ސިއްހަތު

ހުރިހާ އަތޮޅެއްގައިވެސް ލޭ ރައްކާކުރެވޭނެ އިންތިޒާމް ހަމަޖައްސަނީ


މި އަހަރު ނިމުމުގެ ކުރިން ތެލެސީމިއާ ކުދިންނަށް އަމާޒުކުރެއްވުމަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ރައްކާތެރިގޮތުގައި ލޭ ރައްކާކުރެވޭނެ އިންތިޒާމް ހަމަޖައްސަވަން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިރުތިޝާމް އާދަމް މިހެން ވިދާޅުވީ ތެލެސީމިއާއިން ރައްކާތެރިވުމާއި ތެލެސީމިއާ ކޮންޓްރޯލް ކުރުމާގުޅޭގޮތުން އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން އަތޮޅުތަކުގެ ޞިއްޙީ ދާއިރާގެ ފަރާތްތަކަށް އަމާޒުކޮށް މިއަދު ފެށި މަސައްކަތު ބައްދަލުވުން އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ތެލެސީމިއާއިން ރައްކާތެރިވުމާއި ތެލެސީމިއާ ކޮންޓްރޯލް ކުރުމާއި ގުޅޭގޮތުން ބޭއްވި މަސައްކަތު ބައްދަލުވުމުގައި ރާއްޖޭގެ ކޮންމެ އަތޮޅަކުން 2 ބައިވެރިންނާއި އަދި މޯލްޑިވްސް ބްލަޑް ސަރވިސަސްގެ 4 ފަރާތަކާއެކު ޖުމްލަ 41 ފަރާތަކުން ބައިވެރިވެއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދަވާ މި މަސައްކަތު ބައްދަލުވުމުގައި ތެލެސީމިއާގެ ފަރުވާގެ ނިޒާމު ރަނގަޅު ކުރުމާއި އަދި އާންމުން ހޭލުންތެރިކުރުވުމަށް ކުރެވިދާނެ ކަންކަމާބެހޭ ގޮތުން މަޢުލޫމާތު ދެއްވާނެއެވެ. މި މަސައްކަތު ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަނީ ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާގެ ކޮންސަލްޓެންޓެކެވެ.

މި މަސައްކަތު ބައްދަލުވުން އިފްޠިތާޙްކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ އިރުޠިޝާމް އާދަމް ވިދާޅުވީ ތެލެސީމިއާ ޕޭޝަންޓުންނަށް އަދި އެމީހުންގެ ޢާއިލާތަކަށް ލުއި ފަސޭހަކަން ލިބޭގޮތަށް އަތޮޅުތަކުގައި އިންތިޒާމްތަކެއް މިހާރުވެސް ހަމަޖައްސަވަމުން ގެންދަވާކަމަށެވެ. މިގޮތުން ތެލެސީމިއާއަށް ޓެސްޓް ކުރުންފަދަ ޚިދުމަތްތައްވެސް މިދިޔަ އަހަރުގެ ތެރޭގައި ގިނަ ސަރަހައްދުތަކެއްގައި ފަށާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އަތޮޅުތަކުގައި މަސައްކަތްކުރާ ޞިއްހީ ދާއިރާގެ އިސް ފަރާތްތަކުން އިސްނަގައިގެން ލޭ ހަދިޔާކުރުމުގެ ޑޯނަރސް ކޭމްޕްތައް ހިންގުމަށްވެސް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

ރާއްޖޭގައި މިހާތަނަށް ތެލެސީމިއާގެ 884 ޕޭޝަންޓުން ރެޖިސްޓްރީކޮށްފައިވާއިރު އެވްރެޖް ގޮތެއްގައި އަހަރެއްގެ މައްޗަށް 26 ކޭސް އަލަށް ރެޖިސްޓްރީކުރެވޭކަމަށް މޯލްޑިވްސް ބްލަޑް ސަރވިސަސްއިން މަޢުލޫމާތު ދެއްވައެވެ.