ފިއޮންޓީ ސްޕޯޓްސް އެކެޑަމީ ރާއްޖޭގެ ކުޅިވަރުގެ މައިދާނުގައި ނަން ވިދާލާ ކުލަބެއް ކަމަށް އެ ކުލަބުގެ ރައީސް އަދި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އައިޝަތު ނާޒިމާ ވިދާޅުވެއްޖެއެވެ.
ފިއޮންޓީ ސްޕޯޓްސް އެކެޑަމީން ވަނީ މި ރަމަޟާން މަހު ހުޅުމާލޭގައި ޖޫނިއަރ ނެޓްބޯޅަ ކުޅުންތެރިންނަށް އަމާޒުކޮށްގެން "މައިލޯ ރަމަޟާން ހާފް ކޯޓް ނެޓްބޯލް ޗެލެންޖް 2024" ބާއްވާފައެވެ.
އެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތަށްފަހު "ޕީއެސްއެމް ސްޕޯޓްސް" އަށް ދެއްވި އިންޓަރވިއުއެއްގައި ނާޒިމާ ވިދާޅުވީ އެ އެ ކުލަބަކީ މިހާރު ކަޑަ ކުލަބެއް ނޫން ކަމަށެވެ. އެގޮތުން މި ފަހަރުގެ މުބާރާތުގައި ތިން އުމުރުފުރާއަކުން ވާދަކުރި 17 ޓީމު މީގެ ކުރިން ވާދަކޮށްފަވަނީ އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މުބާރާތްތަކުގައި ކަމަށާއި، މިއީ މި ގޮތަށް ހާފް ކޯޓެއްގައި މުބާރާތް ބޭއްވި ފުރަތަމަ ފަހަރު ކަމަށް ނާޒިމާ ވިދާޅުވިއެވެ. މިގޮތަށް މުބާރާތެއް ބޭއްވިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ނާޒިމާ ވިދާޅުވިއެވެ.
2021 އަހަރު ވަނަ 66 ކުދިންނާއެކު ފެށި ފިއޮންޓީ ސްޕޯޓްސް އެކެޑަމީގެ ހަރަކާތްތަކުގައި މިއަދު 450 ކުދިން އަންނަނީ ތަމްރީންވަމުންނެވެ. އަދި އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ ހަރާކާތުގައި އެކަނިވެސް 200 އަށްވުރެ ގިނަ ކުދިން ބައިވެރިވި ކަމަށް ނާޒިމާ ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރުނީ 2021 ވަނަ އަހަރު އަޅުގަނޑުމެން ފެށީ މުޅިއެކު 66 ކުދިންނާއެކު. ފައްޓައިގެން ގޮސް މިއަދު މިތިބީ 450 ވަރަކަށް ކުދިން، އެއަށްވުރެވެސް ގިނަވާނެ. އަޅުގަނޑު އައްޑޫގައި ކުރިއަށްގެންދިޔައިރު އައްޑޫގައި އެކަނިވެސް 200 ވުރެ ގިނަ ކުދިން ތަމްރީނުވަމުންދިޔަ. އަޅުގަނޑުމެންނަށް މިހާ ހިސާބަށް އާދެވުމަކީ ވަރަށް ބޮޑު ސަކްސަސްއެކޭ ބުނެވިދާނެ.އައިޝަތު ނާޒިމާ - ކުރީގެ މަޝްހޫރު ނެޓްބޯޅަ ކުޅުންތެރިޔާ
ނާޒިމާ ވިދާޅުވީ ކުލަބުގެ ހަރަކާތްތައް ކާމިޔާބުކަމާއެކު ގެންދެވެނީ ސްޕޮންސަރުން ދެއްވާ އެއްބާރުލުމުގެ ސަބަބުން ކަމަށެވެ.
ފިއޮންޓީ ސްޕޯޓްސް އެކެޑަމީން ކާމިޔާބުކަމާއެކު ހާފް ކޯޓް ނެޓްބޯލް ޗެލެންޖް ނިންމާލިއިރު، މިދިޔަ އަހަރުގެ ފަހުކޮޅު އެ އެކަޑަމީން ވަނީ މާލޭގެ ސްކޫލުތަކަށް ހުޅުވާލައިގެން ފުރަތަމަ ފަހަރަށް ނެސްލޭ ކިޑްސް ނެޓްބޯލް ފެސްޓިވަލެއް ބާއްވާފައެވެ.
މިއީ އަހަރުތަކެއް ވަންދެން ރާއްޖޭގައި ވަޅުޖެހިފައި އޮތް ނެޓްބޯޅައިގެ ފޯރި އަނެއްކާވެސް ގެނައުމުގެ މަގުސަދުގައި ފިއޮންޓީ ސްޕޯޓްސް އެކެޑަމީން އިސްނަގައިގެން ބޭއްވި ފެސްޓިވަލެކެވެ. އަދި އެ އެކެޑަމީގެ އަމާޒަކީ މުޅި ރާއްޖެއަށް އެ ފެސްޓިވަލް ފުޅާކުރުމެވެ.