ޚަބަރު

ބިދޭސީންގެ މައްސަލަ އަހަރެއްހާ ދުވަސްތެރޭ ޤާނޫނީ ހަމަތަކުގެ ތެރެއަށް ގެނެވޭނެ: ވަޒީރު


  • ޤަވާޢިދާ ޚިލާފަށްއުޅޭ ބަންގްލަދޭޝް މީހުންގެ އެކްޓިވް ވޯކް ޕާމިޓްގެ އަދަދަކީ 135،149

  • އޭގެ ތެރެއިން ވެލިޓް އެކްޓިވް ވޯކް ޕާމިޓްގެ އަދަދު އުޅެނީ 39،004 ގައި

ޤާނޫނާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ކުރިއަށްއޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ޤާނޫނީ ހަމަތަކުގެ ތެރެއަށް ގެންނަވާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައާ ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ވަޒީރު ޢަލީ އިޙުސާން ވިދާޅުވީ ރާއްޖޭގައި ޤާވާއިދާ ޚިލާފަށް ޤިނަ އަދަދެއްގެ ބިދޭސީން އުޅެމުންދާކަމަށެވެ.

ޤަވާޢިދާ ޚިލާފަށްއުޅޭ ބިދޭސީންގެ ސީދާ އަދަދު އަދި ސާފުވެފައި ނުވިނަމަވެސް ބަންގްލަދޭޝަށް ނިސްބަތްވާ ރައްޔިތުންގެ އެކްޓިވް ވޯކް ޕާމިޓްގެ ގޮތުގައި މިވަގުތު 135،149 ވޯކްޕާމިޓް ހުރިއިރު އޭގެ ތެރެއިން ޤާވާއިދުން ލާރިދައްކާ ނުވަތަ ވެލިޓް އެކްޓިވް ވޯކް ޕާމިޓްގެ އަދަދު އުޅެނީ 39،004 ގައިކަމަށް ވަޒީރު ވިދާޅުވިއެވެ.

ދެންތިބި އެންމެނަންކީވެސް މިވަގުތަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ކަމަށް ބެލެވުނު ނަމަވެސް އޭގެ ތެރެއިން ވަރަށް ގިނަ މީހުންނަކީ ބޯޑަރ ކޮންޓްރޯލް ސިސްޓަމުން ބަލާއިރު، ރާއްޖެ ދޫކޮށް ގޮސްފައި ތިބި މީހުން ކަމަށެވެ.

"ރާއްޖޭގެ މިފަދަ ގިނަ ކުންފުނިތަކުން މީހުން މަސައްކަތައް ގެނެސް އެމީހާއަށް މުސާރަ ނުދިނުން ފަދަ މައްސަލަތަކާއި ގުޅިގެން ފިލައިގެން ދިއުމަށްފަހު އެމުއާމަލާތްތައް ސަރުކާރުގެ އިދާރާތަކާއެކު ރަނގަޅަށް ހިންގާފައި ނުވޭ. ދެން ފިލައިގެން ދިޔައިމަ މިސިންގ އަށް މިލަނީ މިސިންގ އަށްލީމަ އެއީ އަދި އެމީހާ ރާއްޖެއިން ދިޔައީކަމަށް ނުބެލެވޭ" ވަޒީރު އިޙްސާން ވިދާޅުވިއެވެ.

ޤާވާއިދާ ޚިލާފަށް ގިނަ އަދަދެއްގެ ބިދޭސީން ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަކީ ޤައުމީ ސަލާމަތައްހުރި ނުރައްކަލެއް ކަމަށް ޤަބޫލުކުރައްވާކަމަށާއި، އެފަދަ ކަންކަމުގައި ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުގެ ތެރެއިން މަޤާމުގެ ނުފޫޒު ނާޖާއިޒުގޮތުގައި ބޭނުންކުރާ ފާރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މުއައްސަސާތަކުގެ ތެރޭގައި ތިބި މީހުންގެ އިހުމާލު މީގެ ތެރޭގައި ވަރަށް ބޮޑަށް އެބައޮތް. މިހާރު ތަހުގީގުކުރެވެމުންވެސް އެބަދޭ މަގާމުގެ އޮތޯރިޓީ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ޤަވާއިދާ ޚިލާފަށް މީހުން ގެންނެސް ބިދޭސީން މަގުމައްޗަށް ދޫކޮއްލާ މައްސަލަތައް. އެފަރާތްތަކާމެދު ހަރުކަށި ފިޔަޅު އަޅާނެ" ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވިއެވެ.

ބަންގްލަދޭޝް އިން ލޭބަރުން ރާއްޖެ ގެނައުމަށް އަލުން ހުއްދަ ދިން ފަހުން މިހާތަނަށް 5400 ވޯކްޕާމިޓް ދޫކޮށްފައިވާ ކަމަށާއި ކުރިއަށް އޮތް ހަތަރު މަސްތެރޭގައި ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މަސައްކަތްތެރިންގެ އަދަދު ގާނޫނުގައި ބުނާ އަދަދު ހަމަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ހޯމްލޭންޑް ވަޒީރުވަނީ މަޖިލިސް ޖަލްސާގައި ވިދާޅުވެފައެވެ.

ބަންގްލަދޭޝް ލޭބަރުންގެ އަދަދާ ގުޅޭ ގޮތުން އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ކުރެއްވި ސުވާލުގެ ޖަވާބުގައި ވަޒީރު ވިދާޅުވީ 17 ޑިސެންބަރު 2023 ގެ ނިޔަލަށް ދިވެހިރާއްޖޭގައި ވަޒީފާއަދާ ކުރަންތިބި ބަންގްލަދޭޝްގެ ރައްޔިތުން ޢަދަދަކީ 90،624 ކަމަށާއި، 12 ނޮވެންބަރު 2023 އިން 17 ޑިސެންބަރު 2023 ގެ ނިޔަލަށް ވިސާ ކެންސަލްކޮށް ރާއްޖެއިން ފުރި ބަންގްލަދޭޝް މީހުންގެ ޢަދަދަކީ 206 ކަމަށެވެ.

ރާއްޖެއަށް ބަންލަދޭޝް މީހުން އަންނަ މިންވަރާ ބަލާއިރު ޤާނޫނުގައި ބުނާ 100،000 މީހުންގެ އަދަދު ހަމަވާނެ ކަމަށް ލަފާ ކުރެވެނީ ކޮން އިރަކުންތޯ މެންބަރަކު ސުވާލުކުރެއްވުމުން ވަޒީރު ވިދާޅުވީ، 17 ޑިސެންބަރުގައި ދިން ހުއްދައިގެ ފަހުން 5400 އެކްޓިވް ވޯކްޕާމިޓް ދޫކުރެވުނު ކަމަށާއި އޭގެ ތެރެއިން 4000 މީހުން ރާއްޖެ އައިސްފައިވާ ކަމަށެވެ. މިހާރު އޮތް ރޭޓުގައި ބަލާނަމަ ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ނިޔަލަށް އަދަދު ހަމަވެދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.