ކުޅިވަރު

މައިލޯ ރަމަޟާން ހާފް ކޯޓް ނެޓްބޯލް ޗެލެންޖް ކާމިޔާބުކަމާއެކު ނިންމާލައިފި


ފިއޮންޓީ ސްޕޯޓްސް އެކެޑަމީން އިންތިޒާމުކޮށްގެން ބޭއްވި "މައިލޯ ރަމަޟާން ހާފް ކޯޓް ނެޓްބޯލް ޗެލެންޖް 2024" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ހުޅުމާލޭ ނެޓްބޯޅަ ކޯޓުގައި މިދިޔަ އަންގާރަ ދުވަހު ފެށި މި ފެސްޓިވަލްގެ ފައިނަލް މެޗުތައް ކުޅެފައިވަނީ މިރޭއެވެ. ފައިނަލް މެޗުތައް ބައްލަވާލައްވައި ފެސްޓިވަލުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދެވެ. އަދި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤު އިބްރާހީމާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ނައިބު ރައީސް އަޙްމަދު އިސްމާޢީލުގެ އިތުރުން ނެސްލޭ ކުންފުނީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރަމަޟާން ހާފް ކޯޓް ނެޓްބޯލް ޗެލެންޖުގައި ތިން އުމުރުފުރާއެއްގެ ކުޅުން ކުރިއަށްދިޔައިރު، 17 އަހަރުން ދަށުގެ ފައިނަލް މެޗުގައި ޓީމު ވައިޕާސް ބަލިކޮށް ޗެމްޕިއަންކަން ހޯދީ ޓީމު ފެނޮމްސްއެވެ. މި އުމުރުފުރާގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަކީ އިޝްރާން އަބްދުﷲ ޖަމީލާއި، އިންޝާ އާއި، އާމިނަތު އަލްޔާ އަލީގެ އިތުރުން އިފާ މުޙައްމަދު ސައީދެވެ. މީގެ ތެރެއިން ކުއީން އޮފް ދަ ޗެލެންޖުގެ މަގާމަށް ހޮވުނީ އިޝްރާނެވެ.

މި މުބާރާތުގެ 15 އަހަރުން ދަށުގެ ފައިނަލް މެޗުގައި ޓީމު ގޫޗީ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ޓީމު ސްޓާސްއެވެ. މި އުމުރުފުރާގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަކީ ކަޔާނީ ބިންތި ޝައްފާޒް އާއި، ފާތިމަތު އައިނީ އާއި، އައިޝަތު އީލިޔާގެ އިތުރުން އާމިނަތު ތޫގާއެވެ. މީގެ ތެރެއިން ކުއީން އޮފް ދަ ޗެލެންޖުގެ މަގާމަށް ހޮވުނީ ކަޔާނީއެވެ.

މީގެ އިތުރުން މި މުބާރާތުގެ 13 އަހަރުން ދަށުގެ ފައިނަލް މެޗުގައި ޓީމު ޝައިނިން ސްޓާ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ޓީމު މާވީއެވެ. މި އުމުރުފުރާގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަކީ މާވީ އާއި، ޒީވާ އާއި، އާލް ބިންތި ޔައުގޫބުގެ އިތުރުން ފާތިމަތު އުލާއެވެ. މީގެ ތެރެއިން ކުއީން އޮފް ދަ ޗެލެންޖުގެ މަގާމަށް ހޮވުނީ މާވީއެވެ.

ފިއޮންޓީ ސްޕޯޓްސް އެކެޑަމީން ކާމިޔާބުކަމާއެކު ހާފް ކޯޓް ނެޓްބޯލް ޗެލެންޖް ނިންމާލިއިރު، މިދިޔަ އަހަރުގެ ފަހުކޮޅު އެ އެކަޑަމީން ވަނީ މާލޭގެ ސްކޫލުތަކަށް ހުޅުވާލައިގެން ފުރަތަމަ ފަހަރަށް ނެސްލޭ ކިޑްސް ނެޓްބޯލް ފެސްޓިވަލެއް ބާއްވާފައެވެ. މިއީ އަހަރުތަކެއް ވަންދެން ރާއްޖޭގައި ވަޅުޖެހިފައި އޮތް ނެޓްބޯޅައިގެ ފޯރި އަނެއްކާވެސް ގެނައުމުގެ މަގުސަދުގައި ފިއޮންޓީ ސްޕޯޓްސް އެކެޑަމީން އިސްނަގައިގެން ބޭއްވި ފެސްޓިވަލެކެވެ. އަދި އެ އެކެޑަމީގެ އަމާޒަކީ މުޅި ރާއްޖެއަށް މި ފެސްޓިވަލް ފުޅާކުރުމެވެ.