ކުޅިވަރު

ވެޓެރަންސް ލީގު: ސްޓެލްކޯއާ އެއްވަރުކޮށް ގްރޫޕުގެ އެއްވަނަ ދަ ގްރާންޑޭއަށް


އެފްއޭއެމް ވެޓެރަންސް ލީގު 2024 ގައި ކުލަބު ސްޓެލްކޯ ބަލިކޮށް، ގްރޫޕް ބީގެ އެއްވަނަ އެންމެ ފަހުގެ ރަނަރަޕް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.

ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ބީގެ މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މި މެޗާ ކުރިމަތިލިއިރުވެސް ދަ ގްރާންޑޭއަށް ސެމީގެ ޖާގައެއް ޔަގީންވެފައިވާއިރު، މި މެޗުން ލިބުނު ޕޮއިންޓަކާއެކު އެ ޓީމަށް ގްރޫޕް ބީގެ އެއްވަނަ ލިބުނީ 10 ޕޮއިންޓް ހަމަކޮށްގެންނެވެ. މި ގްރޫޕުގެ ދެވަނައަށް ދިޔަ މުއިވެޔޮ ފްރެންޑްސްއަށް ހަތަރު މެޗުން ލިބުނީ ނުވަ ޕޮއިންޓެވެ.

މިއަދު ކުޅުނު މެޗު ފަށައިގެން ދަ ގްރާންޑޭގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ހަވަނަ މިނެޓުގައި ސްޓެލްކޯއިން ވަނީ ލީޑު ނަގާފައެވެ. މިއީ ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ދަ ގްރާންޑޭގެ ޑިފެންޑަރު ފަޒީމް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އެކަމަކު މެޗުގެ 15 ވަނަ މިނެޓުގައި ދަ ގްރާންޑޭއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހޫދު ނާޒިރެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން ދަ ގްރާންޑޭގެ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައި، އިބްރާހީމް އާރިސް ވަނީ ސްޓެލްކޯއަށް އަލުން ލީޑު ނަގައިދީފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ދަ ގްރާންޑޭއިން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ހޫދެވެ.

މި ނަތީޖާއާއެކު އަންނަ ބުރާސްފަތި ދުވަހު ކުޅޭ ސެމީ ފައިނަލް ދެވަނަ މެޗުގައި ދަ ގްރާންޑޭ ނުކުންނާނީ ގްރޫޕް އޭގެ ދެވަނައަށް ދިޔަ އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ކުލަބާ ދެކޮޅަށެވެ. އަދި ބުދަ ދުވަހު ކުޅޭ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މުއިވެޔޮ އާއި ގްރޫޕް އޭގެ އެއްވަނަ ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އެވެ.