ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގައި ހުސްވެފައިވާ މަގާމުތަކަށް އިންތީޚާބުކުރެއްވި ބޭފުޅުންނާއެކު، އައު ހިންގާ ކޮމިޓީ ސްޕޯޓްސް ކޮމިޝަންގައި ރަޖިސްޓަރީކޮށްފިއެވެ.
މިދިޔަ އަންގާރަ ދުވަހުގެރޭ ބޭއްވި ވީއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވަނީ އެ އެސޯސިއޭޝަނުގެ ހުސްވެފައިވާ ހިންގާ ކޮމިޓީގެ މަގާމުތަކަށް މެންބަރުން އިންތިޚާބުކޮށްފައެވެ. އެ އިންތިޚާބުގައި ވީއޭއެމްގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވީ ކުރީގެ ރައީސް މުޙައްމަދު ލަތީފް އެކަންޏެވެ.
ވީއޭއެމުގެ އަސާސީ ގަވާއިދު ބުނާ ގޮތުން މަގާމަކަށް އެއް ބޭފުޅަކު ކުރިމަތިލައްވައިފިނަމަ، ވޯޓަކާ ނުލައި އެ މަގާމަކަށް އެ ބޭފުޅަކު ހޮވިވަޑައިގަންނަވާނެއެވެ. އެހެންކަމުން ލަތީފް އާއެކު ހުސްވެފައިވާ ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލެއްވި މެންބަރުން ވަނީ ވޯޓަކާ ނުލައި އެ މަގާމުތަކަށް ހޮވިވަޑައިގެންފައެވެ.
ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ސޮއިކުރައްވައި، ވީއޭއެމްގެ ރައީސް ލަތީފަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުއްވި ސިޓީއާއެކު ވަނީ އެ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީ ރަޖިސްޓަރީ ކުރިކަމުގެ ލިޔުން ފޮނުއްވާފައެވެ. އަދި ކުޅިވަރު ޖަމުއިއްޔާތައް ރަޖިސްޓަރީކޮށް ހިންގުމާ ބެހޭ ގަވާއިދުގެ ދަށުން ކުރުމަށް ލާޒިމުކުރާ ކަންތައްތައް ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދިޔުމަށް ވަނީ ދަންނަވާފައެވެ.
ވީއޭއެމްގެ އައު ހިންގާ ކޮމިޓީ ސްޕޯޓްސް ކޮމިޝަންގައި ރަޖިސްޓަރީކުރިއިރު، ވީއޭއެމުން ބޭއްވި އިންތިޚާބީ ކޮންގްރެސްގައި ސްޕޯޓްސް ކޮމިޝަނުގެ ފަރާތުންވެސް އޮބްޒާވަރުން ވަނީ ބައިވެރިވެފައެވެ.
އެކަމަކު މީގެ ކުރިން ކޮމިޝަނަރ އޮފް ސްޕޯޓްސް ޠަލާލް ވަނީ ވީއޭއެމްގެ އެސޯސިއޭޝަނުގެ އިންތިޚާބުގެ ކަންކަން މަޑުޖައްސާލުމަށް އަންގާފައެވެ. އަދި އޭގެ ފަހުން އިންތިޚާބު ބޭއްވުމަށް ފުރުސަތު ދީފައިވަނީ ވީއޭއެމްގެ އޮޑިޓުގެ މަސައްކަތް ކުރަަން މުހުލަތެއްދިނުމަށްފަހު، ގާނޫނީ ގޮތުން ދެން ފުރިހަމަވާން ޖެހޭ ކަންކަންވެސް ފުރިހަމަކުރުމަށް އެންގުމަށްފަހުއެވެ.
ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ރައީސްކަމުގެ ދެވަނަ ދައުރެއް ފުރުއްވަމުން އަންނަ ލަތީފް އަނެއްކާވެސް ވީއޭއެމުގެ ރައީސްގެ މަގާމަށް އިންތިޚާބުވެވަޑައިގެންނެވިއިރު، އޭނާ ވަނީ 2016 އިން 2019 އަށް ވީއޭއެމުގެ ރައީސްގެ މަގާމު ފުރުއްވާފައެވެ. އޭނާގެ މަގާމު އެ ފަހަރު ގެއްލުނީ ކުރީގެ ކޮމިޝަނަރ އޮފް ސްޕޯޓްސް ހީނާ އަޙްމަދު ސަލީމް، ވީއޭއެމްގެ މައްސަލައެއް ބަަލައި، އޭރު އޮތް ހިންގާ ކޮމިޓީ އުވާލައި، އެސޯސިއޭޝަން އިންޓަރިމް ހާލަތަކަށް ގެންނަން ނިންމުމުންނެވެ.
ވީއޭއެމުން ހުސްވެފައިވާ ހިންގާ ކޮމިޓީގެ މަގާމުތަކަށް ބޭފުޅުން އިންތިޚާބުކުރިއިރު، މިހާރު އޮތް ހިންގާ ކޮމިޓީގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހެވެ.