ކުޅިވަރު

އޮފީސް ޓޭޕްބޯލް: ސިފައިންގެ ކުލަބާއި ކަސްޓަމްސްއަށް ރަނގަޅު ފެށުމެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ދެވަނަ މުބާރާތް ކަމަށްވާ އޮފީސް ޓޭޕްބޯލްގެ ފެށުން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އާއި ކަސްޓަމްސް ރެކްރިއޭޝަން ކުލަބުން ރަނގަޅުކޮށްފިއެވެ.

ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް އޭގެ ފުރަތަމަ މެޗުން ސިފައިންގެ ކުލަބު މޮޅުވީ ޓީމު ޚާރިޖީއާ ބައްދަލުކޮށް ފަސް ވިކެޓުންނެވެ.

މި މެޗުގެ ގުރުދިމާވުމުން ޓީމު ޚާރިޖީ އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 90 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 16 ބޯޅައިން 16 ލަނޑު ހެދި އަޙްމަދު ސަލްމާން ޒަކީއެވެ. ޖަވާބުގައި ސިފައިންގެ ކުލަބު ކުޅެން އަރައި 501 އޯވަރުގެ ތެރޭގައި ވަނީ ދެ ކުޅުންތެރިން ނުބައިވެގެން 91 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 14 ބޯޅައިން 30 ލަނޑު ހެދި އަޙްމަދު ތޮލާލެވެ.

މީގެ އިތުރުން މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް އޭގެ ދެވަނަ މެޗުން ކަސްޓަމްސް މޮޅުވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއާ ބައްދަލުކޮށް ހަތަރު ވިކެޓުންނެވެ.

މި މެޗުގެ ގުރުދިމާވުމުން ކުޅިވަރާ ބެހޭ ވުޒާރާ އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 126 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 20 ބޯޅައިން 34 ލަނޑު ހެދި އިމާދު އިސްމާޢީލާއި، 15 ބޯޅައިން 20 ލަނޑު އެއްކުރި މުޙައްމަދު ރިޔާޒެވެ.

ޖަވާބުގައި ކަސްޓަމްސް ކުޅެން އަރައި ހަތްވަނަ އޯވަރުގައި ވަނީ ތިން ކުޅުންތެރިން ނުބައިވެގެން 129 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 11 ބޯޅައިން 35 ލަނޑު ހެދި ނާއިިލް އިސްމާޢީލް ނަސީރާއި، ނުބައިނުވެ 10 ބޯޅައިން 32 ލަނޑު ހެދި އަހުސަން ވަހީދުގެ އިތުރުން 10 ބޯޅައިން 26 ލަނޑު އެއްކުރި ފައިސަލް އަބްދުލް ސައްތާރެވެ.

މި ފަހަރުގެ އޮފީސް މުބާރާތުގައި އަށް ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހެވެ.