެއްވެސް އެއްޗެއް ނޭރިއެވެ. "ދީބަލަ ފައްސަތޭކަ ރުފިޔާ....." "ދަރިފުޅާ މަންމަ އަތަކު ނެތޭ.....ކުރީ ދުވަހުވެސް ދިނީމެއްނު.... އެންމެ ފަހުން އަލަމާރީގަ އޮތް ރުފިޔާވެސް ލެވުނުތަނެއް ނޭންގިގެން މިއުޅެނީ......" "ދެން ތިބުނީ އަހަރެން ނެގީއޭ ދޯ........" ރޫހާން ރުޅިގަދަވަންފެށިއެވެ "މަންމަ ނުބުނަމޭ އެހެނެއް...... "ހޫން.......ވަރިހަމަ ދެން ރުފިޔާ ނުދިނަސް......" ކުރިން ހަށިގަނޑަށް ބަލައިގެން ރީތިކޮށް އުޅުނު ރޫހާން މިހާރު ހިކިކަމުން ހީވަނީ ކާ އެއްޗެއް ނުލިބޭ ފަގީރެއް ހެންނެވެ. ރާނިޔާއަށް އަބަދުމެ ނަމާދުކޮށްފައި ދުޢާ ކުރެވެނީ ރޫހާންއަށް ތެދުމަގު ދައްކަވާތޯއެވެ. ރޭގަނޑު ގަނޑިން ބާރަ ޖަހަނީއެވެ. އާދައިގެ މަތިން ރޫހާން ގެއަށް ވަދެގެން އައީ މަސްތު ވެފައިވާ ހާލަތުގައެވެ. އެވަގުތުގައި ރާނިޔާ ހުރީ ކާމޭޒު ދޮށުގައި ފޯނެއްގައެވެ. އެހެންކަމުން ރޫހާން އައި ކަމެއް ރާނިޔާއަކަށް ނޭންގުނެވެ. މި މަންޒަރުފެނި ރޫހާން އައީ އަމަށަކު ރުޅިއެއްނޫނެވެ. ރޫހާންއަށް ހީކުރެވުނީ ރާނިޔާ އުޅުނީ ފުލުހަށް ގުޅައި ރޫހާންގެ ވާހަކަ ރިޕޯޓްކޮށް ކަމަށެވެ. ހަމަ އެވަގުތު ރާނިޔާ ފޯނުގައި ހުރެ ރޫހާންގެ ނަން ބުނެލިއަޑު އިވި ރޫހާންގެ ދެލޯ ބޮޑުވެގެންދިޔައެވެ. ރޫހާންގެ މަސްތުވެފައިވާ ސިކުނޑިއަށް ވިސްނުނީ އެންމެ ނުބައިކޮށެވެ. އެވަގުތު ޝައިތާނާ ރޫހާންގެ ސިކުނޑިއަށް ވެރިވެފައިވާލެއް ނިކަން ބޮޑެވެ. "މިހާރު އަހަރެން އުޅޭތީ ވެސް އުނދަގޫވީ ...ހުރެބަލަ ނިކަން.......ޕޮލިހުންނަށް ގުޅިއަސް އަދި އަހަރެން ބިރެއް ނުގަންނާނެ......"
މިހެން މަޑުމަޑުން ބުނެލަމުން ރޫހާން ގޮސް ނެގީ ސޯފާ ފަހަތުގައި އިން ހޮކީ ދަޑިއެކެވެ. ރާނިޔާ ވަގުތުން ތަޅުންގަނޑުމަށްޗަށް ވެއްޓުނު އިރުގައި އަނގައިން މަޑު "އާހް" އެއް ބޭރުވެގެން ދިޔައެވެ. "ހެހެހެހެ....ދެން ނިކަން ޕޮލިހަށް ގުޅާބަލަ....މި މަންމަގެ ކަންތައްވެސް ހަމަ ބޮޑީއޭ މިހާރު......" މިހެން ބުނެ ދެފަރާތައް ބޯ ހޫރާލަމުން ރޫހާން ގޮސް ވަނީ ކޮޓަރިއަށެވެ. ރޫހާން ދިޔަ ދިމާއަށް މަޑުމަޑުން އަތް ހިތްލާލި ރާނިޔާއަށް އެއްވެސް ބަހެއް ނުބުނެވުނެވެ. ރާނިޔާ ނެގިއަތް ބިންމަށްޗަށް ވެއްޓުނީ ހަބަރު ހުސްވެގެނެވެ. ރޫހާންއަށް ހޭވެރިކަމެއްވީ އަނެއްދުވަހުގެ މެންދުރު އެކެއްޖަހަން އުޅެނިކޮށެވެ. ދެލޯއުނގުޅަމުން ރޫހާން ފުރަތަމަވެސް ގޮވާލީ މަންމައަށެވެ. "މަންމާ.....މަންމާ.....ގެނަސްދީބަލަ ލުބޯފަނި ތައްޓެއް....މަންމާ....." ރޫހާން ގޮވަ ގޮވާވެސް ރާނިޔާގެ ފަރާތުން އެއްވެސް ޖަވާބެއްނުލިބުނެވެ. "ޕިސް....ޕިސް....މި މަންމަ ކޮބާތަ މިއަދު؟....މަންމާ......." ރޫހާން ދެފަރާތައް ބޯހޫރާލަމުން ކޮޓަރިން ނިކުތްގަނޑީގައި ފެނުނީ ރާނިޔާ ކާމާޒުގެ ގާތައް ވެއްޓިފައި އޮއްވައެވެ. ރޫހާންގެ ކޮޓަރިއާއި ދިމާއަށް ރާނިޔާގެ ކަޅި ހުއްޓިފައި ހުރި އިރުގައި މުށިތައްމަތީގައި ލޭތައް ހިކިފައި ހުއްޓެވެ. "މަންމާ.......