ކުޅިވަރު

ވެޓެރަންސް ލީގު: އެއްވަނަ ޓީމުގެ ގޮތުގައި ސިފައިންގެ ކުލަބު ސެމީއަށް


އެފްއޭއެމް ވެޓެރަންސް ލީގު 2024 ގައި އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ކުލަބު ބަލިކޮށް، ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް އޭގެ މެޗު ސިފައިންގެ ކުލަބުން ކާމިޔާބުކުރީ ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުންނެވެ.

މި މޮޅާއެކު ގްރޫޕް އޭގެ އެއްވަނައަށް ސިފައިން ޖެހިލީ ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ހުޅުމާލެ ވެޓެރަންސްއަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، މި ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ހުޅުމާލެ ވެޓެރަންސްވެސް ވަނީ ސެމީގެ ޖާގައެއް ހޯދާފައެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ހުޅުމާލެ ވެޓެރަންސްއިންނެވެ. މެޗު ފަށައިގެން 10 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުސެއިން ނަޝީދެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިފައިންގެ ކުލަބުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ފަޒާލްއެވެ.

ސިފައިންގެ ކުލަބުން މި މެޗުގެ ދެވަނަ ހާފުގައި ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 47 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ފަޒާލްއެވެ. އޭގެ ހަތަރު މިނެޓު ފަހުން ލިބުނު އިތުރު ޕެނަލްޓީއަކުން ފަޒާލް ވަނީ އިތުރު ލަނޑެއް ޖަހައި، އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މި މެޗުގައި ފަޒާލް ހެޓްރިކް ހެދިއިރު، އެންމެ ފަހުން ޕޮލިސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުގައިވެސް އޭނާ ވަނީ ހެޓްރިކެއް ހަދާފައެވެ.

މި މެޗުން މޮޅުވެ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ސިފައިންގެ ކުލަބު ސެމީއަށް ދަތުރުކުރިއިރު، ސެމީގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ގްރޫޕް ބީން ދެވަނައަށް ދާ ޓީމަކާއެވެ. މި ވަގުތު ގްރޫޕް ބީގެ ދެވަނައިގައި އެންމެ ފަހުގެ ރަނަރަޕް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު އޮތްއިރު، އެ ގްރޫޕުގެ އެއްވަނައިގައި އޮތް މުއިވެޔޮ ފްރެންޑްސްއެވެ. މި ގްރޫޕުގެ ފަހު މެޗުގައި މާދަމާ ހަވީރު ދަ ގްރާންޑޭ ނުކުންނާނީ ކުލަބު ސްޓެލްކޯއާ ދެކޮޅަށެވެ.

40 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ބާއްވާ ވެޓެރަންސް ލީގު މި ފަހަރު ކުރިއަށްދަނީ 10 ޓީމުގެ މެދުގައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތުގެ ކުޅުން ކުރިއަށްދާއިރު، ސިފައިންގެ ކުލަބާއި، ހުޅުމާލެ ވެޓެރަންސް އާއި، ޕޮލިސް ކުލަބުގެ އިތުރުން ގްރޫޕް އޭގައި ހިމެނެނީ ހުއްރިއްޔާ ސްޕޯޓްސް ކުލަބު އަދި ވިލިމާލެ ޔުނައިޓެޑެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ދަ ގްރާންޑޭ އާއި، މުއިވެޔޮ އަދި ސްޓެލްކޯގެ އިތުރުން މޯލްޑިވްސް ސޮކަރ މޭޓްސް (އެމްއެސް މޭޓްސް) އާއި ލެގޫންސް ސްޕޯޓްސް ކުލަބެވެ.