ޚަބަރު

ސޫރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށުމަށް އދއިން މަސައްކަތްކުރަނީ


ސޫރިޔާގެ ސުލްހައިގެ މަޝްވަރާތައް ކުރިޔަށް ގެންދިއުމަށް ބާރުއަޅާދީ، އެހީތެރިވުމަށް އެމެރިކާއާއި ރަޝިއާއަށް އދ އިން ސޫރިޔާއަށް ކަޑައަޅާފައި ހުންނަވާ މަންދޫބު ސްޓެފާން ދީ މިސްތޫރާ ގޮވާލައްވައިފިއެވެ.

ސޫރިޔާގައި ކުރިޔަށްދާ ހަމަނުޖެހުންތަކަށް ހައްލެއްހޯދުމަށް އދ އިން އިސްނަގައިގެން ޖެނީވާގައި ފަށާފައިވާ ސުލްހައިގެ މަޝްވަރާތަކުގެ ދެވަނަ ބުރު މިވަނީ ސޫރިޔާގެ ސަރުކާރާއި އިދިކޮޅު ފަރާތުން މަޝްވަރާއިން ވަކިވުމުގެ ސަބަބުން މަޑުޖެހުމަކަށް އައިސްފައެވެ. ސޫރިޔާގެ މައި އިދިކޮޅު ފަރާތްކަމަށްވާ ހައި ނެގޯސިއޭޝަންސް ކޮމިޓީ، އެޗް.އެން.ސީއިން ބުނެފައިވަނީ މަޝްވަރާތަކުން ވަކިވާން ޖެހުނީ ސޫރިޔާގެ ސަރުކާރުން އެޤައުމުގައި ކުރިޔަށް ގެންދާ އަސްކަރީ އޮޕަރޭޝަންތައް ކުރިޔަށް ގެންދާތީއާއި، ސޫރިޔާހައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކަށީގެންވާ މަސައްކަތެއް ކުރަން ސަރުކާރުން އެއްބާރުލުން ނުދޭތީކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އދ އިން ސޫރިޔާއަށް ކަޑައަޅާފައި ހުންނަ މަންދޫބު މިސްތޫރާ ވިދާޅުވީ ސޫރިޔާގެ ގޯސްވަމުންދާ ސެކިއުރިޓީ މައްސަލަތަކާއި ހެދި ސުލްހައިގެ މަޝްވަރާތަކަށް ބުރުއަރާކަމަށެވެ. އަދި ސުލްހައިގެ މަޝްވަރާތައް ކާމިޔާބުކަމާއި އެކު އަލުން ކުރިޔަށް ގެންދިއުމަށް އެހީތެރިވުމުގެ ގޮތުން ފެބްރުއަރީމަހު އެއްބަސްވެފައިވާގޮތައް ސޫރިޔާގައި ދެފަރާތުން ބަދަލުކުރަމުންދާ ހަމަލާތައް ހުއްޓާލުމަށް އެމެރިކާއާއި ރަޝިއާގެ ކިބައިން މިސްތޫރާ އެދިވަޑައިގެނެވެ.

މިސްތޫރާ ވިދާޅުވީ ދެފަރާތުން ބަދަލުކުރަމުންދާ ހަމަލާތައް ހުއްޓާލުމަކީ ކުރެވިދާނެކަމެއްކަމަށެވެ. އަދި މަޝްވަރާތަކުގެ މައްޗަށް ބިނާކޮށް ސޫރިޔާގެ މައްސަލައަށް ސިޔާސީ ހައްލެއް ގެނެވޭނެ ކަމަށް މިސްތޫރާ ވިދާޅުވިއެވެ. މިސްތޫރާ ވިދާޅުވީ ހަމަލާތައް ބަދަލުކުރުން ހުއްޓުމަށް ފެބްރުއަރީމަހު ވެވުނު އެއްބަސްވުމުގެ ސަބަބުން މަރުވާ މީހުންގެ މިންވަރު މަދުކުރެވުނުކަމަށް، ނަމަވެސް މިހާރު ކޮންމެ 25 މިނެޓެއްގައި ސޫރިޔާގެ އެއް ރައްޔިތެއް ހަމަލާތަކުގެ ސަބަބުން މަރުވަމުންދާކަމަށް މިސްތޫރާ ވިދާޅުވިއެވެ.