ކުޅިވަރު

ގައުމީ ކްރިކެޓް ޓީމުގެ ފިޓްނަސް ރަނގަޅުވާން ޖެހޭ: އިމާދު


ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރާއިރު ރާއްޖޭ ގައުމީ ކްރިކެޓް ޓީމުގެ ފިޓްނަސް މިހާރަށްވުރެން ރަނގަޅުވާން ޖެހޭ ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) ގެ ޑިވެލޮޕްމަންޓް މެނޭޖަރ އިމާދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަދައްކަވަމުން އިމާދު ވިދާޅުވީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން މިހާރު ވާދަކުރަން ޖެހެނީ މެދު އިރުމަތީ ގައުމުތަކާ ދެކޮޅަށް ކަމަށެވެ. އެހެންކަމުން އެއީ ދިމާވާ ބޮޑު ގޮންޖެހުމެއް ކަމަށާއި، އަދި ދިމާވާ އެންމެ ބޮޑު މައްސަލައަކީ ފިޓްނަސް މައްސަލަތައް ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގައި ރަނގަޅު ފެންވަރުގެ ވަސީލަތްތައް ގާއިމުކުރެވިއްޖެ ނަމަ، ބައިނަލްއަގުވާމީ މައިދާނުގައި ރަނގަޅު ވާދައެއް ކުރެވިދާނެކަން ފާހަގަކުރައްވަމުން އިމާދު ވިދާޅުވީ ރާއްޖޭ ކުޅުންތެރިންގެ ހުނަރާއި ޓެކްނިކް ރަނގަޅު ކަމަށެވެ.

"
އެ މީހުންގެ ތިބެނީ 90 ޕަސެންޓް ގައުމުން ބޭރު މީހުން. ރާއްޖެ މި އޮންނަ ދެކުނު އޭޝިއާ ރީޖަންއަކީ އިންޑިއާ، ޕާކިސްތާން، ސްރީ ލަންކާ ފަދަ ގައުމުތަކަކީ އެންމެ މަތީ ފަންތީގައި ކުރިކެޓް ކުޅޭ ގައުމުތައް. ރާއްޖޭގެ ކުޅުންތެރިންނަށް އެ މީހުންނާ ކައިރިކޮށްލެވޭ ފެންވަރުވެސް ނުވޭ.
އިމާދު އިސްމާޢީލް - ކްރިކެޓް ޑިވެލޮޕްމަންޓް މެނޭޖަރ

ރާއްޖޭގައި ކްރިކެޓަށް މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބައިނަލްއަގުވާމީ މައިދާނުގައި ވާދަކުރާނެ ފެންވަރުގައި ކުޅޭނެ އެކަށީގެންވާ މާހައުލެއް ނެތުން ކަމަށް އިމާދު ވަނީ ވިދާޅުވެފައެވެ.