ޚަބަރު

ލ.އަތޮޅުގައި ކުރިއަށްގެންދެވި ރައްކާ ރޯޑް ޝޯވ ނިންމާލައިފި


މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ލ. އަތޮޅުގައި ކުރިއަށްގެންދިޔަ ރައްކާ ރޯޑް ޝޯވގެ ހަރަކާތްތައް ނިންމާލާފައިފިއެވެ.

މިމަހުގެ 20 ން 26 އަށް ލ. އަތޮޅުގައި ކުރިއަށް ގެންދިޔަ ރައްކާ ރޯޑް ޝޯވއަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުމުގެ މަޤުޞަދުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން އިންތިޒާމްކޮށްގެން އެލައިޑް އިންސްއަރެންސްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ. ލ. އަތޮޅުގައި ކުރިއަށް ގެންދިޔަ ރައްކާ ރޯޑް ޝޯވއަކީ މި ސިލްސިލާގެ 3 ވަނަ ޕްރޮގްރާމެވެ.

ރައްކާ ރޯޑް ޝޯވއަކީ އެއްގަމު ދަތުރު ފަތުރުގެ ރައްކާތެރިކަމާއި ގުޅޭގޮތުން މަޢުލޫމާތުދީ ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ ޕްރޮގްރާމެކެވެ. މިގޮތުން ލ.އަތޮޅުގައި ވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ތަފާތު މެސެޓްތައް ހިމެނޭ ބިލްބޯޑުތަކެއް އިފްތިތާހުކޮށްފައެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ޓްރެފިކް އޮޕަރޭޝަނެއް ކުރިއަށްގެންދިޔައެވެ. މީގެއިތުރުން އެރަށުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ދަރިވަރުންނާއި އަދި ބެލެނިވެރިންނަށް އަމާޒުކުރައްވައިގެން ވަނީ މަޢުލޫމާތުދިނުމުގެ ސެޝަންތައް ކުރިއަށްގެންދަވާފައެވެ.

ރައްކާ ރޯޑް ޝޯވގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން ޙާއްސަ މިއުޒިކް ޝޯވއެއް ބޭއްވިއެވެ.

ލ. ގަން ތުނޑީ އަވަށު ފުޓްބޯޅަދަނޑު ސްޓޭޖުގައި ބޭއްވި މި ޝޯވގައި ހަބޭސް ބޮޑުބެރު ގްރޫޕުގެ ހިތްގައިމު ހުށަހެޅުންތައް ފެނިގެންގޮސްފައިވާއިރު މޯލްޑިވިއަން އައިޑަލްގައި ވާދަކުރި މުޙައްމަދު މުއައްޒިންގެ ހުށަހެޅުމެއް ފެނިގެން ގޮސްފައިވެއެވެ.

މި ޝޯވގައި ވަނީ ރައްކާ ރޯޑްއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކަށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުމާއި ހަނދާނީ ފިލާ ދީފައެވެ.