ޚަބަރު

ރަޝިޔާއިން ޙަމަލާދީ ހަރްކިވުން ކަރަންޓު ކަނޑައިލައިފި


ޔޫކްރެއިންގެ އިރުއުތުރުގައި އޮންނަ ހަރްކިވަށް ރަޝިޔާއިން ވަރުގަދަ މިސައިލް ޙަމަލާތަކެއް ދިނުމާ ގުޅިގެން އެ ރަށުގެ ބޮޑު ސަރަޙައްދަކުން ކަރަންޓުގެ ޚިދުމަތް ކެނޑިއްޖެއެވެ. ހަރްކިވަކީ ޔޫކްރެއިންގެ ދެވަނައަށް އެންމެ ބޮޑު ރަށެވެ. ރަޝިޔާއިން އެ ރަށަށް ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ, ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ އިންޖީނުގެތަކާއި ކަރަންޓު ވިއުގައަށެވެ. އަދި, ސާފު ބޯފެން ފޯރުކޮށްދިނުމަށް ބޭނުން ކުރާ ބައެއް ޕަންޕު ސްޓޭޝަންތަކަށް ވެސް ރަޝިޔާއިން ޙަމަލާދީފައިވެއެވެ.

ހަރްކިވްގެ މޭޔަރު އީހޯރް ތެރެޚޮވް ވިދާޅުވީ އެ ރަށުގެ 15 ސަރަޙައްދަކަށް ރަޝިޔާއިން ވަރުގަދަ މިސައިލް ޙަމަލާތަކެއް ދީފައިވާ ކަމުގައެވެ. ނަމަވެސް, މި ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ. ތެރެޚޮވް ވިދާޅުވީ, މިއީ ހަރްކިވްގެ ކަރަންޓު ވިއުގައަށް އަމާޒުކޮށް ދީފައިވާ ޙަމަލާތަކެއް ކަމަށާއި, ޙަމަލާތަކާ ގުޅިގެން ޚިދުމަތް ކެނޑިފައިވާ ސަރަޙައްދުތަކަށް އަލުން ޚިދުމަތް ގުޅައިދޭން މަސައްކަތް ކުރަމުންދާ ކަމުގައެވެ.

ހަރްކިވްގެ އިތުރުން ޔޫކްރެއިންގެ މެދުތެރޭގައި އޮންނަ އެހެން ބައެއް ރަށްތަކަށް ވެސް ރަޝިޔާއިން ވަނީ މިސައިލް ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތައް އަމާޒު ކޮށްފައިވާ ރަށްތަކުގެ ތެރޭގައި ކްރެވުއީ ރީހާއި ވިއެންނިޓްޗާ ހިމެނެއެވެ. ވިއެންނިޓްޗާގެ މޭޔަރު ސަރްހިޔެ ބުއޮރްޒޮވް ވިދާޅުވީ, ރަޝިޔާގެ ޙަމަލާތަކުގައި ޢުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައެވެ.

ޔޫކްރެއިންގެ ދެކުނުގައި އޮތް ޒަޕޮރީޜިޔާއަށް ވެސް ރަޝިޔާއިން މިސައިލް ޙަމަލާތަކެއް އަމާޒު ކޮށްފައިވެއެވެ. ޒަޕޮރީޜިޔާގެ ބޮޑު ސަރަޙައްދެއް މިހާރު ވެސް އޮތީ ރަޝިޔާގެ އިސްތިޢުމާރީ ފައުޖުގެ އަތް ދަށުގައެވެ. ނަމަވެސް, ޔޫކްރެއިންގެ ފައުޖުތަކުން ހަރަކާތްތެރިވަމުން ދިޔަ އަށް ސަރަޙައްދަކަށް ރަޝިޔާއިން ވަނީ މިސައިލް ޙަމަލާތައް އަމާޒު ކޮށްފައެވެ. ދާދި ފަހުން ރަޝިޔާއިން ވަނީ ވެރިރަށް ކީވަށް ވެސް ވަރުގަދަ މިސައިލް ޙަމަލާތަކެއްދީ, ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

ރަޝިޔާއިން ޔޫކްރެއިންގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދީފައި މިި ވަނީ, ނޭޓޯގެ އަސްކަރީ ކޮމިޓީގެ އިސްވެރިޔާ ރޮބަރޓް ބައުއަރ ޔޫކްރެއިންގެ ވެރިރަށް ކީވަށް ދަތުރުފުޅެއް ފައްޓަވާފައިވާ ދަނޑިވަޅެއްގައެވެ. މިއީ, ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން ނޭޓޯގެ އަސްކަރީ ގޮފީގެ އިސް އޮފިޝަލަކު ކީވަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އޭނާއާ އެކު ނޭޓޯގެ އަސްކަރީ ގޮފީގެ އިސް ވަފުދެއް ވެސް ކީވަށް ދިޔައެވެ.

ކީވްގައި ބޭއްވި ސަލާމަތާ ބެހޭ ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުން ބައުއަރ ވިދާޅުވީ, ޔޫކްރެއިންގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރުމުގައި އެ ޤައުމުގެ ސިފައިން ކާމިޔާބީ ހޯދާނެ ކަމުގެ އުންމީދު ފަނޑުވިޔަ ދީގެން ނުވާނެ ކަމުގައެވެ. އަދި, އެ ކަން ހާސިލު ކުރުމަށް މި ވަގުތަށް ކުރެވެން އޮތް އެންމެ މުހިންމު މަސައްކަތަކީ, ޔޫކްރެއިންގެ ސިފައިންނަށް ބޭނުންވާ އެހީތެރި ކަން ވީ އެންމެ އަވަހަކަށް ފޯރުކޮށްދިނުން ކަމުގައެވެ.

"ޔޫކްރެއިނަށް މިހާރު އިތުރު އެހީތެރި ކަން ބޭނުންވޭ. މި ވަގުތު ބޭނުންވޭ. ޔޫކްރެއިންގައި ވަގުތު ގުނަނީ ދުވަސް, ހަފުތާ އަދި މަހަކުން ނޫން. ޔޫކްރެއިންގައި ވަގުތު ގުނަނީ އިންސާނުންގެ ފުރާނައިން. އެހެން ޤައުމުތަކުގައި ހަފުތާއަކީ ހަފުތާއެއް. ނަމަވެސް, ޔޫކްރެއިނަށް ހަފުތާއަކީ މައެއް, ބަފައެއް, ދަރިއެއް, ރަޙުމަތްތެރިއެއް, ނުވަތަ ލޯބިވެރިއެއްގެ ފުރާނަ،" ބައުއަރ ވިދާޅުވިއެވެ.

ބައުއަރގެ ދަތުރުފުޅާ ގުޅޭ ގޮތުން ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވީ, ޔޫކްރެއިންގެ އަސްކަރިއްޔާއަށް މި ވަގުތައް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ހަތިޔާރާއި, ވަޒަނާއި ޑްރޯނާ ބެހޭ މަޢުލޫމާތު ބައުއަރއާ ހިއްސާ ކުރައްވާފައިވާނެ ކަމުގައެވެ. އަދި, ޔޫކްރެއިނަށް އަސްކަރީ އެހީތެރި ކަން ހޯދަން ކުރަމުންދާ މަސައްކަތްތައް ވިލަރެސް ކުރުމުގައި ނޭޓޯއިން އިތުރު ދައުރެއް އަދާ ކުރުމަށް ގޮވައިލައްވާފައިވާނެ ކަމުގައި ވެސް ޒެލެންސްކީ ވިދާޅުވިއެވެ.