ކުޅިވަރު

ވެޓެރަންސް ލީގު: ލެގޫންސް އާއި ސްޓެލްކޯގެ ކުރިމަތިލުން އެއްވަރު


އެފްއޭއެމް ވެޓެރަންސް ލީގު 2024 ގައި މިއަދު ހަވީރު ލެގޫންސް ސްޕޯޓްސް ކުލަބާއި، ކުލަބު ސްޓެލްކޯ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ކުޅުނު ގްރޫޕް ބީގެ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ދެ ޓީމަށް ވަނީ މި ހާފުގައި ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެއާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވިއެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެން ލެގޫންސްއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 42 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލަކަށް ކުޅެން ނުކުތް ޑިފެންޑަރު އަބްދުﷲ ހަސަނެވެ.

އެކަމަކު އޭގެ ފަހުން ސްޓެލްކޯއިން ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް އެ ޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ކައުންޓަރ އެޓޭކެއްގައި އުފެއްދި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ޝިޔާން މުޙައްމަދު އާދަމެވެ. އަދި އޭގެ ފަހުން މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސްޓެލްކޯގެ ޝިފާޒް ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.

ވެޓެރަންސް ލީގުގައި ކުޅުނު ދެވަނަ މެޗުން ލެގޫންސް އާއި ސްޓެލްކޯ އެއްވަރުވިއިރު، މި ދެ ޓީމުންވެސް ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުތަކުން ވަނީ ބަލިވެފައެވެ. އެގޮތުން ފުރަތަމަ މެޗުގައި މުއިވެޔޮ ފްރެންޑްސް 3-1 ގެ ނަތީޖާއަކުން ލެގޫންސް ބަލިވިއިރު، ސްޓެލްކޯ ވަނީ މޯލްޑިވްސް ސޮކަރ މޭޓްސް (އެމްއެސް މޭޓްސް) އަތުން 4-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެހެންކަމުން މިއަދު ލިބުނު ޕޮއިންޓަކީ ބާރާތުގައި ކުރިއަށް ދިޔުމަށް ދެ ޓީމަށްވެސް ވަރަށް މުހިންމު ޕޮއިންޓެކެވެ.

40 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ބާއްވާ ވެޓެރަންސް ލީގު މި ފަހަރު ކުރިއަށްދަނީ 10 ޓީމުގެ މެދުގައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތުގެ ކުޅުން ކުރިއަށްދާއިރު، ލެގޫންސް އާއި ސްޓެލްކޯ ގެ އިތުރުން ގްރޫޕް ބީގައި ހިމެނެނީ އެމްއެސް މޭޓްސް އާއި، މުއިވެޔޮ އަދި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބެވެ. އަދި ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް އާއި، ވިލިމާލެ ޔުނައިޓެޑާއި، ޕޮލިސް ކުލަބާއި، ހުއްރިއްޔާ ސްޕޯޓްސް ކުލަބު އަދި ދިވެހި ސިފައިންގެ ކުލަބެވެ.