ޚަބަރު

ޕީޕީއެމްއިން ރައީސް ޔާމީންއަށް މަރުޙަބާ ދަންނަވައިފި


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް، "ޑޮކްޓަރ ކަލާމް ޕުރަސްކާރް ފޮރ އެކްސެލެންސް އިން ގަވަރނަންސް 2016" އެވޯރޑް ލިބިވަޑައިގަތުމާއި ގުޅިގެން ވެރިކަންކުރާ ޕްރޮގްރެސިވް ޕާރޓީ އޮފް މޯލްޑިވްސް ޕީޕީއެމްއިން އެމަނިކުފާނަށް މަރުޙަބާ ދަންނަވައިފިއެވެ. 

ޕީޕީއެމްއިން ނެރެފައިވާ ބަޔާނުގައި، "ޑޮކްޓަރ ކަލާމް ޕުރަސްކާރް ފޮރ އެކްސެލެންސް އިން ގަވަރނަންސް 2016" ރައީސް ޔާމިންއަށް ލިބިވަޑައިގަތުމާއި ގުޅިގެން ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޕާޓީގެ އެންމެހައި ގުނަވަންތަކާއި ގޮފިތަކާއި މެމްބަރުންގެ ނަމުގައި އުފަލާއެކު އިހްލާސްތެރި މަރުހަބާއެއް ދަންނަވާކަމަށް ބުނެފައިވެއެވެ. 

ޕީޕީއެމްގެ ބަޔާނުގައި މިއެވޯޑް ރައީސްއަށް ލިބިވަޑައިގަތުމަކީ ރާއްޖޭގެ ތަރައްޤީއަށްޓަކައި މިވޭތުވެދިޔަ 2 އަހަރު ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ކުރައްވާފައިވާ މަސައްކަތްޕުޅު ބައިނަލްއަޤްވާމީ މުޖްތަމައުންވެސް ބަލައިގަންނަކަމުގެ ހެއްކެއްކަމަށެވެ.