ޚަބަރު

އަދީބުގެ މައްޗަށް ދަޢުވާ ނުކުރަން ނިންމެވުން


ސުވިޓްޒަލޭންޑްގެ މަޝްހޫރު ވިޔަފާރިވެރިޔާ ކްރިސްޓޮފަރ ޕީޓަރ ނިކޮލާ ގްރޯ ރަހީނުކުރިކަމަށް ބުނާ މައްސަލައެއްގައި ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބުގެ މައްޗަށް ދަޢުވާނުކުރެއްވުމަށް މޯލްޑިވްސް ޕޮލިސް ސާރވިސަސުން ނިންމަވައިފިއެވެ.

އެ އިދާރާއިން އަދީބަށް ފޮނުއްވި ލިޔުމުގައިވަނީ އެމައްސަލާގައި ދަޢުވާނުކުރައްވަން ނިންމެވީ އެކަށީގެންވާ ވަރަށް ހެކި ލިބިވަޑައިގެންފައި ނުވާތީކަމަށެވެ. އަދި އެމައްސަލަ މިވަގުތަށް އިތުރަށް ގެންދަވާނެ ތަނެއް ނެތްކަމަށްވެސް އަދީބަށް ފުލުހުން ފޮނުއްވި ލިޔުމުގައިވެއެވެ. ސުވިޓްޒަލޭންޑްގެ މަޝްހޫރު ވިޔަފާރިވެރިޔާ ކްރިސްޓޮފަރ ޕީޓަރ ނިކޮލާ ގްރޯ ރަހީނުކުރި ކަމަށް ބުނާ މައްސަލައެއްގައި ތަޙްޤީޤަށް ކުރީގެ ނާއިބް ރައީސް އަޙުމަދު އަދީބާ ފުލުހުން ސުވާލްކުރައްވާފައިވެއެވެ.

އެ މައްސަލާގައި އަޙުމަދު އަދީބްގެ މައްޗަށް ތުހުމަތުކުރައްވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތިންވަނަ ދުވަހު ސްވިސް ވިޔަފާރިވެރިޔާ ކްރިސްޓޮފަރ ދިރިއުޅޭ ގޭގައި އުޅެނިކޮށް ބަޔަކުލައްވާ އެނާ ރަހީނުކޮށް، ތިންމިލިޔަން ޑޮލަރު ދިނުމަށާއި އެފައިސާ ނުދީފިނަމަ، މަރާލާނެކަމަށް ބުނެ އިންޒާރުދީފައިވާ ކަމަށެވެ. އަދި ކުރިސްޓޮފަރއާއި އެނާގެ ޙިއްޞާ އޮންނަ ކުންފުންޏެއް ކަމަށްވާ ނޫމަޑި ރިސޯރޓް އެންޑް ރެސިޑެންސަސްގެ މުވައްޒަފުންނަށް ބިރުދެއްކުމަށް އިރުޝާދުދެއްވައި، އެކަންކަމުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގެން، އެކަންތައް ކުރުމަށް އަޙުމަދު ރޭއްވެވިކަމަށް ތުހުމަތުކުރާކަމަށެވެ.

ކްރިސްޓޮފަރއަކީ ރާއްޖޭގައި ގިނަ މަޝަރޫޢުތަކެއް އިންވެސްޓްކުރަމުން ދިޔަ ނޫމަޑި ރިސޯރޓް އެންޑް ރެސިޑެންސަސް ވެރިޔާއެވެ.

ޑރ. މުޙައްމަދު ވަޙީދު ޙަސަންގެ ވެރިކަމުގައި ފުލުހުންނަށް ޚާއްޞަކުރައްވައިގެން ހުޅުމާލޭގައި އެޅުއްވުމަށް ހަމަޖެއްސެވި ފްލެޓްތައް އެޅުމަށް ޙަވާލުކުރައްވާފައިވަނީ ނޫމަޑި ރިސޯރޓް އެންޑް ރެސިޑެންސަސްއާއެވެ. މީގެއިތުރުންވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފްލެޓް އެޅުމުގެ އެކި ޕްރޮޖެކްޓްތައް އެކުންފުންޏާ ޙަވާލްކުރައްވާފައިވެއެވެ.

ފުލުހުންގެ ފްލެޓްތައް އެޅުމަށް ނޫމަޑި ރެސިޑެންސަސާ ޙަވާލުކުރުމުގައި ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެ، އެ މައްސަލަ އެސީސީއަށް ހުށައަޅާފައިވެއެވެ.