ޚަބަރު

ކުޑަކުދިީންނަށް ޖިންސީ ގޯނާކުރާ މީހުން ދޫކޮށްލުމަކީ ބަލައިގަނެވޭނޭ ކަމެއްނޫން: ރައީސް


ކުޑަކުދިީންނަށް ޖިންސީ ގޯނާކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންނާއި އެފަދަ މައްސަލަ ތަކުގައި ޙުކުމް ކޮށްފައިވާ މީހުންނަށް ދޫކޮށްލުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދަޅުވެއްޖެއެވެ.

"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކުޑަކުދިީންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ނުވަތަ ޙުކުމް ކޮށްފައިވާ މީހުންނަށް މަޢާފުދިނުން، ނުވަތަ ލުއިދީ ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއްނޫންކަމަށެވެ. އަދި އެގޮތަށް ނިންމާ ނިންމުންތައް ލަސްނުކޮށް އިސްތިޢުނާފު ކުރުމަށް ސަރުކާރުން ޕީޖީ ގައި ދަންނަވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި މުޖުތަމަޢަކީ އެފަދަ ނުބައި ފަރާތްތަކުގެ ނުބައި ވަކިތަކުން ސަލާމަތްވެފައިވާ މުޖުތަމަޢަކަށް ހެދުމަށް އެންމެން އެކުގައި މަސަކަތް ކުރުމަށް އެދިވަޑައިގެންފައެވެ.

ކުޑަކުދިީންނަށް ޖިންސީ ގޯނާކުރާ މީހުންނަށް ލުއިދީ ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވާފައިމިވަނީ ރާއްޖޭގެ ރަށެއްގައި ކާފަ ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މިދިޔަ އަހަރު ހައްޔަރުކުރި މީހަކު ކޯޓުން ދޫކޮށްލާފައިވާ ދަނޑިވަޅެއްގައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުން އަންނައިރު މިކަންކަން ޢާއިލާގެ ތެރެއިންވެސް ކުރިމަތިވަމުންދެއެވެ. މީގެ އިތުރުން ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ރާއްޖޭގައި ޑައުންލޯންޑު ކުރުމުގެ މައްސަލަ ބޮޑުވުމުން އެފަދަ ކަންކަން މޮނީޓަ ކުރާ ބޭރުގެ ފަރާތްތަކުން މިދިޔަ އަހަރުހުށަހެޅި ކަމަށް އެންމެ ފަހުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ.

އެ ފަދަ ފުރަތަމަ މައްސަލަ ތަހުގީގުކުރުމަށް ފަހު، އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޕީޖީ އޮފީހަށް ފޮނުވި ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެމީހާއަށް ހަދާފައިވަނީވެސް ނަސޭހަތުގެ އެއްބަސްވުމެކެވެ.

ފުލުހުން ވިދާޅުވެފައިވަނީ ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ޑައުންލޯންޑު ކުރުމުގެ ދެ ވަނަ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ މީހުންގެ އެކި ޑިވައިސްތަކުން 2-18 އަހަރާ ދެމެދުގެ ކުދިންގެ އޮރިޔާން ފޮޓޯ އާއި ވީޑިއޯ ފެނިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ މައްސަލަ ތަހުގީގު ކުރުމުގައި އަމަލުކުރާނެ އުސޫލެއް ޕީޖީ އޮފީހާ ގުޅިގެން ޑްރާފްޓުކޮށް، އެ އުސޫލު މިހާރު އަންނަނީ ފައިނަލް ކުރަމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.