ކުޅިވަރު

މި އަހަރު ބާއްވާ ބައިނައިލްއަގުވާމީ ފުރަތަމަ މުބާރާތަކަށް އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް


ރާއްޖޭގައި މި އަހަރު ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ މުބާރާތަކަށް އޭޝިއާގެ އެންމެ ބޮޑު އެއް މުބާރާތް ކަމަށްވާ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ހިމެނިއްޖެއެވެ.

އަންނަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ބާއްވާ މި މުބާރާތުގައި އޭޝިއާގެ ފާހަގަކޮއްލެވޭ އެތުލީޓުން ވާދަކުރާނެއެވެ. އެގޮތުން މުބާރާތުގައި 100 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރާއިރު، ވޯލްޑް ކެރަމް ފެޑެރޭޝަންގެ މެންބަރުންނާއެކު 50 ބޭފުޅުންގެ މައްޗަށް އެކުލެވޭ ޑެލިގޭޓުންގެ ޓީމެއް ރާއްޖެ އަންނާނެއެވެ.

މުބާރާތް ރާއްޖޭގައި ބާއްވާކަން އިއުލާންކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަދައްކަވުމުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ ކުރުމުއްދަތެއްގެ ތެރޭގައި މުބާރާތް ބޭއްވުމަށް ކެރަމް އެސޯސިއޭޝަނުން ކުރި ބުރަ މަސައްކަތާއި، ހޯދި ކާމިޔާބަށް ޝުކުރުއަދާކުރައްވާފައެވެ. އަދި މި ބާރާތުގައި ކުޅިވަރު އިދާރާގެ އެއްބާރުލުން ހުރިހާ ގޮތަކުންވެސް ލިބިގެން ދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"
އަޅުގަނޑު މި ފުރުސަތުގައި ކެރަމް އެސޯސިއޭޝަނުގެ ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން. ސަބަބަކީ މިހާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި މި އޮޕަޗުނިޓީ ރާއްޖޭގައި މުބާރާތް ބޭއްވުމަށް އިންތިޒާމުކުރަން ކުރި ހުރިހާ މަސައްކަތެއް ކާމިޔާބު ކުރައްވާފަވާތީވެ.
ޢަބްދުﷲ ރާފިޢު - ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު

މި މުބާރަތް ދެ ޑިވިޝަންނަކަށް ކުރިއަށްދާއިރު، މުބާރާތުގައި ފަސް ކެޓެގަރީއެއް ވަނީ ހިމަނާފައެވެ. މުބާރާތް ފެށުމުގެ އެއް ދުވަސް ކުރިން މެންބަރު ގައުމުތަކުގެ މެދުގައި ހާއްސަ ބައްދަލުވެމެއް މާލޭގައި ބޭއްވިގެންދާނެ ކަމަށާއި، އެ ބައްދަލުވުމުގައި ކުރިއަށް އޮތް ފަސް އަހަރު މުބާރާތް ބާއްވާނެ ގައުމުތައް ކަނޑައެޅިގެންދާނެ ކަމަށް ކެރަމް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ރައުޝަން ވިދާޅުވި މުބާރާތް މާލޭގައި ބާއްވަން ނިންމީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށާއި، އެގޮތުން ވީހާވެސް ގިނަބަޔަކަށް މެޗުތައް ބަލަން ވަދެވޭނީ މާލޭގައި މުބާރާތް ބޭއްވުމުން ކަމަށެވެ.

އަދި މި މުބާރާތަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލު ތައްޔާރުކުރެވިގެންދާނީ ބައިނަލްއަގުވާމީ މިންގަނޑަށް ކަމަށާއި، މުޅި މުބާރާތުގައި 24 ބޯޑެއް ބެހެއްޓިގެންދާނެ ކަމަށް ރައުޝަން ވިދާޅުވިއެވެ.

"
އަޅުގަނޑުމެން 2014 އަހަރުވެސް ސަން އައިލެންޑް ރިސޯޓުގައި މުބާރާތް ނިމިގެންދިޔައިރު، އަޅުގަނޑުމެން ދިވެހީންނަކަށް މުބާރާތް ބަލާލުމުގެ މާގިނަ އޮޕަޗުނިޓީއެއް ނުލިބުނު. އަޅުގަނޑުމެން މާލޭގައި ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ، އަޅުގަނޑުމެން ބޭނުން އެ ޕްލެޔަރުން އިންޓަރނޭޝަނަލް ޕްލެޓްފޯމްތަކުގައި ވާދަކުރާއިރު ފެމެލީތަކަށް ފެންނަން.
ހުސެއިން ރައުޝަން - ކެރަމް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ

މި މުބާރާތުގައި ރާއްޖޭގެ ކޯޗެއް ގޮތުގައި މަސައްކަތްކުރާނީ ވޯލްޑް ޗެމްޕިއަނެއް ކަމަށްވާ އިންޑިއާގެ އެތުލީޓެކެވެ. މި ފަހަރުގެ މުބާރާތް މި ބާއްވަނީ 10 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.

މީގެ ކުރިންވެސް ރާއްޖޭގައި ކެރަމްގެ ބައިނަލްއަގުމީ މުބާރާތްތައް ބާއްވާފައިވާއިރު، 2014 ވަނަ އަހަރު ވަނީ ސަން އައިލެންޑް ރިސޯޓުގައި ކެރަމް ވޯލްޑް ކަޕް ބާއްވާފައެވެ.