ޚަބަރު

ޙާއްޞަ އިނާމްދެއްވުމަށް 4 ދާއިރާއެއް ކަނޑައަޅުއްވައިފި


މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމުގެ ތެރޭގައި ހިމެނޭ ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ގިންތިން މިއަހަރު 4 ދާއިރާއަކުން އިނާމު ދެއްވުމަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން ނިންމަވައިފިއެވެ. މިގޮތުން އިނާމު ދެއްވުމަށްޓަކައި މިއަހަރު ހުޅުއްވައިލެއްވުމަށް ހަމަޖެއްސެވި ދާއިރާތަކަކީ:

(ހ) ފުރާވަރުގެ ޢުމުރުގެ ކުދިންނަށް އިސްލާމީ ރިވެތި އަޚްލާޤުގެ މައްޗަށް ބިނާވެފައިވާ ޢިބްރަތްތެރި ވާހަކަ ލިޔުމުގެ މުބާރާތް. މި މުބާރާތާބެހޭ ކަންކަން ކުރިއަށް ގެންދަވާނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންނެވެ.

(ށ) ކުޑަކުދިންނަށް ދިވެހިބަހުން [ނާވިލު] ލިޔުމުގެ މުބާރާތް. މި މުބާރާތާބެހޭ ކަންކަން ކުރިއަށް ގެންދަވާނީ، ދިވެހިބަހުގެ އެކެޑަމީންނެވެ.

(ނ) ނާށި ބޭނުންކޮށްގެން ތަކެތި އުފެއްދުމުގެ މުބާރާތް. މި މުބާރާތާބެހޭ ކަންކަން ކުރިއަށް ގެންދަވާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުންނެވެ.

(ރ) ދިވެހިރާއްޖޭގެ ތާރީޚީ ޙާދިޘާތަކުގެ މައްޗަށް ލިޔެފައިވާ ވާހަކައެއް ނުވަތަ ޙާދިޘާއެއް އަޞްލަކަށް ބަލައިގެން ނުވަތަ ދިވެހި ފޯކްލޯރއެއްގެ މައްޗަށް ބިނާކޮށް އަޞްލު ނުގެއްލޭގޮތަށް، ވިޜުއަލް އާޓްސް އަދި ޕަރފޯމިންގ އާޓްސް ބޭނުންކޮށްގެން ބާއްވާ މުބާރާތް. މި މުބާރާތާބެހޭ ކަންކަން ކުރިއަށް ގެންދަވާނީ، ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިންނެވެ. މި މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުއްވައިލައްވައި، އެކަމުގެ ތަފްޞީލުތައް، ކަމާބެހޭ އިދާރާތަކުން މިހާރުވަނީ އިޢުލާނު ކުރައްވާފައެވެ. މި މުބާރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް، ކަމާބެހޭ މުއައްސަސާއަކުން ހުށަހަޅުއްވާނީ، އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅުއްވި ފަރާތެކެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމުގައި ހިމެނޭ އެހެން ދާއިރާތަކަށް ނަން ހުށަހެޅުމުގެ ފުރްޞަތު، ޚާއްޞަ އިނާމާބެހޭ ކޮމިޓީން ހުޅުއްވައިލައްވާނީ، މިއަހަރުގެ ޖޫންމަހުގެ ފަހު ހަފްތާގެ ތެރޭގައެވެ.