ކުޅިވަރު

ފީފާގެ އެންގުމާއެކު އެފްއޭއެމްގެ އިންތިޚާބު މަޑުޖައްސާލައިފި


ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އާއި އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ އޭއެފްސީން އެންގުމާއެކު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިޚާބުގެ ކަންކަން މަޑުޖައްސާލައިފިއެވެ.

އެފްއޭއެމުގެ އިންތިޚާބު މި ފަހަރު ބާއްވަން ތާވަލުކޮށްފައި އޮތީ އަންނަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހެވެ. އެއާއެކު އެފްއޭއެމުގެ ރައީސްގެ މަގާމަށް މި ފަހަރު ކުރިމަތިލއްވާފައިވަނީ އެ އެސޯސިއޭޝަނުގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ކުރީގެ ރައީސް އަޙްމަދު ޠާރިޤު (ޓޮމް) އެވެ.

އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޖައުޝަން ޝަރީފް (ޖައު)، އެ އިދާރާގެ ވަޓްސަޕް މީޑިއާ ގްރޫޕުގައި މިރޭ ލިޔުއްވި މެސެޖެއްގައި ވަނީ ފީފާއަށް އެފްއޭއެމާ ގުޅޭ ގިނަ ޝަކުވާތަކެއް ހުށަހަޅާފައިވާތީ، އެ އިދާރާ އާއި އޭއެފްސީގެ އެންގުމުގެ މަތިން އިންތިޚާބުގެ ކަންކަން މަޑުޖައްސާލަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ އިދާރާތަކުން ބަލަމުން އަންނަ ކަންކަން ހައްލުކުރާއިރު، ފީފާ އާއި އޭއެފްސީއަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން އެފްއޭއެމުން ދޭނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން އެފްއޭއެމުން މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ބާއްވަން މަސައްކަތްކުރި އިންތިޚާބުގެ ކަންކަންވެސް ހުއްޓާލަން ޖެހުނީ، ފީފާ އާއި އޭއެފްސީން އެންގުމުންނެވެ. ފީފާ އާއި އޭއެފްސީން އެގޮތަށް އެންގީ އެ ފަހަރުގެ އިންތިޚާބުގައި ވާދަކުރެއްވި ޠާރިޤުގެ ކެންޑިޑެސީ ބާތިލުކުރަން ނިންމާފައިވަނިކޮށް، އިލެކްޓޯރަލް ކޮމިޓީ އެކުލަވާލައިފައިވާ ގޮތް ސައްހަ ނޫން ކަމަށް ބަޔާންކޮށެވެ. އެއާއެކު މިދިޔަ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު ބޭއްވި އެފްއޭއެމުގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއްގައި އެފްއޭއެމުން ވަނީ އިންތީޚާބީ ކޮމިޓީތައް އެކުލަވާލާފައެވެ.

އެފްއޭއެމުން މި ފަހަރުގެ އިންތިޚާބު އިއުލާންކޮށްފައިވަނީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ވެލެންސިއާ ސަސްޕެންޑް ކުރުމަށްފަހުއެވެ. އެފްއޭއެމުގެ ރައީސްކަމުގެ ދެވަނަ ދައުރެއް މިހާރު ފުރުއްވަމުން އަންނަ ބައްސާމް މި ފަހަރު އިއުލާންކުރި އިންތިޚާބަށް ކުރިމަތިލެއްވިއިރު، އެ އިދާރާއިން މީގެ ކުރިން ބާއްވަން މަސައްކަތްކުރި އިންތިޚާބުގައި ބައްސާމް ވާދަކުރައްވާފައެއް ނުވެއެވެ. އެ ފަހަރު ޠާރިޤުގެ އިތުރުން އިންތިޚާބުގައި ވާދަކުރެއްވީ ކުލަބު އީގަލްސްގެ ވައިސް ޗެއާމަން މުފާވިޒް ހާޝިމް (މުފާ) އެވެ. އެކަމަކު އޭގެ ފަހުން މިދިޔަ މަހުގެ ފަހުކޮޅު މުފާ ވަނީ އެފްއޭއެމުގެ ހިންގާ ކޮމިޓީގެ މެންބަރުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.