ޚަބަރު

އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް 2.6 މިލިއަން ރުފިޔާ


ކޯސްޓްލައިން ފިހާރާގައި ހިނގި އަލިފާނުގެ ޙާދިސާގައި ގެއްލުންވި އެ ސަރަޙައްދުގެ ގެތަކުގެ ޢާއިލާތަކަށް އެހީގެގޮތުގައި 2.6 މިލިއަން ރުފިޔާ ދެއްވުމަށް ސަރުކާރުން ނިންމަވައިފިއެވެ.

އެމްއެންޑީއެފް ކޯސްޓްގާރޑް ބިލްޑިންގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވީ އަލިފާނުގެ ޙާދިސާގައި ގެއްލުންވި އެ ސަރަޙައްދުގެ ގެތަކަށް ލިބިފައިވާ ގެއްލުން ޢިމާރާތްކުރުމަށް ހިނގާ ޚަރަދުގެ 40 އިންސައްތަ ސަރުކާރުން ދެއްވާނެކަމަށެވެ. އަދި  ހިފާގެންގުޅޭ ސާމާނުތައް ހަލާކުވެފައިވާ ފަރާތްތަކަށް ކަނޑައެޅފައިވާ އުޞޫލުން އެ ތަކެތި ސަރުކާރުން ހޯއްދަވައިދެއްވާނެ ކަމަށްވެސް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.

 ކޯސްޓްލައިންގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން ގެއްލުންވި ފަރާތްތަކުގެ ތެރެއިން 47 މީހަކު އަދިވެސް ސަރުކާރުގެ ބެއްލެވުމުގެ ދަށުގައި ތިއްބެވިކަން ޑިފެންސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އޭގެތެރެއިން 35 މީހަކަށް ކުރިޔަށް އޮތް 2 ދުވަހެއްގެ ތެރޭގައި ދާއިމީ ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށްވެސް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ. ކޯސްޓްލައިން ފިހާރާގައި ހިނގި އަލިފާނުގެ ޙާދިސާގައި އެ ފިހާރަ މުޅިން އަންދާ ހުލިވެ، އަޅިއަށްވެފައިވާއިރު އެ ސަރަހައްދުގެ ބައެއް ގެތަކަށް ބޮޑެތި ގެއްލުންތައް ލިބި  ބޭނުންނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައިވެއެވެ.

ކޯސްޓްލައިންގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް ސަރުކާރު މެދުވެރިކޮށް އެއްމިލިޔަން ރުފިޔާ ދޭނެކަން އެކުންފުނިންވެސް ވަނީ ބުނެފައެވެ.