މި އަހަރުގެ އެންމެ ބޮޑު އަމާޒަކީ އަންނަ މެއި މަހު ސްރީ ލަންކާގައި އޮންނަ ސައުތު އޭޝިއަން ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކުރުން ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އިބްރާހީމް ޝިއުރީ ވިދާޅުވެއްޖެއެވެ.
މި ރަމަޟާން މަހު ކުރިއަށްދިޔަ ދުންތަރި މަނިކް މެމޯރިއަލް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ ތެރެއިން ދެއްވި އިންޓަރވިއުއެއްގައި ޝިއުރީ ވިދާޅުވީ އެންމެ އަވަހަށް އޮތް މުބާރާތަކީ ލަންކާގެ ކެންޑީގައި އަންނަ މެއި މަހު އޮންނަ ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ކަމަށާއި، އެހެންކަމުން މި އަހަރުގެ އެންމެ ބޮޑު އަމާޒަކީ އެ މުބާރާތް ކާމިޔާބުކުރުން ކަމަށެވެ.
އަދި އެ މުބާރާތަށްފަހު ފްރާންސްގެ ވެރިރަށް ޕެރިހުގައި އޮންނަ އޮލިމްޕިކް ގޭމްސްއަށް ކޮލިފައިވުމަށް ރާއްޖެއިން ވާދަކުރާނެ ކަމަށް ޝިއުރީ ވިދާޅުވިއެވެ. މި ސަރަހައްދުގެ ހުރިހާ ގައުމެއް ވާދަކުރާ ކޮލިފައިން ކުޅެ، އޮލިމްޕިކްސްއަށް ދާނީ އަންހެން ކުޅުންތެރިއަކާއި ފިރިހެން ކުޅުންތެރިއެކެވެ. ޝިއުރީ ވިދާޅުވީ ކޮލިފައިންގެ ކުޅެ އޮލިމްޕިކްސްގައި ވާދަކުރުމަކީވެސް ރޭއްޖޭގެ މި އަހަރުގެ އެއް އަމާޒު ކަމަށެވެ.
"މުބާރާތަށްފަހު މިހާރު އެސޯސިއޭޝަންގެ ޕްލޭނަކީ އެންމެ އަވަހަށް އޮތީ ސައުތު އޭޝިއަން މުބާރާތް މެއި މަހު 27 ގައި. އެހެންވީމަ މިހާރު މި އަހަރުގެ އެންމެ ބޮޑު ޓާގެޓަކީ އެ މުބާރާތް ކާމިޔާބުކުރުން.އިބްރާހީމް ޝިއުރީ - ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ނައިބު ރައީސް
މި އަހަރު ކުރިއަށް ހުރި ޓީޓީ ހަރަކާތްތަކުގެ ތަފްސީލުތައް ހިއްސާކުރައްވަމުން ޝިއުރީ ވިދާޅުވީ މިދިޔަ އަހަރު ނުބޭއްވުނު އިންޓަރ ރިސޯޓް ޓީޓީ މުބާރާތް މި އަހަރަށް ތާވަލުކުރެވިފައިވާ ކަމަށެވެ. އަދި ވައިޑީފީ ޕްރޮގްރާމުތަކުގެ އިތުރުން ޓީޓީ އަމްޕަޔަރުންނަށް ޚާއްސަ ޕްރޮގްރާމެއް ރޭވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން އަތޮޅުތެރޭގައި ޓީޓީ އިތުރަށް ފުޅާކުރުމަކީ މި އަހަރަށް ރޭވިފައިވާ މުހިންމު މަސައްކަތެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ވަކި ޚާއްސަ ކޯޗެއް ގެނެސް، ރާއްޖޭގެ އެކި ހިސާބުތަކުގައި ޕްރޮގްރާމުތައް ހިންގަން ރޭވިފައިވާ ކަމަށް ޝިއުރީ ވިދާޅުވިއެވެ.