ޚަބަރު

ނިއުޒިލޭންޑުގެ އާ ސަފީރު ރައީސްއަށް ފަތްކޮޅު އަރުވައިފި


ނިއުޒިލޭންޑުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އާ ސަފީރު، ޑރ. ޖޮނަތަން އެޑްވާޑް އޮސްޓިން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ރަސްމިއްޔާތުގައި، ނިއުޒިލޭންޑުގެ އާ ސަފީރަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވިއެވެ. އަދި، ކުރިއަށް އޮތްތާނގައި ރާއްޖެއާ ނިއުޒިލޭންޑާ ދެމެދު އިތުރަށް ގުޅުން ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރެވޭނެ އިތުރު ދާއިރާތަކާބެހޭގޮތުން މަޝްވަރާ ކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއަށް ބޭރުގެ އިންވެސްޓަރުން ހޯދުމުގައި އެހީތެރިކަން ބޭނުންވާ ކަމަށެވެ. އަދި، ދެ ޤައުމަކީވެސް ޖަޒީރާ ޤައުމަށް ވީތީވެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ދަތިތަކާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބައްދަލުކުރެއްވުމުގައި، ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ޢަދަދާ ފަތުރުވެރިކަމުގެ ޙާލަތު ނިއުޒިލޭންޑުގެ ސަފީރާ ޙިއްޞާ ކުރައްވާފައެވެ. މިގޮތުން، އެމަނިކުފާނު ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު ގިނަ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާ، ފަތުރުވެރިންގެ ޢަދަދު އިތުރުކުރެވޭނީ ރާއްޖޭގެ ވައިގެބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ގެނެވިގެން ކަމަށެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެއަރޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢު މިހާރު ކުރިއަށް ދާކަމަށެވެ.

img:http://s2.psmnews.mv/images/660x400/14618280117376.jpg|ނިއުޒިލޭންޑުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޔާމީންއަށް އެރުވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ނިއުޒިލޭންޑުގެ އާ ސަފީރު ޑރ. ޖޮނަތަން އެޑްވާޑް އޮސްޓިން ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދިވެހިރާއްޖެއާ ނިއުޒިލޭންޑާ ދެޤައުމުގެ ކުރިއެރުމަށް ބޭނުންވާ ހުރިހާ ކަމެއްގައި އެމަނިކުފާނު އެހީތެރިކަން ދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއަކީ ތަޢުލީމަށް ވަރަށް މުހިންމުކަން ދޭ ޤައުމެއް ކަމަށް އެމަނިކުފާނަށް ފާހަގަކުރެއްވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އޮނަރަބަލް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.