ޚަބަރު

ސެންޓާރާއިން ރާއްޖޭގައި އިތުރު 5 ރިސޯޓް ހުޅުވަނީ


ރާއްޖޭގައި އިތުރު 5 ރިސޯޓް ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް ތައިލެންޑުގެ ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސްއިން ބުނެފިއެވެ.

ރާއްޖޭގައި މިހާރުވެސް ދެ ރިސޯޓް ހިންގަމުން އަންނަ ސެންޓާރާއިން ބުނީ، މިހާރު ކުރިއަށްދަނީ މި ފަސް ރިސޯޓް ތަރައްޤީކުރުމަށް ބޭނުންވާ ރަށްތައް ކަނޑައަޅައި ފައިނަލައިޒް ކުރުމުގެ މަސައްކަތްކަމަށެވެ. 

ޕީއެސްއެމާއި ވާހަކަދައްކަވަމުން ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސްގެ، ބިޒްނަސް ޑިވެލޮޕްމަންޓުގެ ވައިސް ޕްރެޒިޑެންޓް، ސުޕާރަތު ޗިރަތިވަތު ވިދާޅުވީ ކ. އަތޮޅުގައި ހުޅުވިގެންދާ މި ރިސޯޓްތަކަކީ މޫދު ކޮޓަރިތައް ހިމަނައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރެވޭ ފޯސްޓަރގެ ރިސޯޓްތަކެއް ކަމަށެވެ. މި ފަސް ރިސޯޓް ތަރައްޤީކޮށް ނިންމުމަށް ގާތްގަނޑަކަށް 5 އަހަރު ހޭދަވާނެކަމަށް ލަފާކުރެވޭއިރު، މި ފަސް ރިސޯޓް ތަރައްޤީކޮށް ނިމޭއިރު ގާތްގަނޑަކަށް 500 އެނދު ހިމެނޭނެކަމަށް ސެންޓާރާއިން ލަފާކުރެއެވެ. މީގެ އިތުރުން ސެންޓާރާގެ އިތުރު ރިސޯޓެއް ވަރަށް އަވަހަށް ރާއްޖޭގައި ހުޅުވިގެންދާނެކަމަށްވެސް ސެންޓާރާއިން ވަނީ ބުނެެފައެވެ.

ސެންޓާރާއިން ވަނީ އެކުންފުނިން ރާއްޖޭގައި ކުރަމުންދާ އިންވެސްޓްމަންޓްތައް ކާމިޔާބުކަން ފާހަގަކޮށް، މި ސަރަހައްދުގެ އެހެން ޤައުމުތަކާ އަޅާބަލާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރަމުންދާގޮތަށް ތައުރީފްކޮށްފައެވެ. ސެންޓާރާއިން މިހާރުވެސް ރާއްޖޭގައި ދެ ރިސޯޓެއް ދަނީ ހިންގަމުންނެވެ.