ޚަބަރު

ސޫރިޔާގައި ކާރު ބޮމެއް ގޮއްވައިލާ ހަތް މީހުން މަރައިލައިފި


ސޫރިޔާގެ ރަށެއްގައި ކާރު ބޮމެއް ގޮއްވައިލައި ހަތް މީހުން މަރައިލައިފިއެވެ. ތުރުކީވިލާތުގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ޢަޒާޒުގައި ދިން މި ޙަމަލާގައި އިތުރު 30 ވަރަކަށް މީހުން ޒަޚަމުވިއެވެ. ކާރު ބޮން ގޮއްވައިލާފައި ވަނީ ގިނަ ޢަދަދެއްގެ ބަޔަކު އެއްވެ ތިބި މާރުކޭޓެއްގައެވެ.

ޢަޒާޒްގެ އޮފިޝަލުން ބުނީ, ކާރު ބޮން ގޮއްވައިލާފައި ވަނީ ރޯދަ ވީއްލުމަށް ފަހު ގިނަ ޢަދަދެއްގެ ބަޔަކު މާރުކޭޓުގައި ވިޔަފާރި ކުރަން ތިބި ވަގުތެއްގައި ކަމުގައެވެ. މަންޒަރު ފެނުނު މީހަކު ބުނީ, ބޮން ގޮއްވައިލި ވަގުތު އެ ސަރަޙައްދު އޮތީ ތޮއްޖެހިފައި ކަމުގައެވެ. އެއްވެސް ފަރާތަކުން މި ޙަމަލާގެ ޒިންމާ އުފުލާފައެއް ނުވެެއެވެ.

ޢަޒާޒަކީ ސޫރިޔާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ އަތްދަށުގައި އޮތް ރަށެކެވެ. އެ ރަށުގައި ހަރަކާތްތެރި ވަނީ ތުރުކީވިލާތުން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކެވެ. މިއީ, ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ރަށުގައި މި ފަދަ ޙަމަލާއެއް ދީފައިވާ ފުރަތަމަ ފަހަރެވެ. މީގެ ދެ އަހަރު ކުރިން ވެސް އެ ރަށުގައި ކާރު ބޮމުގެ ޙަމަލާތަކެއް ދީފައިވެއެވެ.

ފަހަކަށް އައިސް ސޫރިޔާގެ ހުޅަނގުއުތުރުގައި އޮންނަ ރަށްތަކުގައި ދޭ މި ފަދަ ޙަމަލާތަކުގެ ޢަދަދު އިތުރު ވެފައިވާ ކަން ފާހަގަވެއެވެ. މި ފަދަ ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ, ޢާންމުން ގިނަ ޢަދަދަކަށް ޖަމާވާ ސަރަޙައްދުތަކަށެވެ. ޢަޒާޒްގައި ދިން ޙަމަލާގައި ޒަޚަމުވި މީހުންގެ ތެރެއިން ބައެއް މީހަކު ހާލު ސީރިޔަސް ކަމަށާއި, ގިނަ ޢަދަދެއްގެ ބަޔަކު ހަސްފަތާލުތަކުގައި އެޑްމިޓު ކޮށްގެން ފަރުވާ ދޭން ޖެހިފައިވާ ކަމުގައި އެ ރަށުގެ އޮފިޝަލުން ބުންޏެވެ.

މި ޙަމަލާގެ ފަހަތުގައި ވަނީ ސޫރިޔާގެ އިރުއުތުރުގައިވާ ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކޮށްފައިވާ ކުރުދީންނާ ގުޅުން އޮތް ވައިޕީޖީ ޖަމާޢަތް ކަމަށް ޢަޒާޒްގެ ބައެއް ރައްޔިތުން ގަބޫލު ކުރެއެވެ. ނަމަވެސް, އެހެން ފަރާތްތަކުން ދެކޭ ގޮތުގައި, މިއީ ރައީސް ބައްޝާރް ހާފިޛް އަލް-އަސަދުގެ ސަރުކާރާއި އަސްކަރިއްޔާއިން ފަހަތުގައި އޮވެގެން ދެމުންދާ ޙަމަލާތަކެކެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމަ ފެށީ މީގެ 13 ވަރަކަށް އަހަރު ކުރިންނެވެ. އަދި, 12 އަހަރަށް ދެމިގެން ދިޔަ އެ ހަނގުރާމައިގައި 350,000އަށްވުރެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ ތެރޭގައި ޢާންމުންގެ 306,000އަށްވުރެ ގިނަ މީހުން ހިމެނޭ ކަމަށް އދއިން ގަބޫލު ކުރެއެވެ.

އަދި, ސޫރިޔާގެ އާބާދީގެ ދެބައިކުޅަ އެއްބައި ރައްޔިތުން ވަނީ ގެދޮރު ނެތި, ރެފިއުޖީންނަށް ވެފައެވެ. ސޫރިޔާގެ އެތެރޭގައި ގެދޮރު ނެތި, ހާލުގައި ޖެހިފައިވާ މީހުންގެ ޢަދަދު 6.8 މިލިޔަނަށް އަރައެވެ. މީގެ އިތުރުން, ސޫރިޔާ ދޫކޮށް 5.3 މިލިޔަނަށްވުރެ ގިނަ މީހުން ވަނީ އެހެން ޤައުމުތަކަށް ހިޖުރަ ކޮށްފައެވެ.

ސޫރިޔާގެ ބޮޑު ސަރަޙައްދެއް މިހާރު އޮތީ ރައީސް އަސަދުގެ ބާރުގެ ދަށުގައެވެ. ހަނގުރާމައިގައި ރަޝިޔާއާއި އީރާނުން ވަނީ އަސަދުގެ ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މިހާރު ވެސް އެ ދެ ޤައުމުން ދަނީ އަސަދުގެ އަސްކަރިއްޔާއަށް ވާގިވެރިވަމުންނެވެ.