ޚަބަރު

އިންޑިއާ ދަތުރުފުޅަށްފަހު ރައީސް ޔާމީން މާލެ ވަޑައިގެންފި


"ޑޮކްޓަރ ކަލާމް ޕުރަސްކާރް ފޮރ އެކްސެލެންސް އިން ގަވަރނަންސް 2016" އެރުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފިއެވެ.

މިއަދު ހެނދުނު ބޭއްވުނު ރަސްމިއްޔާތެއްގައި ވަނީ އެންމެ ފުރަތަމަ ފަހަރަށް އެރުވޭ "ޑޮކްޓަރ ކަލާމް ޕުރަސްކާރް ފޮރ އެކްސެލެންސް އިން ގަވަރނަންސް 2016" އެވޯޑު ރައީސުލްޖުމްހޫރިއްޔާއަށް ވަނީ އަރުވާފައެވެ.

އެމަނިކުފާނަށް އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، އޮނަރަބަލް އާދަމް ޝަރީފް ޢުމަރާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އޮނަރަބަލް ދުންޔާ މައުމޫނާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ބައެއް މަޖިލިސް މެންބަރުންގެ އިތުރުން ސަރުކާރުގެ އޮފީސްތަކުގެ އެކިފެންވަރުގެ ބޭފުޅުންނާ ކުންފުނިތަކުގެ އިސްވެރިންނެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޕީ.ޕީ.އެމްގެ ނާއިބު ރައީސް އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، މިނިސްޓަރ އޮފް ޓޫރިޒަމް އޮނަރަބަލް މޫސާ ޒަމީރާއި، ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނާއި، ދަޢުލަތަށް ގިނަދުވަހު ޚިދުމަތްކޮށްދެއްވާފައިވާ ބޭފުޅުންނާއި، ސްކޫލް ދަރިވަރުންނާ ޢާންމުންގެ ގިނަ ޢަދަދެއްގެ މީހުންނެވެ.