ޚަބަރު

މާލޭގެ މަގުތަކަށް ކުނި އަޅާ މީހުންގެ ފޮޓޮއާއި ވީޑީއޯ ފޮނުވަން އެދިއްޖެ


  • މާލޭގެ މަގުތަކަށް ކުނި އެޅުމުގެ މައްސަލަ ވަނީ ބޮޑުވެފައި

  • ސިޓީ ކައުންސިލުން ދަނީ މި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން

މާލޭގެ މަގުތަކަށް ކުނި އަޅާ ފަރާތްތަކުގެ ފޮޓޯ އާއި ވީޑިއޯ މާލެ ސިޓީ ކައުންސިލާ ހިއްސާކުރުމަށް އެ ކައުންސިލުން އެދިއްޖެއެވެ.

ސިޓީ ކައުންސިލުން މިގޮތަށް އެދިފައިވަނީ ރަމަޟާން މަހާ ދިމާކޮށް މާލޭގެ އެކި ސަރަޙައްދުތަކަށް ކުނިއެޅުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ މަގުމައްޗަށް ކުނި އަޅާ މީހުންގެ ފޮޓޯ އަދި ވީޑިއޯ ހިއްސާ ކުރުމަށް ޚާއްސަ ހޮޓްލައިނެއް ވެސް ތައާރަފުކޮށްފައެވެ. އެގޮތުން ކުނިއަޅާ މީހުންގެ ފޮޓޯ އާއި ވިޑީއޯ 9341144 އަށް ވައިބަރ އަދި ވަޓްސްއެޕް މެދުވެރިކޮށް ފޮނުވުމަށް އެ ކައުންސިލުން އެދެއެވެ.

ހޮޓްލައިންގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓް މެދުވެރިކޮށް ވެސް ކުނި އަޅާ ފަރާތްތަކުގެ މައުލޫމާތު ޙިއްސާ ކުރެވޭނެ އިންތިޒާމު އެކައުންސިލުން މިހާރު ވަނީ ހަމަޖައްސާފައެވެ.

މާލޭގެ މަގުތަކަށް ކުނި އެޅުމުގެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ. އެގޮތުން، ކުނި ޖަމާކޮށްފައި ހުންނަ ސަރަހައްދުތައް ސާފުކުރާއިރުވެސް އަދިވެސް އެ މައްސަލައަށް ފުރިހަމަ ހައްލެއް ނުލިބޭކަން ކައުންސިލުން ފާހަގަކުރެއެވެ.

ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް ގޭބިސީތައް ސާފުކުރުމަށްފަހު އުފެދޭ ބޮޑެތި ކުނި މަގުމައްޗަށް އުކާލާ މައްސަލަ ބޮޑުވެއެވެ. މިގޮތަށް ކުނި އުކާލާ ފަރާތްތަކާމެދު ފިޔަވަޅުވެސް އަޅައެވެ. އެގޮތުން، މި މަހުގެ ތެރޭގައި ވެސް 100 އަށްވުރެ ގިނަ މީހުން ވަނީ ކުނި އެޅުމުގެ ސަބަބުން ޖޫރިމަނާކޮށްފައެވެ.
މަގުމައްޗަށް ކުނި އަޅާ މައްސަލަ ބޮޑުވެ، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.