ޚަބަރު

ރަފަޙުގައި ޢާންމުން ދިރިއުޅޭ ހަތަރު ގެއަކަށް ބޮންއަޅައި ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދުކޮށްލައިފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން އެ ސަހަރުގެ އެންމެ ދެކުނުން އޮތް ރަފަޙުގެ ހަތަރު ގެއަކަށް ރަޙުމު ކުޑަ ޙަމަލާތަކެއްދީ, ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދު ކޮށްލައިފިއެވެ. ޔަހޫދީންގެ ލާއިންސާނީ ޢުދުވާނާ ގުޅިގެން ހާލުގައި ޖެހިފައިވާ 1.5 މިލިޔަނެއްހާ މީހުން މި ވަގުތު ތިބީ ރަފަޙުގައެވެ.

ޔަހޫދީ ފައުޖުގެ އެއް ޙަމަލާގައި އެއް ޢާއިލާއަކަށް ނިސްބަތްވާ 11 މެންބަރުން ޝަހީދު ކޮށްލިއެވެ. އެ ޢާއިލާގެ މެންބަރެއް ކަމުގައިވާ މޫސާ ޟާހިރު ބުނީ, ޔަހޫދީންގެ ޙަމަލާގައި އޭނާގެ 75 އަހަރުގެ ބައްޕައާއި, 62 އަހަރުގެ މަންމަ ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އަދި, އެ ޢާއިލާގެ ގިނަ ޢަދަދެއްގެ މެންބަރުން ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް މެދުކަނޑައިލުމަށް ގޮވައިލާ, މާރިޗު 25 ވަނަ ދުވަހު އދގެ ސަލާމަތީ މަޖިލީހުން ވަނީ ޤަރާރެއް ފާސް ކޮށްފައެވެ. ނަމަވެސް, މި ޤަރާރާ ޚިލާފަށް ޔަހޫދީ ފައުޖުން ދަނީ ޣައްޒާއަށް ދެމުންދާ ޙަމަލާތައް އިތުރު ކުރަމުންނެވެ. ފުޅާ ކުރަމުންނެވެ.

މިއީ, އެއްގަމު މަގުން ރަފަޙަށް އަރައި, ލާއިންސާނީ ޢުދުވާން ފުޅާ ކުރުމަށް ތައްޔާރުވުމުގެ ގޮތުން ދެމުންދާ ޙަމަލާތަކެއް ކަމުގައި ޣައްޒާގެ ރައްޔިތުން ގަބޫލު ކުރެއެވެ. ރަފަޙަށް ޔަހޫދީ ސިފައިން ފޮނުވުމަކީ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ އިތުރުން އެމެރިކާއިން ވެސް ރުހޭ ކަމެއް ނޫނެވެ. ނަމަވެސް, ޒަޔަނިސްޓު އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ, ރަފަޙަށް ޔަހޫދީ ސިފައިން ފޮނުވައި, ފަލަސްޠީނުގެ މުސްލިމުންގެ އިތުރު ބަޔެއްގެ ފުރާނަ ނަގައިލައި, ގަތުލުއާންމު ހިންގުމުގެ ހުއްދަ ދީފައެވެ.

"ބޮން އެޅުން އިތުރު ކޮށްފި. އެއްގަމު މަގުން ރަފަޙަށް އަރައި ޢުދުވާން ފުޅާ ކުރަން [ޔަހޫދީ ފައުޖުން] އެ ދަނީ ތައްޔާރުވަމުން. ކޮބައިތޯ ތިޔަ ބުނާ ސަލާމަތީ މަޖިލީސް؟" ރަފަޙުގެ ރައްޔިތެއް ކަމުގައިވާ އަބޫ ޙޫރީ ސުވާލު ކުރިއެވެ.

ޔަހޫދީންގެ ޢުދުވާންތައް ހުއްޓައިލުމަށް ގޮވައިލާ އދގެ ސަލާމަތީ މަޖިލީހުގެ ޤަރާރު ވީޓޯކޮށް, ފޭލު ކޮށްލުމަށް ޒަޔަނިސްޓުން ވަނީ އެމެރިކާއަށް ބާރުއަޅާފައެވެ. އަދި, އެ ގޮތަށް އަމަލު ނުކޮށްފި ނަމަ, ދެ ޤައުމުގެ ގުޅުމަށް އަސަރު ކުރާނެ ކަމަށް ބުނެ, އިންޒާރު ދިނެވެ. ނަމަވެސް, އެމެރިކާއިން ވީޓޯގެ ބާރު ބޭނުން ކޮށްފައެއް ނުވެއެވެ.

މި ކަމާ ހިތްހަމަ ނުޖެހިގެން, ނަތަންޔާހޫ ވަނީ ދެ ޤައުމުގެ ދެމެދުގައި ބޭއްވުމަށް ރާވާފައިވާ މަޝްވަރާ ބައްދަލުވުމެއް ކެންސަލް ކޮށްފައެވެ. އެމެރިކާއިން ބުނީ, އެ ބައްދަލުވުން އަލުން ބާއްވާނެ ތާރީޚެއް ކަނޑައަޅައި ދިނުމަށް ޖައްބާރު ނަތަންޔާހޫގެ ސަރުކާރުން އެމެރިކާގައި އެދިފައިވާ ކަމުގައެވެ.

އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ މި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 32,552އަށް އުފުލިފައެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން 25,000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަމުގައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ދާދި ފަހުން ވިދާޅުވެފައިވެއެވެ. އަދި, މި ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 74,980އަށް އުފުލިފައެވެ.