ޚަބަރު

އިސްލާމިކް ރިހެބިލިޓޭޝަން ދިނުމާއި ބެހޭގޮތުން މަޝްވަރާކޮށްފި


މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް އެކަމުން ސަލާމަތްކުރުމަށް އިސްލާމިކް ރިހެބިލިޓޭޝަންގެ ގޮތްތައް ބޭނުންކުރުމާއި ބެހޭގޮތުން މިޞްރުގެ ޑޮކްޓަރުންގެ ޓީމަކާއިއެކު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒިޔާދު މަޝްވަރާކުރައްވައިފިއެވެ. 

ރާއްޖެ ވަޑައިގެން އުޅުއްވާ މިޞްރުގެ ފެކަލްޓީ އޮފް މެޑިސިން ޔުނިވަރސިޓީ އޮފް އެލްގްޒެންޑްރީއާގެ މެޑިކަލް ޕްރޮފެސަރުންގެ ޓީމަކުން ހިންގާ ރޭޑިއޮލޮޖީ އަދި ސްކޭނިންގ ސެންޓަރު "ދާރުލް އަޟްޢާ"ގެ ޑޮކްޓަރުންގެ ޓީމަކާއެކު މިނިސްޓަރ ޒިޔާދު ބޭއްވެވި މިބައްދަލުވުމުގައި ރާއްޖޭގެ ސިއްހީ ނިޒާމް އިތުރަށް ތަރައްޤީކުރުމަށް މިސްރުގެ އެލެގްޒެންޑްރާ ޔުނިވަރސިޓީގެ މެޑިސިން ފެސިލިޓީއާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްކޭނިންގ ސެންޓަރުތައް ޤާއިމްކުރުމާއި ޓެލެމެޑިސިންގ ރާއްޖޭގައި ތަރައްޤީކުރުމާއި ބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ، 

މިބައްދަލުކުރެއްވުމުގައި އެޑްވައިޒަރ ޓު ދަ އިސްލާމިކް މިނިސްޓަރ ފަޟީލަތުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާޙިމާއި ޑެޕިއުޓީ މިނިސްޓަރ މުހައްމަދު މުސްތަފާ އިބްރާހިމް، ކޯރޑިނޭޓަރ ހިޝާމް އަހުމަދު ބައިވެރިވެވަޑައިގެންނެވިއެވެ. 

މިޞްރުގެ ޓީމުން ހެލްތް މިނިސްޓަރ އާއި ބައްދަލުކުރެއްވުމުގެ އިތުރުން، ރާއްޖޭގެ ބައެއް ހޮސްޕިޓަލްތަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.