މުނިފޫހިފިލުވުން

އޭބީޔޫ ރޭޑިޔޯ ސޯންގް ފެސްޓިވަލްގައި ބަތޫލް ލަވަ ހުށައަޅައިދީފި


އޭޝިޔާ ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަން، އޭބީޔޫ ބައިނަލްއަޤްވާމީ ރޭޑިއޯ ސޯންގް ފެސްޓިވަލްގައި ޕީއެސްއެމްގެ ފަރާތުން ބައިވެރިވި އާމިނަތު ބަތޫލް އަޙުމަދު ރަޝީދު ލަވަ ހުށައަޅައިދީފިއެވެ.

މި މަހުގެ 26 ވަނަ ދުވަހުން 28 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގެ ވެރިރަށް ބެއިޖިންގައި ކުރިއަށްދާ ސޯންގް ފެސްޓިވަލްގައި ބަތޫލް ލަވަ ހުށައަޅާދީފައިވަނީ، ޕަބްލިކް ސަރވިސް މީޑިއާއިން ޢާންމުކޮށް ހުޅުވާލި ފުރުޞަތުގައި އެންމެ ރަނގަޅު ހުށަހެޅުމެއް ހުށެޅި ފަރާތްތަކުގެ ތެރެއިން އޭބީޔޫއިން އޭނާގެ ނަން ހޮވާފައިވާތީއެވެ.  

ބަތޫލް މިމުބާރާތުގައި ހުށަހަޅައިދީފައިވަނީ އޭނާގެ އަމިއްލަ ރާގާއި ޅެމަކަށް ހަދާފައިވާ ލަވަ، ''އުނިކަން'' މިލަވައެވެ. މިލަވައަކީ ރާއްޖޭގައި ތިބި އޯޓިކްސްޓިކް ކުދިންނަށް ޚާއްޞަކޮށް ހަދާފައިވާ ލަވައެކެވެ. ބަތުލް ބުނީ، ބައިނަލްއަޤްވާމީ ޕްލެޓް ފޯމެއްގައި ރާއްޖެ ތަމްޞީލްކޮށް ލަވަ ހުށަހަޅައިދިނުމަށް ފުރުޞަތު ލިބިގެންދިއުމުން އުފާކުރާކަމަށެވެ.

އޭބީޔޫ ރޭޑިޔޯ ސޯންގް ފެސްޓިވަލްގައި މިދާއިރާއިން ކުރިއަށްދާން ބޭނުންވާ ދިވެހިންނަށް އެފުރުސަތު ހޯދައިދީ، އެހެން ޤައުމުތަކުގެ މިއުޒިކީ ފަންނާނުންނާއި ބައްދަލުވެވި ގުޅުން އުފެދި ތަޖުރިބާތަކާއި ސަޤާފަތު ހިއްސާކުރެވިގެންދާނެއެވެ. އޭބީޔޫއަކީ ދުނިޔޭގެ ފަސްދޮޅޮސް ނުވަ ޤައުމަކުން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ ޖަމިއްޔާއެކެވެ.

އޭބީޔޫ ސޯންގް ފެސްޓިވަލްގައި މިއީ ޕީއެސްއެމުން ރާއްޖެ ތަމްސީލްކުރާ ދެވަނަ އަހަރެވެ. މި ފެސްޓިވަލްގައި ރާއްޖޭގެ ފަރާތުން ޕީއެސްއެމުން ބައިވެރިވެ މިދިޔަ އަހަރު ލަވަ ހުށައަޅާދީފައިވަނީ މަޝްހޫރު ލަވަކިއުންތެރިޔާ މަރިޔަމް އުނޫޝާއެވެ.