ކުޅިވަރު

ވެޓެރަންސް ލީގު: ބޮޑު ތަފާތަކުން ވިލިމާލެ ބަލިކޮށް ހުއްރިއްޔާ ސެމީގެ އުއްމީދުގައި


އެފްއޭއެމް ވެޓެރަންސް ލީގު 2024 ގައި ތަފާތު ބޮޑު ނަތީޖާއަކުން ވިލިމާލެ ޔުނައިޓެޑް ބަލިކޮށް، ސެމީ ފައިނަލުގެ އުއްމީދު ހުއްރިއްޔާ ސްޕޯޓްސް ކުލަބުން ދަމަހައްޓައިފިއެވެ.

ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް އޭގެ މެޗު ހުއްރިއްޔާއިން ކާމިޔާބުކުރީ ފަސޭހަކަމާއެކު 8-0 ގެ ނަތީޖާއަކުންނެވެ.

މި މެޗާ ކުރިމަތިލިއިރު ހުއްރިއްޔާގެ އާދަމް ލަރީފް (ރޮނާ) ވަނީ މުބާރާތުން ސަސްޕެންޑް ކޮށްފައެވެ. އޭނާ ސަސްޕެންޑް ކުރީ ހުޅުމާލެ ވެޓެރަންސް ކުލަބާ ދެކޮޅަށް ކުޅުނު މެޗު ނިމެން ގާތްވެފައި ވަނިކޮށް، މެޗުގެ ރެފުރީއަށް ހަމަލާދިނުމަށް ރޮނާ މަސައްކަތްކުރުމާ ގުޅިގެންނެވެ. ރެފުރީއަށް ހަމަލާދޭން ރޮނާ މަސައްކަތްކުރީ އޭނާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ. އެއާއެކު ރޮނާ ސަސްޕެންޑް ކުރިއިރު، ކުރިއަށް އަހަރުތަކުގައި ބާއްވާ ވެޓެރަންސް މުބާރާތުގައިވެސް ރޮނާއަށް ވާދަނުކުރެވޭނެ ކަމަށް މުބާރާތުގެ އިންތިޒާމު ކޮމިޓީން ވަނީ މައުލޫމާތުދީފައެވެ.

މިއަދު ކުޅުނު މެޗުގައި ހުއްރިއްޔާއިން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ފަސް ލަނޑު ޖަހާފައެވެ. އެގޮތުން އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިސްމާޢީލް މުޙައްމަދެވެ. އަދި އޭގެ ތިން މިނެޓު ފަހުން އަލީ ނަޒްމީން ވަނީ ލަނޑެއް ޖަހައި، ހުއްރިއްޔާގެ ލީޑު ފުޅާކޮށްދީފައެވެ.

ހުއްރިއްޔާއިން ގާތްގާތުގައި ގިނަ ލަނޑުތަކެއް ޖެހިއިރު، އެ ޓީމުގެ ތިންވަނަ ލަނޑު މެޗުގެ 23 ވަނަ މިނެޓުގައި ކާމިޔާބުިކޮށްދިނީ އަލީ ޝިޔާމެވެ. އަދި ހުއްރިއްޔާގެ ހަތަރުވަނަ ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި އިސްމާޢީލް މުޙައްމަދު ކާމިޔާބުކޮށްދިންއިރު، ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އަލީ ޝިހާމް (ހުރާ އައްޔަ) ވަނީ އެ ޓީމުގެ ފަސްވަނަ ލަނޑު ޖަހައިދީފައެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ހުއްރިއްޔާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި އެ ޓީމުގެ އަލީ ނަޒްމީން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. އަދި މެޗުގެ 46 ވަނަ މިނެޓުގައި މުޙައްމަދު އަބްދުﷲ ހުއްރިއްޔާގެ ހަތްވަނަ ލަނޑު ޖަހައިދިންއިރު، އެ ޓީމުގެ ފަހު ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަޙްމަދު ސަމާއުއެވެ.

މި މޮޅާއެކު ހުއްރިއްޔާއިން ސެމީގެ އުއްމީދު ދެމެހެއްޓިއިރު، އެ ޓީމު ވަނީ ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. އެގޮތުން ކުޅުނު ހަތަރު މެޗުން ހުއްރިއްޔާއަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައަށް ވެއްޓުނު ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އަށްވެސް ވަނީ އެ އަދަދަށް ޕޮއިންޓް ލިބިފައެވެ. އެކަމަކު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސިފައިންގެ ކުލަބު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ކުލަބާ ދެކޮޅަށެވެ. ހުޅުމާލެ ވެޓެރަންސްއިން ވަނީ މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅުވެ، ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

40 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ބާއްވާ ވެޓެރަންސް ލީގު މި ފަހަރު ކުރިއަށްދަނީ 10 ޓީމުގެ މެދުގައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތުގެ ކުޅުން ކުރިއަށްދާއިރު، ހުޅުމާލެ ވެޓެރަންސް އާއި، ހުއްރިއްޔާ އާއި، ވިލިމާލެ ޔުނައިޓެޑް އަދި ސިފައިންގެ ކުލަބުގެ އިތުރުން ގްރޫޕް އޭގައި ހިމެނެނީ ޕޮލިސް ކުލަބެވެ. އަދި މުބާރާތުގެ ގްރޫޕް ބީގައި ހިމެނެނީ އެންމެ ފަހުގެ ރަނަރަޕް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާއި، މޯލްޑިވްސް ސޮކަރ މޭޓްސް އާއި، މުއިވެޔޮ ފްރެންޑްސް އާއި، ލެގޫންސް ސްޕޯޓްސް ކުލަބު އަދި ކުލަބު ސްޓެލްކޯއެވެ.