ޚަބަރު

އިސްރާއީލުގެ އީލާތަށް ޙަމަލާދީ ޔަހޫދީން ހާސްކޮށްލައިފި


ރަތް ކަނޑުގެ އައްސޭރިފަށުގައި އޮންނަ ޒަޔަނިސްޓު އިސްރާއީލުގެ ބަނދަރުމަތީ ރަށެއް ކަމުގައިވާ އީލާތަށް ވަރުގަދަ ޙަމަލާތަކެއް ދީ, ޔަހޫދީ ފައުޖާއި ޢާންމުންނަށް ހާސްކަމާއި ބިރުވެރިކަން ގެނުވައިފިއެވެ. އީލާތަށް ޙަމަލާ ދީފައި ވަނީ ޢިރާޤުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތަކުންނެވެ.

އިސްރާއީލުގެ އިރުމަތިން މިސައިލެއް ފަދަ ހަތިޔާރެއް ބޭނުން ކޮށްގެން ދީފައިވާ މި ޙަމަލާގައި އީލާތުގައި ޢާންމުން ދިރިއުޅޭ ޢިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ޔަހޫދީ ފައުޖުން ބުނީ, އުދުހިފައި އައި އެއްޗެއްގެ ސަބަބުން އީލާތުގެ ޢިމާރާތަކަށް ގެއްލުންވި ކަމުގައެވެ. ނަމަވެސް, އެއީ ކޮން ކަހަލަ ހަތިޔާރެއް ކަން އަދި ސާފެއް ނޫނެވެ. އަދި, އެ މިސައިލް ފަދަ ހަތިޔާރު ދިފާޢު ކުރަން ޔަހޫދީ ފައުޖުގެ ވައިގެ ދިފާޢީ ނިޒާމު ވަނީ ނުކުޅެދިފައެވެ.

މި ޙަމަލާގައި އީލާތުގައި ޢާންމުން ދިރިއުޅޭ ޢިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް, އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައެއް ނުވެއެވެ. މި ޙަމަލާއާ ގުޅިގެން އީލާތުގައި އިންޒާރުގެ ރަނގަބީލު ޖަހާފައިވެއެވެ. އަދި, އެ ރަށުގައި ދިރިއުޅޭ ޔަހޫދީންނަށް ހާސްކަމާ ކުރިމަތިލާން ޖެހި, ރައްކާތެރި ކަން ހޯދަން މަޖުބޫރުވިއެވެ.

ޢިރާޤުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް, އިސްލާމިކް ރެސިސްޓެންސް އިން ޢިރާޤުން ވަނީ މި ޙަމަލާގެ ޒިންމާ އުފުލާ ކަން ހާމަކޮށްފައެވެ. އަދި, ޙަމަލާތައް އަމާޒު ކޮށްފައި ވާނީ, ޔަހޫދީ ފައުޖުގެ މުހިންމު އަމާޒުތަކަށް ކަމުގައި އެ ޖަމާޢަތުން ބުނެފައިވެެއެވެ. އެއީ, އީރާނުން ވާގިވެރިވާ އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ ޖަމާޢަތެކެވެ.

މިއީ, އޮކްޓޫބަރު 7ގައި ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޢުދުވާން ހިންގަން ފެށި ފަހުން އީލާތަށް ޙަމަލާތައް އަމާޒު ކޮށްފައިވާ ފުރަތަަމަ ފަހަރެއް ނޫނެވެ. ޔަމަނުގައި ހަރަކާތްތެރިވާ ޙޫޘީ ޖަމާޢަތުން ވެސް މީގެ ކުރިން އީލާތަށް މިސައިލާއި ޑްރޯން ޙަމަލާތައް ދީފައިވެއެވެ. ސޫރިޔާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ވެސް ހުސްވި އަހަރުގެ ނޮވެންބަރު މަހު އީލާތަށް ޑްރޯން ޙަމަލާތަކެއް ދީފައިވެއެވެ.

އިސްރާއީލުގެ އީލާތަށް ހަނގުރާމަވެރިން ވަރުގަދަ ޙަމަލާތަކެއް ދީފައިވާ މި ދަނޑިވަޅުގައި, ޣައްޒާގެ ދިފާޢުގައި ޖިހާދު ކުރަމުންދާ ޙަމާސް ޖަމާޢަތުން ވަނީ ޔަހޫދީ ސިފައިންގެ އިތުރު މީހަކު މަރައިލާފައެވެ. މިއާ އެކު, އޮކްޓޫބަރު 7ގައި ޔަހޫދީ ފައުޖުގެ ޢުދުވާން ފެށި ފަހުން މުޖާހިދުން މަރައިލާފައިވާ ޔަހޫދީ ސިފައިންގެ ޢަދަދު މި ވަނީ 600އަށް އުފުލިފައެވެ. ނަމަވެސް, މިއީ ޣައްޒާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދާ އަޅައިބަލާއިރު ނުބައްދަލު ޢަދަދެކެވެ.

އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 32,845އަށް އުފުލިފައެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން 25,000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަމުގައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ދާދި ފަހުން ވިދާޅުވެފައިވެއެވެ. އަދި, މި ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 75,392އަށް އުފުލިފައެވެ.