ކުޅިވަރު

ކުޅިވަރުގެ ބޮޑެތި ބައްދަލުވުންތައް ރާއްޖޭގައި ބޭއްވުމަކީ ސަރުކާރުގެ ވިސްނުމެއް


ބައިނަލްއަގުވާމީ ކުޅިވަރުގެ ބޮޑެތި ބައްދަލުވުންތަކާއި ކޮންފެރެންސްތައް ރާއްޖޭގައި ބޭއްވުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ހަވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ރަސްމީކޮށް އިފްތިތާހުކުރުމަށް ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަދައްކަވުމުން ރާފިޢު ވިދާޅުވީ ހަމައެކަނި ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބޭއްވުން އެއީ ވިސްނުމެއް ނޫން ކަމަށާއި، ކުޅިވަރުގެ ބޮޑެތި ބައްދަލުވުންތައްވެސް ރާއްޖޭގައި ބޭއްވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

މި އަހަރު ރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރަމުން އަންނަ މުބާރާތަކަށް ބަލާއިރު، ޖޫން މަހު ބާއްވާ ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތާއި، ނޮވެމްބަރު މަހު ބާއްވާ ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕާއި، ޖޫން މަހު ބާއްވާ މޯލްޑިވްސް އޯޕަން ޕޫލް ބިލިއާޑް މުބާރާތާއި، އޮގަސްޓް މަހު ބާއްވާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕާއި، މޯލްޑިވްސް ޕްރޯ ބޮޑީބޯޑިން މުބާރާތުގެ އިތުރުން މޯލްޑިވްސް އޯޕަން ބެޑްމިންޓަން މުބާރާތެއް ހިމެނެއެވެ.

ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވޭ ނިސްބަތް ރަނގަޅުކޮށް، ޓޫރިޒަމްގެ ތެރެއިން ރާއްޖެއަކީ ކުޅިވަރުގެ މަންޒިލަކަށް ހެދުމުގެ މަސައްކަތް އެކިއެކި ފަރާތްތަކާ ގުޅިގެން ކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރާއްޖޭގައި ބާއްވާ ހުރިހާ މުބާރާތްތައް، ވަކިން ޚައްސަކޮށް ބައިނަލްއަގުވާމީ މުބާރާތްތަކާ ދިމާކޮށް އެކިއެކި ހަރަކާތްތައް ރާވައި، ޓޫރިޒަމް ޕްރޮމޯޓްކުރަން މުއައްސަސާތަކާ ގުޅިގެން މަޝްވަރާ ކުރައްވާ ކަމަށެވެ.

"
ރާއްޖެއަކީ ސްޕޯޓްސް ޑެސްޓިނޭޝަނެއްގެ ގޮތުގައި ތައާރަފުކޮށް، އެކަން ފުޅާކުރަން ކުރެވެން ހުރި މަސައްކަތްތަކެއް ކުރަން. އެ ގޮތުގެ މަތިން އެމްއެމްޕީއާރްސީ އާއި އެމްއައިޓީޑީސީ އާއި ވަކިން ޚާއްސަކޮށް ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ރާއްޖޭގައި ބާއްވާ ހުރިހާ އިންޓަރނޭޝަނަލް މުބާރާތެއްވެސް ވަރަށް ކޯޑިނޭޓްކޮށްގެން ގެންދަނީ. އެ ގޮތުގެ މަތިން އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްވެސް ގެންދާނީ.
ޢަބްދުﷲ ރާފިޢު - ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު

އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާއިރު، މުބާރާތުގެ އަމާޒާ ގުޅޭގޮތުން ކުރެވުނު ސުވާލުގެ ޖަވާބުގައި ރާފިޢު ވިދާޅުވީ ކެރަމް ނޫންކަމުގައި ވިޔަސް، ރާއްޖެއިން އަބަދުވެސް ވާދަކުރާނީ ރަން މެޑަލް ހޯދުމަށް ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ ކުޅިވަރުގެ ތެރެއިން ރާއްޖެއަށް އިގުތިސާދީ ގޮތުން ނަފާހޯދުން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.