ޚަބަރު

އޯޓިޒަމް ސްޕޯޓްސް ފެސްޓިވަލެއް ބާއްވައިފި


މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ހިންގާ " މާލޭ އޯޓިޒަމް ސެންޓަރ" އިން އިންތިޒާމް ކޮށްގެން އޯޓިޒަމް ސްޕޯޓްސް ފެސްޓިވަލެއް ބާއްވައިފިއެވެ.

އޯޓިޒަމް ހުންނަ ކުދިންގެ ކުޅިވަރުގެ ހުނަރު ތަރައްޤީކޮށް، ކުޅިވަރުގެ ދާއިރާއިން އެކުދިންނަށް ހުރި ފުރުޞަތުތައް ދެނެގަނެ، އެކުދިންނަށް އެފުރުޞަތުތައް ފަހިކޮށްދިނުމުގެ މަޤްޞަދުގައި ބޭއްވި މި ފެސްޓިވަލް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހިމްއެވެ. އޯޓިޒަމް ހުންނަ ކުދިންގެ ޤާބިލިއްޔަތާއި ހުނަރުތައް ދައްކާލެވޭ ފަދަ ގޮތަކައް ކުޅިވަރުތައް ބައްޓަން ކޮށްގެން ކުރިޔަށް ގެންދިޔަ މިޙަރަކާތުގައި އޯޓިޒަމް ހުންނަ 85 ކުދިން ބައިވެރިވެފައިވެއެވެ.

އޯޓިޒަމް ފެސްޓިވަލް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާލެ އޯޓިޒަމް ސެންޓަރގެ މެނޭޖިންގް ޑިރެކްޓަރ އިފްހާމް ޙުސައިން ވިދާޅުވީ، އޯޓިޒަމް ހުންނަ ކުދިންނަށް ސްކޫލްތަކުގައި ތައުލީމު ޙާޞިލްކުރުމުގެ ފުރުޞަތު މިހާރު ފަހިވެފައި ވީނަމަވެސް އަދިވެސް ކުޅިވަރުގެ ދާއިރާއާއި، މިކުދިންގެ ހުނަރު ދައްކާލުމަށް ހުރި ފުރުޞަތުތައް ސްކޫލް މާޙައުލުގައި އަދިވެސް ހަނި ކަމަށެވެ. އަދި މިކަމުގައި ސަރުކާރާއި، މިކަމުގެ ފަންނީ ބޭފުޅުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން އެސެންޓަރަށް ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ. 

އިފްހާމްގެ ވާހަކައިގައި ވަނީ، އަދުގެ ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ފާރަތްތަކުގެ ޙާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަށް ތަޢުރީފް ކުރައްވާ ސަރުކާރަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ވަކިން ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އޯޓިޒަމް ހުންނަ ކުދިންނަށް ބޭނުންވާ ޞިއްހީ ފަރުވާގެ ޚިދްމަތްތައް ތަރައްޤީ ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

ބައިނަލް އަޤްވާމީ ގޮތުން ފާހަގަ ކުރަމުންދާ "އޯޓިޒަމަށް ހޭލުންތެރި ކުރުވުމުގެ މަސް" ކަމަށްވާ އެޕްރީލް މަހުގެ ތެރޭގައި އޯޓިޒަމް އެސޯސިއޭޝަނުން ދަނީ ސިލްސިލާކޮށް ޙަރަކާތްތަކެއް ހިންގަމުންނެވެ.

އެގޮތުން، އޯޓިޒަމް އެސޯސިއޭޝަނުން އޯޓިޒަމަށް ހޭލުންތެރި ކުރުވުމަށް ކުރިޔަށް ގެންދާ "ޔޭސް ވީ ކޭން" ކެމްޕެއިންގެ ދަށުން ރަން ފޯރ އޯޓިޒަމް، ރައިޑް ފޯރ އޯޓިޒަމް، އަދި ވޯކް ފޯރ އޯޓިޒަމްގެ ނަމުގައި ބޭއްވި ޙަރަކާތް ފާހަގަކޮށްލެވެއެވެ.