ކުޅިވަރު

ވެޓެރަންސް ލީގު: އެމްއެސް މޭޓްސް އަތުން މުއިވެޔޮއަށް މުހިންމު މޮޅެއް


އެފްއޭއެމް ވެޓެރަންސް ލީގު 2024 ގައި މިއަދު ހަވީރު ކުޅުނު މެޗުން މޯލްޑިވްސް ސޮކަރ މޭޓްސް (އެމްއެސް މޭޓްސް) އަތުން މުއިވެޔޮ ފްރެންޑްސް މުހިންމު މޮޅެއް ހޯދައިފިއެވެ.

ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ބީގެ މެޗު މުއިވެޔޮއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައިވެސް މުއިވެޔޮ ޓީމުގެ ކެޕްޓަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވަނީ ކުޅުއްވާފައެވެ. މި މެޗުގެ ފުރަތަމަ ހާފު މުއިވެޔޮ ޓީމުން ޑޮމިނޭޓުކޮށް ގިނަ ހަމަލާތަކެއް އުފެއްދިއިރު، މި ހާފުގައި އެ ޓީމުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން ހަވަނަ މިނެޓުގައި އަޙްމަދު ސައީދު (އައްމަޓީ) ތަނަވަސްކޮށްދިން ފުރުސަތަކުން މުއިވެޔޮއަށް ލީޑު ނަގައިދިނީ އަބްދުﷲ ސުޖާއުއެވެ.

އަދި އޭގެ ހަ މިނެޓު ފަހުން މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ސުޖާއު ވަނީ އިތުރު ލަނޑެއް ޖަހައި، މުއިވެޔޮގެ ލީޑު ފުޅާކޮށްދީފައެވެ. މި ލަނޑު އޭނާ ކާމިޔާބުކޮށްފައިވަނީ އައްމަޓީ ފޮނުވާލި ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އެމްއެސް މޭޓްސްގެ ގޯލްކީޕަރު އިމްރާން މުހައްމަދުގެ އަތުގައި ޖެހިފައި ނުކުތް ރިބައުންސް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. އަދި އޭގެ ފަހުން މި މެޗުގެ ފުރަތަމަ ހާފުގައި މުއިވެޔޮ ޓީމުގެ ސުޖާއުއަށް ވަނީ ހެޓްރިކް ހަދަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި އެމްއެސް މޭޓްސްއިން ވަނީ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން އެ ޓީމުގެ ކެޕްޓަން އައްސަދު އަބްދުލް ޣަނީއަށް ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައިރު، އޭނާ ފޮނުވާލި އެއް ހަމަލާ ވަނީ ގޯލުގެ ދަނޑިއަށްވެސް އަމާޒުވެފައެވެ. މި މެޗުގައި އެމްއެސް މޭޓްސްއިން ފަރަގު ކުޑަކޮށްފައިވަނީ މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ނިޝާން (ކާނޫ) އެވެ.

މި މެޗުން މުއިވެޔޮ މޮޅުވިއިރު، މިއީ އެ ޓީމުން މި މުބާރާތުގައި ހޯދި ދެވަނަ މޮޅެވެ. މި ނަތީޖާއާއެކު ގްރޫޕް ބީގެ ކުރީގައި އޮތް މުއިވެޔޮ އާއި އެންމެ ފަހުގެ ރަނަރަޕް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އެމްއެސް މޭޓްސްއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.

40 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ބާއްވާ ވެޓެރަންސް ލީގު މި ފަހަރު ކުރިއަށްދަނީ 10 ޓީމުގެ މެދުގައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތުގެ ކުޅުން ކުރިއަށްދާއިރު، މުއިވެޔޮ އާއި، އެމްއެސް މޭޓްސް އަދި ދަ ގްރާންޑޭގެ އިތުރުން ގްރޫޕް ބީގައި ހިމެނެނީ ލެގޫންސް ސްޕޯޓްސް ކުލަބާއި، ކުލަބު ސްޓެލްކޯއެވެ. އަދި ގްރޫޕް އޭގައި ހިމެނެނީ ހުއްރިއްޔާ ސްޕޯޓްސް ކުލަބާއި އާއި، ޕޮލިސް ކުލަބާއި، އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް އާއި، ވިލިމާލެ ޔުނައިޓެޑް އަދި ދިވެހި ސިފައިންގެ ކުލަބެވެ.