ކުޅިވަރު

މިހާރު ކްރިކެޓަށް ނުކުންނަ ކުދިން މަދު، އެއީ ޗެލެންޖެއް: އިމާދު


ރާއްޖޭގެ ކްރިކެޓަށް މިހާރު ނުކުންނަ ކުދިން މަދު ކަމަށާއި، އެއީ ދިމާވާ ބޮޑު ޗެލެންޖެއް ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) ގެ ޑިވެލޮޕްމަންޓް މެނޭޖަރ އިމާދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަދައްކަވަމުން އިމާދު ވިދާޅުވީ ކްރިކެޓް އަލަށް ކުދިން ނެރުމަށް ކޮވިޑަށްފަހު އެންމެ އެކަށީގެންވާ މަސައްކަތެއް ކުރެވިފައިނުވާ ކަމަށެވެ. އަދި ރާއްޖޭގެ ކްރިކެޓަށް އެންމެ ބޮޑަށް ކުދިން ނެރެދެނީ ސްކޫލުތަކުން ކަމަށާއި، އޭގެ ތެރެއިން ތާޖުއްދީން ސްކޫލަކީ ކޮންމެ އަހަރުކުވެސް ސަތޭކަ ވަރަކަށް ކުދިން ކްރިކެޓަށް ނެރެދޭ ސުކޫލެއް ކަމަށް ވިދާޅުވިއެވެ. އެކަމަކު ކޯޗެއް ނެތި ދިޔުމުގެ ސަބަބުން އެކަންވެސް މި ވަގުތަށް ހުއްޓިފައި އޮތް ކަމަށް އިމާދު ވަނީ ވިދާޅުވެފައެވެ.

"
އެންމެ ކުޑައިރުން ފެށިގެން ސަސްޓެއިންކޮށް ކުޅެން އަންނަ ކުދިން މަދުވަމުން މި ދަނީ. ދެން އަޅުގަނޑުމެން އެކަމަށް އެބަޖެހޭ ވަރަށް ބޮޑު މަސައްކަތްތަކެއް ކުރަން.
އިމާދު އިސްމާޢީލް - ކްރިކެޓް ޑިވެލޮޕްމަންޓް މެނޭޖަރ

އިމާދު ވިދާޅުވީ ސްކޫލު މާހައުލުގައި އިތުރަށް ކްރިކެޓް ތަރައްގީކުރުމުގެ މަސައްކަތް މިހާރަށްވުރެން ބާރަށް ކުރިއަށްގެންދަން ޖެހޭ ކަމަށެވެ.