ޚަބަރު

ޝާހިދަކީ ދޮގެއްވެސް ތެދަށްވުރެ މޮޅަށް ވިދާޅުވާ ބޭފުޅެއް: މުއްޠަލިބު


  • ޝާހިދު ދެއްކެވި ވާހަކަފުޅުތައް ސަރުކާރުން ވަނީ ދޮގުކުރައްވާފައި

މ. ރަތްމަންދޫގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ފަތުރާފައިވަނީ ހަޤީޤަތާއި ހިލާފު ވާހަކަތަކެއްކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ސަރުކާރުން މިކަން ހާމަކުރެއްވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ މަޝްރޫޢުތައް ހުއްޓާލާފައިވާކަމަށް ބުނެ ރައްޔިތުންނަށް އޮޅޭގޮތަށް ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ދޮގު ވާހަކަތަކެއް ދެއްކެވުމުންނެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕެއިންނަށް މ. ރަތްމަންދޫއަށް ވަޑައިގެން އަމިއްލަފުޅަށް ރެކޯޑްކުރެއްވި ވީޑިއޯޢެއްގައި ޝާހިދު ވަނީ ނިމިދިޔަ ސަރުކާރުން މުޅި ރާއްޖެ ތަރައްޤީކޮށްފައިވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް މި ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓާލާފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން މ. ރަތްމަންދޫގައި ކުރިއަށްދާ މަސައްކަތްތައްވެސް ހުއްޓާލާފައިވާކަން އޭނާ ފާހަަގަކުރެއްވިއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓާލާފައިވާކަމަށް ޝާހިދު ދެއްކެވި ވާހަކަފުޅުތައް ސަރުކާރުން ވަނީ ދޮގުކުރައްވާފައެވެ.

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ މ. ރަތްމަންދޫ ބަނދަރު ޕްރޮޖެކްޓުގައި ނިމިދިޔަ ސަރުކާރުން ސޮއިކުރީ މިދިޔަ ރިޔާސީ އިންތިހާބާއި ދިމާކޮށްްކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަން ނިމުއިރުވެސް އެ މަސައްކަތް ފެށުމަށް ހަދަންޖެހޭ އީ.އައި.އޭ ރިޕޯޓްވެސް ހަދާފައި ނެތްކަމަަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން މ. ރަތްމަންދޫގައި ފެނާއި ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތުގެ 26 އިންސައްތައާ ހަމައަށް ނިންމުމަށްފަހު އެ މަސައްކަތް ހުއްޓާލީވެސް މިދިޔަ ސަރުކާރުގައިކަމަށް ވަޒީރު ވިދާޅުވިއެވެ.

"ޕީއެންސީގެ މުސްތަޝާރު އަބްދުއްރަހީމް ވިދާޅުވާހެން މަނިކުފާނަކީ ދޮގެއްވެސް ތެދަށްވުރެ މޮޅަށް ވިދާޅުވާ ބޭފުޅެއް" މުއްޠަލިބު ވިދާޅުވިއެވެ.

މުއްޠަލިބު ވިދާޅުވީ ކުންފުނީގެ ދާއިރާއާ ނުގުޅޭ މަސައްކަތްތައް މިދިޔަ ސަރުކާރުގައި ފެނަކައާ ހަވާލުކޮށްފައިވާކަމަށެވެ. އެގޮތުން ކަރަންޓުގެ ޙިދުމަތް ފޯރުކޮށްދޭ ފެނަކަ ކުންފުންޏާއި ފެނާއި ނަރުދަމާގެ މަސައްކަތްތައް ހަވާލުކުރުމުން އެމަސައްކަތްތައް ކުރިއަށް ނުގޮސްއޮތްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިއީ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތް ފޯރުކޮށްދިނުމުގައި މިދިޔަ ސަރުކާރުން ވެފައިވާ އިހުމާލެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރުގެ އިތުރުން، ސަރުކާރުގެ އެހެން ވަޒީރުންވެސް ވަނީ ޝާހިދުގެ ވާހަކަފުޅުތައް ދޮގުކުރައްވާފައެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރައީސް ޑރ މުއިއްޒުގެ ސަރުކާރު އައި އިރު ކިތައްމެ މަޝްރޫޢެއް އޮތީ ހުއްޓިފައިކަމަށެވެ. ނަމަވެސް ސަރުކާރުން އެކަންކަން އަލުން ފައްޓަވައި ބިލްތައްވެެސް ދައްކަވައި މަޝްރޫޢުތައް އެދަނީ ކުރިއަށްކަމަށެވެ. އަދި އޭގެތެރެއިން ބައެއް މަސައްކަތްތައް ނިމިފައިވާކަމަށާއި، އަދި އަނެއް ބައި ތަންތަން އެ ދަނީ ނިމެމުންކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ކުރީގެ ސަރުކާރުގައި ގިނަ މަޝްރޫޢުތަކެއް ހުއްޓިފައިވާކަން ކުރީގެ ވަޒީރު އަބްދުﷲ ޝާހިދަށް އެނގިވަޑައިނުގަތުމަކީ ދެރަކަމެއްކަމަށެެވެ. އަދި ތަރައްޤީގެ ނަމުގައި ބައެއް ރަށްރަށަށް ގެއްލުންދީފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އާދަމް ޝަރީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންދަވަނީ ނިމިދިޔަ ސަރުކާރުން ހުއްޓާލާފައިވާ ގިނަ މަޝްރޫޢުތަކެއް ހިންގަވަމުންކަމަށެވެ. އަދި އެ މަސައްކަތްތަކުގެ ނަތީޖާވެސް ވަރަށް އަވަހަށް ފެންނާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އަބްދުﷲ ޝާހިދަށް ރައްދު ދެއްވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ޕްރޮޖެކްޓް ހިންގުމުގެ ނަމުގައި ކުރީ ސަރުކާރުން ކޮރަޕްޝަނާއި ދަރަނި ބޮޑުކޮށްފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ޝާހިދު ނިސްބަތްވެވަޑައިގަންނަވާ ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނެފައިވާކަމަށް އިހުސާން ވިދާޅުވިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި މިދިޔަ ސަރުކާރުން ދިޔައީ ރަށްރަށުގެ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަމުންކަމަށެވެ. އަދި ދައުލަތުގެ ކުންފުނިތައް ބަނގުރޫޓް ކޮށްގެން ތަރައްޤީގެ މަޝްރޫޢުތައް ހިންގާކަމަށް ދެއްކިނަމަވެސް، އެއްވެސް ޕްރޮޖެކްޓަކަށް ފައިސާ ނުދައްކާ އޮތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ނިމިދިޔަ ސަރުކާރުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް އިއުލާންކުރިނަމަވެސް، އޭގެތެރެއިން މަސައްކަތް ނިންމާލެވިފައިވާ މަޝްރޫޢުތައް ވަރަށް މަދުކަން ކަމާއިބެހޭ ފަރާތްތަކުން ފާހަގަކުރައްވައެވެ. އަދި ގިނަ މަޝްރޫޢުތައް އިއުލާންކޮށްފައިވަނީވެސް ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރުކަންވެސް ފާހަގަކޮށްލެވެއެވެ.