ކުޅިވަރު

"އަރަމުން އަންނަ ކްރިކެޓް ކުޅުންތެރިންނަށް ދިމާވާ ގޮންޖެހުމަކީ ކުޅޭނެ ތަނެއް ނެތުން"


މިހާރު އަރަމުން އަންނަ ޒުވާން ކްރިކެޓް ކުޅުންތެރިންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކުޅޭނެ ތަނެއް ނެތުން ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) ގެ ޑިވެލޮޕްމަންޓް މެނޭޖަރ އިމާދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަދައްކަވަމުން އިމާދު ވިދާޅުވީ ގައުމީ ޓީމަށްވެސް އަތޮޅުތެރެއިން ލިބެމުންދާ ތަރުހީބު ރަނގަޅު ކަމަށާއި، އެގޮތުން ފުވައްމުލައް ސިޓީން ވަރަށް ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިން ގައުމީ ޓީމުގައި ހިމެނޭ ކަމަށެވެ. ފުވައްމުލަކުން ފިރިހެން ކުދިން ގައުމީ ޓީމުގައި ހިމެނޭއިރު، ގައުމީ އަންހެން ޓީމުގައި ހިމެނެނީ ލ. ކުނަހަންދޫގެ ކުޅުންތެރިން ކަމަށްވެސް ވިދާޅުވިއެވެ.

އިމާދު ވިދާޅުވީ އަތޮޅުތަކުގައި ހިންގުނު ތަފާތު ކޯސްތަކުން ހުނަހުރި ތަފާތު މޮޅެތި ކުޅުންތެރިން ފާހަގަވި ކަމަށާއި، އެކަމަކު އެ ކުޅުންތެރިންނަށް ހުނަރު ދައްކާލަން ކުޅޭނެ ތަނެއް ނެތް ކަމަށެވެ.

"
މިސާލަކަށް ހިންނަވަރުގައި އަޅުގަނޑުމެން ކޯސް ބޭއްވިން. އެ ރަށުން ވަރަށް ތަފާތު ކުޅުންތެރިން ފާހަގަވި. ހަގީގަތުގައިވެސް ވަރަށް މޮޅެތި ކުޅުންތެރިން ތިބޭ. އެ ކުޅުންތެރިންނަށް ކުޅެވޭނެ މަގުތަކެއް އަޅުގަނޑަމެން ނޯވޭ ދެއްކިފައެއް.
އިމާދު އިސްމާޢީލް - ކްރިކެޓް ޑިވެލޮޕްމަންޓް މެނޭޖަރ

ކުރިކެޓް އިތުރަށް ފުޅާކުރުމައްޓަކައި ޒުވާން ކުޅިންތެރިންނަށް ކުޅެވޭނެ ގޮތްތަކެއް ހޯދައިދޭން ޖެހޭ ކަމަށާއި، އެ ކުދިންނަށް ކުޅޭނެ ތަނެއްގެ މުހިންމުކަން އިންތިހާއަށް ބޮޑު ކަމަށް އިމާދު ވިދާޅުވުއެވެ. އަދި ރާއްޖޭގައި ކްރިކެޓް ކުޅުމަށް ހުރި ވަސީލަތްތަކަށް ބަލާއިރު، މި ވަގުތު ފުރިހަމަ އިންޑޯއެއް އޮތް ނަމަވެސް، އެ އިންޑޯ އަކީ ކްރިކެޓް ކުޅެން އެންމެ ރަނގަޅުތަން ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"
އިންޑޯ ތެރޭގައި ކުޅޭއިރު ވާގޮތަކީ ކުޅުންތެރިންނަށް ހީވެދާނެ ވަރަށް ބާރަށް ބޯޅަވެސް ޖެހޭނޭ. އަޑުވެސް ވަރަށް ބާރުވާނެ. އެކަމުވެސް ބޯޅަ ދާ ތަނެއް އެއްގޮތަކަށްވެސް ނޭގޭނެ. ކުދިންނަށް ހީވެދާނެ ވަރަށް ބާރަށް ޖެހުނީމަ، އެ ޖެހުނީ ހަތަރަކަށޭ ނުވަތަ ހަޔަކަށޭ. އެކަމަކު އެޓް ދަ އެންޑް އެހާ ރަނގަޅަކަށް ނުދާނެ.
އިމާދު އިސްމާޢީލް - ކްރިކެޓް ޑިވެލޮޕްމަންޓް މެނޭޖަރ

މާލޭގައި ކުރިކެޓް ކުޅެމުން އަންނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ކުޅޭ ފެންވަރަށް ވުރެން ކުޑަ ދަނޑެއްގައިކަން އިމާދު ވަނީ ފާހަގަކުރައްވާފައެވެ. އަދި އެއީވެސް މި ވަގުތަށް ބަލާއިރު ރާއްޖޭގެ ކްރިކެޓަށް އޮތް ގޮންޖެހުމެއް ކަމަށް އިމާދު ވިދާޅުވިއެވެ.