މަންމާ......" ރޫހާން ގޮސް ރާނިޔާ ނަގާ ގޮވަ ގޮވާ އެއްވެސް ހަބަރެއްނުވިއެވެ. ރާނިޔާވެސް މިފަނާވެނި ދުނިޔެ ދޫކޮށް އެދިޔައީއެވެ. ރޫހާން އެކަނި ކޮށްލައިފައެވެ. "އަޅޭ މަންމާ......ކިހިނެއް ވީތަ؟...މަންމާ....." ރޫހާންއަށް ބާރަށް ރޮއިގަނެވުނެވެ. މަޑުމަޑުން ރޭ ހިނގާދިޔަ ހާދިސާ ރޫހާންގެ ލޯމައްޗަށް ސިފަވަމުން ދިޔައީ ހަމަ ކުއްލިއަކަށެވެ. ރޫހާންގެ މަންމަގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ ހުދު ރޫހާންއެވެ. މިއީ
މަންމަގެ ބަސް ގަބޫލު ނުކުރެވުނީތީ ، އެކަމުން ލިބުނު ހިތި ނަތީޖާއެވެ. އޭރު އެ މަންމަގެ އާދޭހޫގެ އަޑު އެހުނު ނަމައެވެ. ނަމަވެސް މިއަދު މިވަނީ ވަގުތު ފާއިތުވެފައެވެ. "މަންމާ...މަންމާ......އަހަންނަށް މާފް ކުރޭ.......މަންމާ....ދެން އަހަރެން އެހެނެއް ނޫޅޭނަމޭ......ދެން ތެދުވެބަލަ މަންމާ........" "ދަރިފުޅާ ރޫހާން......ކިހިނެއްވެގެންތަ މިއުޅެނީ؟....މަންމައަށް ކިހިނެއްވީ؟....." ރޫހާންގެ ގެއަށް ވަދެގެން އައި ޖުނައިދު ބުނެލީ ހައިރާންވެހުރެއެވެ. ޖުނައިދުއަކީ ޒީޝަންގެ ބައްޕައެވެ. ޒީޝަންގެ ކުއްލި މަރަށްފަހު ރަށަށް ގޮސްފައި އަދި މާލެ އެއައީއެވެ. ގޭގެ ދޮރު ހުޅުވައިފައި ހުރުމުން މަޑުމަޑުން ސަލާމް ގޮވައިލަމުން ޖުނައިދުވަނީ މިކަހަލަގެ މަންޒަރެއް ފެންނާނެ ކަމަކަށް ނޫނެވެ. "ސުބުހާނަﷲ....." ރާނިޔާފެނި ޖުނައިދުގެ ބަސްހުއްޓި އިތުރަށް ބުނާނެ އެއްޗެއް ނޭންގުނެވެ. ޖުނައިދު އަވަސް އަވަހަށް އެމްބިއުލާންސްއަށް ގުޅިއެވެ. ރޫހާން ރޮމުން ރޭގައި ހިނގާދިޔަ ހާދިސާ ޖުނައިދުއަށް ކިޔައިދިނީ އިސްޖެހިފައި އިނދެއެވެ. ރޫހާން ބޭނުމީ އެކުރެވުނު ކުށުގެ ހައްގު އަދަބު ލިބިގަންނާށެވެ. އެހެންކަމުން އަމިއްލައަށް ފުލުހުންނަށް އެކަންއަންގައި ކުރެވުނު ކުށަށް އިއުތިރާފުވިއެވެ. ކޯޓުން ފަނަރަ އަހަރުގެ ޖަލު ހުކުމެއް ރޫހާންއަށް އިއްވިނަމަވެސް ދިހަ އަހަރުން ރޫހާން ސަލާމަތްވިއެވެ. ޖަލުން ނިކުތް ރޫހާން ފުރަތަމަވެސް ދިޔައީ ގަބުރުސްތާނަށެވެ. އެއީ ލޯބިވާ އަބިމީހާއާއި ލިބެން އުޅުނު ދަރިފުޅު، އަދި ލޯބިވާ މަންމަވެސް ވަޅުލެވިފައިވާ ތަނެވެ. "މަންމާ.....މަންމަ އަހަންނަށް މާފް ކޮށްދޭތި....އިންޝާ ﷲ ދެން ދުވަހަކުވެސް ނުބައި މަގަގުން ނުހިނގާނަން......އަބަދުވެސް މަންމައަށް ހެޔޮދުޢާ ކޮށްދޭނަން....." ެއެތައް އިރަކު ރާނިޔާގެ މަހާނަ ގަލު ކައިރީގައި އިނދެފައި ރޫހާން ތެދުވި އިރުގައި މޫނުމަތީގައި ވީ ފަޑު
ހިނިތުންވުމެކެވެ. ކިތަންމެ ދުވަހެއް މާޒީއާއި އެކުވެގެން ދިޔަ ނަމަވެސް ރޫހާންގެ ހިތުގައި ވީ ރިހުން ފިލައިގެން ނުދާނެކަން ގައިމެވެ.
- ނިމުނީ -