ޚަބަރު

އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ އިންތިހާއަށް ބޭނުން: ރައީސް ޞާލިހު


  • ގިނަ މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށް ވިދާޅުވި

  • ވަޒީރުން ވިދާޅުވަނީ މި ސަރުކާރު ހަވާލުވިއިރު ވެސް ގިނަ މަޝްރޫއުތައް އޮތީ ހުއްޓިފައި ކަމަށް

ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑިޕީއަށް މެޖޯރިޓީ އިންތިހާއަށް ބޭނުންވާކަމަށް އެ ޕާޓީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ އެމްޑީޕީން މާލޭގައި ކުރިއަށްގެންދިޔަ ކެމްޕޭން ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މި ސަރުކާރުން 1700 އެއްހާ މަޝްރޫއުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ތުހުމަތުކުރައްވައި ރައީސް ޞާލިޙް ވިދާޅުވެފައިވަނީ މި މާރިޗު މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ތަރައްގީގެ މަޝްރޫއުތަކަށް މި ސަރުކާރުން 1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށާއި، އެމަނިކުފާނުގެ ސަރުކާރުގެ ފަހު އަހަރުގެ މާރިޗު 14 އާ ހަމައަށް ޚަރަދުކުރީ 2.6 ބިލިޔަނެއްހާ ރުފިޔާ ކަމަށެވެ.

ސަރުކާރަށް ފާޑުވިދާޅުވެ ރައީސް ޞާލިޙް މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ކެމްޕެއިން ދަތުރުފުޅެއްގެ ތެރެއިން މ. އަތޮޅުގެ ރަށަކަށް ވަޑައިގެން މި ސަރުކާރުން މަޝްރޫއުތައް ހުއްޓާލާފައިވާކަން ފާހަގަކުރައްވައި ވީޑިއޯއެއް އާންމު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

ކުރީގެ ފޮރިން މިނިސްޓަރު ކެމްޕެއިން ދަތުރުފުޅެއްގެ ތެރެއިން އާންމުކުރެއްވި އެ ވީޑިއޯގައި ދައްކާފައިވަނީ ހަޤީގަތާ ޚިލާފު ވާހަކަތަކެއްކަމަށް ވިދާޅުވެ ސަރުކާރުގެ ގިނަ ވަޒީރުން ވަނީ އެވާހަތަކަށް ރައްދުދެއްވާފައެވެ.

އެގޮތުން އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ގޮތުގައި އަބްދުﷲ ޝާހިދު އިޝާރާތް ކުރެއްވި މ. ރަތްމަންދޫ ބަނދަރުގެ މަޝްރޫއުގެ މަސައްކަތުގެ 26 އިންސައްތައާ ހަމައަށް ނިންމުމަށްފަހު އެ މަސައްކަތް ހުއްޓާލީ ކުރީ ސަރުކާރުން ކަމަށެވެ. އަދި ކުންފުނީގެ ދާއިރާއާ ނުގުޅޭ ގިނަ މަޝްރޫއުތަކަށް ކުރީ ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި ކަމަށާއި އެއީ ކުރީ ސަރުކާރުން ވެފައިވާ އިހުމާލެއްކަމަށް ވެސް ވިދާޅުވިއެވެ.

އިސްލާމީ ކަންތައްކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވެސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު ވެސް އެތައް މަޝްރޫއެއް ހުއްޓިފައި އޮތް ކަމަށެވެ. އެކަން އަލުން ފައްޓަވައި ބައެއް ތަންތަނުގެ މަސައްކަތް ނިމިފައިވާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.